ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމައިފި

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް، ކަނޑައެޅިފައިވާ ތާރީޚަށް ވުރެ އަވަސްކުރުމަށް އެ ޕާޓީގެ އާންމު މަޖިލީހުން ފާސްކޮށްފިއެވެ.
އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ނިންމީ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅަށް ފަހު މެންބަރުންގެ މެދުގައި އެއްބަސްވުމަކަށް އާދެވިގެންނެވެ. މީގެ ކުރިން ކޮންގްރެސް ބޭއްވުމަށް ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
މި ބަދަލާ ގުޅޭގޮތުން ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލާ ސުވާލުކުރުމުން ވިދާޅުވީ، ކޮންގްރެސް ބާއްވާނެ ވަކި ތާރީހެއް ޕާޓީން ރަސްމީކޮށް އިއުލާންކުރާނެ ކަމަށާއި، މި ވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެކްސްގައި ވިދާޅުވެފައިވަނީ ރޭ ބޭއްވި ޕީއެންސީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސްގެ ހުށަހެޅުއްވުމެއް އިއްތިފާގުން ފާސްވި ކަމަށެވެ. ނަމަވެސް އެއީ ކޮން ހުށަހެޅުއްވުމެއް ކަމެއް ހާމައެއް ނުކުރައްވައެވެ.
ޝުޖާއު ވިދާޅުވީ، ޕާޓީގެ މެމްބަރުންގެ މަޖިލީހުގެ ބައްދަލުވުންތައް ކައިރި ކައިރީގައި ބާއްވާނެ ކަމަށާއި މުޅި ޕާޓީ ދަނީ ކޮންގްރެސްއަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށެވެ.
ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކޮންގްރެސް ބޭއްވުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އެރުވުމަކީ ޕާޓީގެ އަމާޒެކެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ސްޓިއަރިން ކޮމިޓީތައް އެކުލަވައިލުމާއި، ހުރިހާ ރަށެއްގައި ޕާޓީގެ ޖަގަހަތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާނެ ކަމަށް ޕާޓީން މީގެ ކުރިން ހާމަކޮށްފައިވެއެވެ.
ރައީސް މުއިއްޒު ވަނީ ހުރިހާ ރަށެއްގެ މެންބަރުން ވެސް މިހާރުއްސުރެ ކޮންގްރެސްއަށް ތައްޔާރުވުމަށާއި، ޕާޓީއަށް އައު މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރުމަށް މީގެ ކުރިން ގޮވާލައްވާފައެވެ.
މި ކޮންގްރެސްއަކީ ޕާޓީގެ ދާއިރާ ރައީސުންނާއި އިސް މަގާމުތަކަށް މީހުން އިންތިޚާބުކުރާނެއެވެ. މިއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕާޓީ ތަރުތީބުކޮށް، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ޕާޓީ ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރައްވާފައިވެއެވެ.
މި ކޮންގްރެސް ވެގެންދާނީ ދެފުށް ފެންނަ، އިންސާފުވެރި އަދި ޕާޓީގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ބޮޑު ހަރަކާތަކަށް ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ