މުޅި ގްރޭޓާ މާލެ ސަރަހައްދުގެ އިހުތިސާސް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް މާލޭގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް، ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - އާޒިމް އެހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރަށް އިންތިހާބުވި މޭޔަރާއި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިގުރާރުގައި ސޮއިކުރަން މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ބުނީ ކީކޭ؟ - އާޒިމް ވިދާޅުވީ މުޅި ގްރޭޓާ މާލެ ސަރަހައްދުގެ އިހްތިސާސް ކައުންސިލާ ހަވާލުކުރުމަކީ މި ސަރަހައްދުގައި އުޅޭ ރައްޔިތުންގެ ބޮޑު އާދޭހެއް ކަމަށެވެ.
"މި ސަރަހައްދުގެ ރައްޔިތުންގެ ވަރަށް ބޮޑު އާދޭހެއް، ހުޅުމާލެ ވެސް ހިމެނޭ ގޮތަށް، ގްރޭޓާ މާލޭގެ އިހުތިސާސް ވެސް މާލެ ސިޓީ ކައުންސިލްގެ ދަށަށް ދޫކޮށްލަދިނުން. ގާނޫނީ ގޮތުން ކުރަން ސަރުކާރަށް ލާޒިމްކުރާ އެކަން ފުރިހަމަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ވަރަށް ބޮޑަށް އެދޭ އެދުމެއް،" އާޒިމްް ވިދާޅުވި އެވެ.
ތަފްސީލު - އޭގެ އިތުރުން މާލެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި، މާލެއާ ގުޅިފައިވާ ސަރަހައްދުތައް ހިއްކުން އަވަސްކޮށްދީ، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ވެސް އާޒިމް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.
"އެގޮތުގެ މަތިން ގްރޭޓާ މާލެ ސަރަހައްދުގެ ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު، ބްރިޖުން ގުޅާލެވޭ ހިސާބުތައް ހިއްކުން އަވަސްކޮށްދެއްވާ، ފްލެޓުގެ މަސައްކަތްތައް އަވަސްކޮށްދެއްވާ. މާލެއަށް ދިމާވެފައިވާ މި އޮތް ބޮޑު ދިރިއުޅުމުގެ ދަތިކަން ހައްލުކުރުމަކީ އަޅުގަނޑުމެން އެންމެންގެ އަމާޒެއް،" އޭނާ ވިދާޅުވި އެވެ.
މާލެއަކީ ގިނަ މައްސަލަތަކެއް ހުރި އަދި ގިނަ މަސައްކަތްތަކެއް ކުރަން އޮތް ތަނެއްކަން ފާހަގަކުރައްވައި އާޒިމް ވަނީ ކައުންސިލަރުންގެ ފަރާތުން ގިނަ ވަގުތު މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
"މާލެ ސިޓީ ކައުންސިލްގެ ކޮންމެ މެމްބަރެއް، ކޮންމެ މުވައްޒަފެއް، މުޅި މާލެ ސިޓީ ކައުންސިލް ހިމެނޭ ގޮތަށް، ހުރިހާ އެންމެންނަށް އެއްބާރުލުމެއް ދީ، މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ ދަތިތައް ހައްލުކޮށްދިނުމަށް 24 ގަޑިއިރު މަސައްކަތް ކޮށްދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭގައި ނުކުރެވި ހުރި ގިނަ ކަންކަން ހުރުމުން ހަމައެކަނިި 8 ގަޑިއިރު މަސައްކަތް ކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ފުރިހަމައަށް ނުދެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން އަމާޒުހިފަން ޖެހޭނީ އަޅުގަނޑުމެންނަށް މިއަދު ރައްޔިތުން ހަވާލުކުރި މާލެއަށް ވުރެ ވަރުގަދަ، ރީތި، ފުރިހަމަ، ދިރިއުޅެން ފަސޭހަ މާލެއެއް، އަޅުގަނޑުމެންގެ ފަސް އަހަރުގެ ދައުރު ނިންމާފައި ދާއިރު ދެން އަންނަ މޭޔަރަކާއި ކައުންސިލަށް ހަވާލުކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.
އެ ޖަލްސާގައި ކައުންސިލްގެ އާ ދައުރުގެ މަސައްކަތްތައް ބައްޓަންކުރައްވާނެ ގޮތްތައް ވެސް އާޒިމް ވަނީ ބަޔާންކޮށްދެއްވާފަ އެވެ. އެއީ:
ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަގުފަހިކޮށްދޭ ގޮތަށް ސިޓީ ހިންގުން
އިތުބާރު ހުރި ހަރުދަނާ މުނިސިޕަލް ހިދުމަތްތައް ދިނުން
މާލީގޮތުން ނަޒާހާތްތެރި އަދި ޒިންމާދާރު ކައުންސިލަކަށް ވުން
އެންމެން ބައިވެރިވާ، ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކައުންސިލަކަށް ވުން
ޑިޖިޓަލް ވެރިކަމާއި މުއައްސަސާ ޒަމާނީކުރުން
މުޅި ގްރޭޓާ މާލޭގެ އިހްތިސާސް ކައުންސިލާ ހަވާލުކުރަން އާޒިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ