8 ވަނަ ފަހަރަށް ވޯޓު ލައިގެން މަހިބަދޫ ކައުންސިލްގެ ނައިބަކަށް ޒައީމާ

އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށްޓަކައި އާ ކައުންސިލަރުންގެ މެދުގައި އަށްވަނަ ފަހަރަށް ބޭއްވި ވޯޓުގައި، އެ ކައުންސިލްގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދު ރޭ އިންތިޚާބުކޮށްފިއެވެ. ރޭ 9:00 ގައި ބޭއްވި މި ޖަލްސާގައި ޒައީމާ ނައިބު ރައީސްކަމަށް ހޮވުނީ ތިން ވޯޓު ލިބިވަޑައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫނަށް ލިބިވަޑައިގަތީ ދެ ވޯޓެވެ. ޒައީމާއަކީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށު ކައުންސިލްގެ ރައީސްކަމަށް ވެސް ވާދަކުރެއްވި ބޭފުޅެކެވެ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޒައީމާއާއި މައުމޫނުގެ އިތުރުން އަމިއްލަ މެންބަރު ބުންޔާމީން ހަސަނެވެ. އެންމެ ފުރަތަމަ ބުރުގައި ޒައީމާއާއި މައުމޫނަށް ދެ ވޯޓު ލިބުނުއިރު، ބުންޔާމީނަށް ލިބުނީ އެއް ވޯޓެވެ. އޭގެ ފަހުން ބޭއްވި ކޮންމެ ވޯޓެއްގައި ވެސް ޒައީމާއާއި މައުމޫންގެ ވޯޓު އެއްވަރުވެ، ބާތިލު އެއް ވޯޓު ހިމެނުމުގެ ސަބަބުން ނައިބަކު ހޮވުން އޮތީ ދިގުލައިގޮސްފައެވެ. ވޯޓުގެ ކަންކަން ދިޔަ ގޮތާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެއްވަމުން މަހިބަދޫ ކައުންސިލް މެންބަރު އަދި ކައުންސިލްގެ ނައިބަކަށް އަމިއްލަ ގޮތުން ވާދަކުރެއްވި ބުންޔާމީން ހަސަން ވިދާޅުވީ، ކައުންސިލްގެ ނައިބު ރައީސަކު ހޮވުމަށް މާ ބޮޑަށް ދިގުލައިގެންދާތީ އެ ބޭފުޅާގެ ވޯޓު ދެއްވައިގެން ނައިބަކު ހޮވަން ފުރުސަތު ދިނީ ކަމަށެވެ. "އަޅުގަނޑުގެ ވޯޓު ދިނީ ޒައީމާއަށް. އެއީ މާ ބޮޑަށް މިކަން ދިގުލައިގެން ދާތީ އެގޮތައް ނިންމީ،" ބުންޔާމީން ވިދާޅުވިއެވެ. އާ ދައުރަކަށް އިންތިޚާބުވި ފަސް މެންބަރުން މިދިޔަ އާދިއްތަ ދުވަހު ހުވާކުރެއްވި ނަމަވެސް، ނައިބަކު ނުހޮވި އޮތުމުގެ ސަބަބުން ކައުންސިލްގެ ރަސްމީ މަސައްކަތްތައް ފެށޭގޮތް ވަނީ ނުވެފައެވެ. ގާނޫނުގައިވާ ގޮތުން ކައުންސިލަރުން ހުވާކުރުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ނައިބު ރައީސަކު އިންތިޚާބުކުރަން ޖެހެއެވެ. މި މަގާމަށް ބޭފުޅަކު ހޮވުމަށްޓަކައި ކައުންސިލަރުން ހުވާކުރި ފުރަތަމަ ދުވަހު އެކަނި ވެސް ހަ ފަހަރަށް ޖަލްސާ ބޭއްވިއެވެ. އަދި، އިއްޔެ މެންދުރު ވެސް މި ކަމަށްޓަކައި ޖަލްސާއެއް ބޭއްވި ނަމަވެސް، ނަތީޖާއެއް ނުނެރެވި އޮތުމަށް ފަހު މައްސަލަ ހައްލުވީ ރޭ ބޭއްވި އަށްވަނަ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ