މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް އަމަލުކުރާ ރީހެބިލިޓޭޝަން ނިޒާމަކީ މުޖްތަމަޢުގެ ބައިވެރިވުމާއެކު އިސްލާމީ އުސޫލްތަކުގެ މަތިން ހިނގޭ ނިޒާމަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވަނީ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުމަށް މުޖްތަމަޢުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހާމަކޮށް ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 3 ވަނަ އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކަމުގެ ބައެއް ތަފްސީލްތައް ހިއްސާކޮށްދެއްވާފައެވެ. އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ މިމައްސަލައަކީ ރާއްޖޭގައި އެންމެ ބޮޑަށް މޫލާ އޮތް އެންމެ ޒަމާންވީ މައްސަލަކަން ފާހަގަކުރައްވާފައެވެ.
ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑަށް އިސްކަން ދެނީ މިމައްސަލައިގެ އެންމެ އަޑީގައި ހުރި ކަންކަން ހައްލުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިއީ މަތިމަތިން ސުޕަފިޝަލް ގޮތަކަށް ކުޑަކުޑަ ގޮތަކަށް ކަމެއް ކޮށްލައިގެން ވާވަރު ކަމެއް ނޫން. މަސްތުވާތަކެތީގެ މައްސަލަ ޤައުމުން ފޮހެލާ ކަމަށްވަންޏާ ހަޤީޤީ ރޫޓް ކޯޒް ތަކަށް ދާން ޖެހޭނެ. ދެން އެޔާއެކީ މަސްތުވާތަކެތި އިތުރަށް ފެތުރި މިކަމުގެ ތެރެއަށް ޒުވާނުން ވަންނަ ވަނުން ހުއްޓުވަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ. މި ދެންނެވި ގޮތަށް ވަށާޖެހޭ ގޮތަކަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ޖެހެނީ. އެއީ ސަރުކާރުގެ ސިޔާސަތަކީ " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މުޅި މުޖްތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މިގޮތުން ޢާއިލާތަކުން ފެށިގެން ގޮސް މަދަނީ ޖަމީއްޔާތަކާއި ދައުލަތުގެ މުޢައްސަސާތައް ހިމެނޭޙެން ހުރިހާ އެންމެ ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ އެމަނިކުފާނު ގެންގުޅޭ އަމާޒު ހިއްސާކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިމައްސަލައިގެ ތެރެއަށް ވަދެފައި ތިބި ކުދިން އެކަމުން ސަލާމަތް ކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިކަމުން ސަލާމަތްވާ ކުދިންނަކީ އަބުރުވެރި ދިރިއުޅެމެއް ބިނާކުރެވޭނެ ގޮތް މެދުވެރިކޮށް ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ވަބާގައި ޖެހިފައި ތިބި ކުދިން އަނބުރާ މުޖްތަމަޢުއަށް ގެންނައިރު އެކުދިން އަނބުރާ މަސްތުވާތަކެއްޗަށް ނުދާނެ ކަމުގެ ޔަޤީންކަން މި ނިޒާމުގެ ތެރެއިން ލިބެންޖެހޭ ކަމަށެވެ.
" މިއަދު ރީހެބިލިޓޭޓްވެގެން ނިކުންނަ ކުއްޖާ އަނބުރާ މަސްތުވާތަކެއްޗަށް ނިކުތުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން. އަޅުގަނޑުމެން ޤައުމަކީ މާތްވެގެންވާ އިސްލާމްދީން މަތީ ފައިތިލަ ސާބިތުކޮށްފައިވާ ޤައުމަކަށްވާއިރު، އަސާސަކަށް ވާންޖެހެނީ އިސްލާމް ދީނުގައި އޮންނަ ހަމަތައް. އިސްލާމީ އުސޫލްތަކުގެ މަތިން ދީނީ ކަންކަމަށް ލޯބި ކުރާ ދީނުގައި އޮތް ރަނގަޅަށް ޤަބޫލުކުރާ ނުބައި އަމަލުތަކުގެ ތެރެއިން ނިކުތުމުގެ އަޒުމު އެ ބިންގަލުގެ މަތީގައި ބިނާވާ ރީހެބިލިޓޭޝަން ނިޒާމެއްގެ ތެރެއަށް ދިއުން. އަދި އެއީ މުޖްތަމަޢު ބައިވެރިވާ ނިޒާމެއްގެ ތެރެއަށް ދާންޖެހެނީ " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިހާރުވެސް ރާއްޖޭގެ 3 ރަށެއްގައި ރީހެބިލިޓޭޝަން މަރުކަޒުތަކެއް ސަރުކާރުން ދަނީ ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މުޅީ ނިޒާމަށް ދައިމީ އަދި ޒަމާނީ ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިގޮތުން މުޢައްސަސާތަކުގައި ހުރި މައްސަލަތައް ހައްލުކޮށް އެތަންތަން އެކަށީގެންވާ ވަސީލަތްތަކާއެކު ހިންގަން މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިހެބިލިޓޭޝަން ހިންގަންވާނީ މުޖްތަމަޢުގެ ބައިވެރިވުމާއެކު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ