ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިހާބުވި މެންބަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިގްރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުތައް މިއަދު ހެނދުނު ބާއްވަން ފަށާފައެވެ.
ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކުގައި ހުވާލައިދެއްވީ އެރަށަކަށް އެކަމަށް ކަނޑައެޅިފައި ހުންނަވާ ފަނޑިޔާރު ނުވަތަ ޤާޟީއެކެވެ.
ޖުމްލަ އިންތިހާބު ކުރަންޖެހޭ 678 ކައުންސިލަރުންގެ ތެރެއިން 676 ކައުންސިލަރުން މިއަދު ވަނީ ހުވާކުރުމަށް ހަމަޖެހިފައިވާއިރު ޖުމްލަ ޑަބްލިއުޑީސީއަށް އިންތިހާބުކުރަންޖެހޭ 678 މެންބަރުންގެ ތެރެއިން މިއަދު 662 މެންބަރުން އިގުރާރުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު އެކި ސަބަބުތަކާހުރެ ހުވާނުކުރެވޭ މެންބަރުންނަށް ހުވާކުރުމުގެ އިންތިޒާމު ފަހުން ހަމަޖައްސައިދޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.
މިއަދު ބޭއްވޭ ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާނެއެވެ. މި ބައްދަލުވުމުގައި ކުރިއަށްދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި ކައުންސިލްތަކުގެ ނައިބު ރައީސުން އަދި ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުން ހޮވާނެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވާނެއެވެ.
އަލަށް މި މަސައްކަތް ފެށި ކައުންސިލްތަކާއި ކޮމިޓީތަކުގެ ދައުރަކީ 5 އަހަރު ދުވަހެވެ. ރާއްޖޭގައި މިގޮތަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ފުރަތަމަ ކައުންސިލަރުން ހުވާކޮށްފައިވަނީ ފެބުރުއަރީ 26، 2011 ގައެވެ.
ކައުންސިލްތަކަށް އަލަށް އިންތިހާބުވި މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ