މިއީ ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން: އިބޫ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރަންވީ އިންތިހާބެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޗެއާޕާސަންގެ މަގާމަށް ނަޝީދުއާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމަށް ތާއީދު ހޯއްދެވުމަށް ޅ. ހިންނަވަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ އެމަނިކުފާނާއި ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅިވަޑައިގެން މިދިޔަ ހުކުރު ދުވަހު އުފެއްދެވީ ޔުނައިޓެޑް ޑިމޮކްރެޓިކް ފްރަންޓް ނަމަކަށް ކިޔާ އިއްތިހާދެއް ކަމަށާއި ތިން ބޭފުޅުން ވެސް މަސައްކަތް ކުރަންވީ މި ސަރުކާރު ބަދަލު ކުރުމަށް މިހާރުން މިހާރަށް ކުރަންވީ ކަންތައް ކުރުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ އަކީ ރައީސް ނަޝީދު ވާދަކުރައްވަންވީ އިންތިހާބެއް ނޫން. މިއީ އެމަނިކުފާނު އަޅުގަނޑުމެންނާއެކީގައި ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި އަޅުގަނޑުމެން ތިން ރައީސުން ފެށި މަސައްކަތުގައި ދެމިހުންނަންވީ،" ސޯލިހު ވިދާޅުވި އެވެ.
ނަޝީދަށް "ބަދު ބަހެއް" ވިދާޅުވާން ބޭނުން ނުވާކަން ފާހަގަކުރައްވައި ސޯލިހް ވިދާޅުވީ ނަޝީދު ކުރައްވާފައި ހުރި މަސައްކަތްތައް ބަލައިގަނެ އަދި އިހުތިރާމް ކުރައްވާ ކަމަށެވެ. ނަމަވެސް މިއީ އެމްޑީޕީގެ ލީޑާޝިޕަށް އައު ބަޔަކު ގެނެސް ޕާޓީގެ ކުރީގެ އިސް ބޭފުޅުންގެ ތަޖުރިބާއާއެކު ގައުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަންވީ ވަގުތު ކަަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
ޗެއާޕާސަން އިންތިހާބުގައި މީކާއިލްއަށް ތާއީދުކުރަން ނިންމެވީ ސިޔާސީ ތަޖުރިބާގެ އަލީގައި ޕާޓީގެ މުސްތަގުބަލަށް ވިސްނުމަށްފަހު ކަމަށާއި އެމްޑީޕީއަކީ އަބަދުވެސް އާ ލީޑަރުން އުފައްދާ ޕާޓީއެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ