މިދިޔަ ބޮޑު އީދުގެ ތެރޭގައި ލ. ގަމުގައި 14 އަހަރުގެ ކުއްޖަކަށް ކަރަންޓު ޖެހުމުގައި ފެނަކަ ކޯޕަރޭޝަނުގެ އިހުމާލު އޮތް ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި، އީދުގެ ތައްޔާރީތަކުގެ ތެރެއިން އެ ފިރިހެން ކުއްޖާ ކަރަންޓުގައި ޖެހުނީ، މަގުމަތީގައި ހުރި ކަރަންޓު ބޯޑަކުން ކަރަންޓު ގުޅަން އުޅުމުގެ ތެރޭގަ އެވެ. އެ ހާދިސާގައި އެ ކުއްޖާގެ ހާލު ސީރިއަސްވެ، މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާ ދޭން ޖެހުނެވެ.
ވެންޓިލޭޓަރުން މިހާރު ނެގި ނަމަވެސް އެ ކުއްޖާއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން އެ ކުއްޖާގެ މަންމަ ބުނީ ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެ ނަމަ ނުވަތަ މީހެއްގެ ގައިގައި ކަރަންޓު ޖެހިއްޖެ ނަމަ، ސާކިއުޓް ޓްރިޕްވެ ކަރަންޓު ކެނޑެންވާނެ ކަމަށެވެ. އެކަމަކު ސަލާމަތީ ގޮތުން ހުރި ބޮޑެތި އިހުމާލުގެ ސަބަބުން، އެ ކުއްޖާ ކަރަންޓުގައި ޖެހިފައި ވަރަށް ގިނައިރު ހުރި ކަމަށް އޭނާ ބުންޏެވެ.
ކުޑަކުއްޖާގެ މަންމަ ބުނީ ކަރަންޓު ފޮށި ފަދަ އާންމުންގެ ސަލާމަތާ ގުޅުންހުރި ތަންތަނަކީ މިއަށްވުރެ ޒިންމާދާރުކަމާއެކު ބަލަހައްޓަންޖެހޭ ތަންތަން ކަމަށާއި ހާއްސަކޮށް ކުޑަކުދިންނާއި އާންމުންގެ ނުރައްކަލަށް ހުށަހެޅިދާނެ ފަދަ ގޮތަކަށް، ފަސޭހައިން އަތްފޯރާ ހިސާބުގައި މިފަދަ ތަންތަން ހުރެގެން ނުވާނެ ކަމަށެވެ.
"އެހެންވެ، މި މައްސަލަ ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފެނަކަ ކޯޕަރޭޝަނަށާއި މިކަމުގައި ޒިންމާވާންޖެހޭ އެންމެހައި ފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ،" ފޭސްބުކްގައި ލިޔުނު ސްޓޭޓަސްއެއްގައި އޭނާ ބުންޏެވެ.
މީގެ ދެ އަހަރު ކުރިން، 2024 ވަނަ އަހަރު ރ. އުނގޫފާރުގައި ވެސް ވަނީ ހަމަ މި ފަދަ ހާދިސާއެއް ހިނގާފަ އެވެ. އެ ރަށުގެ މަގުބައްތިއެއް ހުރި ދިމާލުގައި އޮތް ފެންގަނޑެއް ތެރޭ ކުޅެން އުޅުނު ކުޑަ ދެ ކުއްޖެއްގެ ގައިގައި ކަރަންޓު ޖެހުމުން، އެ ކުދިން ސަލާމަތް ކުރަން އެ ފެންގަނޑަށް އެރުނު 18 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.
އެ ހާދިސާއާ ގުޅިގެން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ން ވަނީ އެކަމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށް ކަނޑައަޅައި، އެ ކުންފުނި 50،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.
ޔޫއާރުއޭން ކުރި ތަހުގީގަކުން އެނގުނު ގޮތުގައި:
އެ ހާދިސާ ހިނގަން މެދުވެރިވީ، މަގުބައްތިތަކުގައި ހުންނަން ޖެހޭ ސަލާމަތީ ބައެއް ވަސީލަތްތައް ނެތް މަގުބައްތިއަކަށް ކަރަންޓު ދީފައިވުމުން
އެ ބައްތީގައި އާތު ލީކް ސާކިޓް ބްރޭކް (އީއެލްސީބީ) އާއި މިނިއޭޗާ ސާކިޓް ބްރޭކަރު (އެމްސީބީ) ހަރުކޮށްފައެއް ނުވޭ
އެއާ އެކު ހުރިހާ މަގުބައްތިތަކެއްގައި އީއެލްސީބީ ހަރުކުރަން އަންގައި، އެކަން ކުރުމަށް ވަނީ މުހުލަތެއް ދީފަ އެވެ.
މަގުބައްތިތައް ގަވާއިދަށް ފައްތަން ހަރުކުރަންޖެހޭ އީއެލްސީބީއަކީ ކަރަންޓުގައި ޖެހުމުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކޮށްދޭ އާލާތެކެވެ. އަދި ކަރަންޓުގައި ޖެހުމާއެކު ވަގުތުން ކަރަންޓު ކެނޑޭނެ އެވެ.
އެނގިފައިވާ ގޮތުގައި، ގަމުގެ ޕާކެއްގެ ތެރޭގައި ހުންނަ މި ކަރަންޓު ފޮށީގައި އީއެލްސީބީ ނެތް މައްސަލަ އާއްމުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ހަރުކުރަން އަހަރެއް ކުރިން އީއެލްސީބީ ގަތްކަމާއި އެކަމަކު އެ ހަރުނުކުރާކަން ވެސް ވަނީ އެނގިފަ އެވެ.
އެކަމަކު މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ރަސްމީ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ކުއްޖަކު ކަރަންޓުގައި ޖެހުން: ބުނަނީ ފެނަކައިގެ އިހުމާލެއް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ