ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޖޯޑަން ކުޅޭ ދުވަސް ދުވަހު އެ ގައުމުގެ ރަސްމީ މަސައްކަތު ގަޑި ފަސް ކުރަން ނިންމައިފި އެވެ.
އާއްމުކޮށް ޖޯޑަންގައި ރަސްމީ މަސައްކަތު ގަޑި ފަށަނީ ހެނދުނު 8:30ގަ އެވެ. ނަމަވެސް މިހާރު ހަމަޖައްސާފައިވަނީ ޖޯޑަން މެޗު ކުޅޭ ދުވަސްތަކުގައި ހެނދުނު 10:00ގައި އޮފީސްތައް ހުޅުވާށެވެ.
ޖޯޑަންގެ ބޮޑު ވަޒީރު ޖަފަރު ހަސަން ވިދާޅުވީ މި ގޮތަށް ނިންމީ އެ ގައުމުގެ ރައްޔިތުން ގައުމީ ޓީމު ވޯލްޑް ކަޕް ކުޅުމުގގެ އުފަލުން މަހުރޫމްވިޔަ ނުދިނުމަށް ކަމަށެވެ.
"މި ނިންމުމުގެ ބޭނުމަކީ ހުރިހާ ރައްޔިތުން ވެސް ގައުމީ ޓީމުގެ ފަހަތުގައި ތިބުމަށް ތަރުހީބު ދިނުން. މިއީ ތާރީހީ މުބާރާތެއް އަހަރުމެންނަށް. އެހެންވީމާ އެންމެނަށް އެއްވަރަކަށް މިއުފާ ހިއްސާ ކުރެވެންޖެހޭ،" ބޮޑުވަޒީރު ވިދާޅުވި އެވެ.
މުޅިން އަލަށް ވޯލްޑް ކަޕަށް ނުކުންނަ ޖޯޑަން ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އަލްޖީރިއާ އާއި އޮސްޓްރިއާއާ އެކު ގްރޫޕް ޖީގަ އެވެ. އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ކުޅޭ މުބާރާތުގައި ޖޯޑަންގެ މެޗު ކުޅޭނީ ޖޫން 17 އާއި 23 އަދި 28 ވަނަ ދުވަހު އެވެ.
އޭޝިޔާގެ ހުޅަނގަށްވާ ގޮތަށް އޮތް ޖޯޑަން ވޯލްޑް ކަޕަށް ކޮލިފައިވީ އޭޝިޔާގެ ކޮލިފައިންގެ ދެ ވަނަ ބުރުގައި ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މަޝްހޫރު ސައޫދީ އަރަބިއާ ވެސް ދިޔައީ ޖޯޑަންގެ ފަހަތަށެވެ. އެކަމަކު އެއީ ޕޮއިންޓުން އެއްވަރުގެ ފައިދާ ތިން ގޯލެއްގެ ތަފާތުންނެވެ. ސައޫދީ އަރަބިއާ އާއި ތަޖިކިސްތާނާއި ޕާކިސްތާން ހިމެނުނު ގްރޫޕުގައި ކުޅުނު ހަ މެޗުން ހަތަރު މެޗު ޖޯޑަން ކާމިޔާބު ކުރި އެވެ. އަނެއް ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުގެ، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. ޖޯޑަން މީހުންގެ މެދުގައި ވެސް އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ.
ވޯލްޑް ކަޕް މެޗުތަކަށް ޖޯޑަންގެ ރަސްމީ ގަޑި ފަސް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ