އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ހުކުރު ދުވަހު ބޭއްވި އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 68.9 ޕަސެންޓު އަދި މެންބަރު މީކާއީލް އަހުމަދު ނަސީމަށް ލިބިވަޑައިގެންނެވީ 30 ޕަސެންޓު ވޯޓުކަން ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.
އެމްޑީޕީ އިން އިއްޔެ އާންމު ކުރި އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ހުކުރު ދުވަހު ވޯޓުލާން ނުކުތީ 30،895 މީހުންނެވެ. އޭގެ ތެރެއިން 21،301 މީހުން ވޯޓުލީ ނަޝީދަށެވެ. އަދި މީކާއީލް ވޯޓުލީ 9462 މީހުންނެވެ. ވޯޓުތަކުގެ ތެރެއިން 234 ވޯޓު ވަނީ ބާތިލްކޮށްފަ އެވެ.
އެ އިންތިހާބުގައި ވާދަ ކުރަން ނަން ހުށަހެޅުމަށްފަހު، ފަހުން މީކާއީލްއަށް ތާއީދު ކުރި އިބްރާހިމް މުހައްމަދު (ވާޑު) އަށް ވެސް 132 ވޯޓު ލިބުނެވެ.
އެމްޑީޕީގެ 50،176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނެވެ. އެހެންކަމުން ވަގުތީ ނަތީޖާގެ ހިސާބުތަކަށް ބަލާއިރު ވޯޓުލާފައި ވަނީ އެ ހައްގު ލިބުނު މީހުންގެ ތެރެއިން 61.5 ޕަސެންޓު މީހުންނެވެ. މިއީ ސިޔާސީ ޕާޓީއެއްގެ އިންތިހާބަކާ ބަލާއިރު ބޮޑު ވޯޓާސް ޓާންއައުޓްއެކެވެ.
ވޯޓުލުން ކުރިއަށް ދަނިކޮށް ވޯޓު ފޮށި ފަޅާލުމުން ގދ. ފިޔޯރީގެ ވޯޓުތައް ބާތިލްކޮށް، އެ ފޮށްޓަށް އަލުން ވޯޓުލާން ވަނީ ނިންމައިފަ އެވެ. ދެން އެ ވޯޓު ބާއްވާނެ ކަމެއް އަދި ބާއްވާ ނަމަ ކުރިއަށްގެންދާނީ ކޮން ތާރީހެއްގައި ކަމެއް ނޭނގެ އެވެ. އެ ފޮށްޓަށް ވޯޓުލާން 84 ރަޖިސްޓްރީ ކުރި އެވެ.
ޗެއާޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު ވަނީ އެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންފަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ނަޝީދު ވަނީ އެމަނިކުފާނާ ވާދަ ކުރެއްވި މީކާއީލްއާ ވާހަކަ ދައްކަވައިފަ އެވެ. އަދި ޕާޓީގެ މަސައްކަތްތަކުގައި ކުރިއަށްދާނީ އެކުގައި ކަމަށް ވިދާޅުވި އެވެ.
ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާ: ނަޝީދަށް 68 ޕަސެންޓު، މީކާއީލްއަށް 30 ޕަސެންޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ