ވޯލްޑް ކަޕްގައި އީރާން ޓީމު ކޭމްޕް ކުރާނީ މެކްސިކޯގައި

މި އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް އެމެރިކާގައި ކުޅޭ ދުވަސްވަރު، އީރާންގެ ގައުމީ ފުޓްބޯޅަ ޓީމު މަޑުކުރާނީ މެކްސިކޯގައި ކަމަށް ނިންމައިފި އެވެ.
މިގޮތަށް ހަމަޖެހުނީ މުބާރާތުގެ މުއްދަތުގައި އީރާން ޓީމަށް އެމެރިކާގައި ތިބުމުގެ ހުއްދަ ދިނުމަށް ވޮޝިންޓަނުން އިންކާރު ކުރުމާ ގުޅިގެންނެވެ. އެހެންކަމުން، އީރާން ޓީމު އެމެރިކާއަށް ދަތުރުކުރާނީ ހަމައެކަނި މެޗު އޮންނަ ދުވަސްތަކުގަ އެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝައިންބައުމް އިއްޔެ ވިދާޅުވި ގޮތުގައި، އީރާން ޓީމު އެމެރިކާގައި ބޭތިއްބުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބޭނުންނުވާކަން އެންގުމުން، ފީފާގެ ފަރާތުން ވަނީ އެކަމުގައި މެކްސިކޯގެ އެހީތެރިކަމަށް އެދިފަ އެވެ.
"އީރާން ޓީމު މެކްސިކޯގައި މަޑުކުރުމުގެ ފުރުސަތު ނުދޭންވީ އެއްވެސް ސަބަބެއް އަޅުގަނޑުމެންނަކަށް ނެތް،" ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެނާ ވިދާޅުވި އެވެ.
މި މުބާރާތުގެ ގްރޫޕް ޖީގައި އީރާން ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗު ވެސް އޮތީ އެމެރިކާގަ އެވެ. އެއީ ލޮސް އެންޖެލިސްގައި ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗުތަކާއި ސިއެޓްލްގައި މިސްރާ ދެކޮޅަށް ކުޅޭ މެޗެވެ.
އީރާންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖް ވިދާޅުވި ގޮތުގައި، ޓީމުގެ ބޭސް ކޭމްޕް އެމެރިކާގެ އެރިޒޯނާއިން މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމަށްވާ ޓިޖުއާނާއަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. މިކަން ފީފާއިން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ. ތާޖް އިތުރަށް ވިދާޅުވީ މި ބަދަލުގެ ސަބަބުން ވިސާގެ މައްސަލަތަކަށް ހައްލެއް ލިބި، އީރާން އެއާގެ ފްލައިޓްތައް ސީދާ މެކްސިކޯއަށް ދަތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މާޗު މަހު ވިދާޅުވެފައިވަނީ، ވޯލްޑް ކަޕްގައި ބައިވެރިވުމަށް އީރާނަށް މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް، ޓީމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާގައި މަޑުކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ފެބްރުއަރީގައި އެމެރިކާ، އިޒްރޭލު އަދި އީރާނާ ދެމެދު ފެށި ހަނގުރާމައިގެ ސަބަބުން، ވޯލްޑް ކަޕްގައި އީރާން ބައިވެރިވުމާ މެދު ވަނީ ބޮޑެތި ބަހުސްތަކެއް ކުރެވިފައެވެ. އީރާންގެ މެޗުތައް މެކްސިކޯއަށް ބަދަލުކުރުމަށް މަޝްވަރާ ކުރެވުނު ނަމަވެސް، ފީފާއިން ނިންމާފައިވަނީ ކުރިން ވެސް ތާވަލުކުރި ގޮތަށް މެޗުތައް ކުރިއަށް ގެންދިއުމަށެވެ.
އީރާން މި މުބާރާތަށް ކޮލިފައިވީ މިދިޔަ އަހަރު އޭޝިއާގެ ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. މިއީ އީރާން ޖެހިޖެހިގެން ވޯލްޑް ކަޕަށް ކޮލިފައިވި ހަތަރުވަނަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ