ފިލްމު 'ފެޝަން' ކާމިޔާބުވި ނަމަވެސް އޭގެފަހުން ފިލްމުތަކުން ފުރުސަތު ނުލިބޭ: ކަންގަނާ
މީގެ 18 އަހަރު ކުރިން ރިލީޒްވި ފިލްމު "ފެޝަން"އަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު ވެސް އިތުރު ފިލްމީ ފުރުސަތުތަކެއް ނުލިބުނު ކަމަށާއި، އިންޑަސްޓްރީގައި ދެމިހުރުމަށްޓަކައި ދަށް ފެންވަރުގެ މަސައްކަތްތައް ކުރަން ޖެހުނު ދަތި ދުވަސްވަރެއް ތަހައްމަލު ކުރި ކަމަށް އިންޑިއާގެ ބަތަލާ ކަންގަނާ ރަނާވަތު ބުނެފިއެވެ. އިންޑިއާގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރުކަންވެސް ފުރަމުން އަންނަ ކަންގަނާ ބުނީ، އެހެންވެ ދިރިއުޅުމުގައި ކުރިމަތިވާ ދަތި ދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ ކަމަށެވެ. "މަސައްކަތެއް ނުލިބި ދަތި ހާލުގައި އުޅުނު ދުވަސްވަރު އަހަރެން އަމިއްލަ ނަފްސާ ވަރަށް ގިނަ ސުވާލު ކުރިން. ކީއްވެގެންތޯ މަސައްކަތެއް ނުލިބެނީ؟ މިއަށްވުރެ ރަނގަޅު ކަމެއް ނުކުރެވެނީ ކީއްވެގެންތޯ؟ މިއީ 2007 އާއި 2008 އާ ދެމެދު، 'ފެޝަން' ކާމިޔާބުވުމަށް ފަހު ވެސް މަސައްކަތެއް ނުލިބި އުޅުނު ދުވަސްވަރު،" ބަތަލާ ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ކިޔައިދީފައިވެއެވެ. ފިލްމު "ފެޝަން"ގެ މަންޒަރެއްގައި ބަތަލާ ކަންގަނާ. މި ފިލްމުން ކަންގަނާއަށް 2009ވަނަ އަހަރުގެ ނެޝަނަލް އެވޯޑުވެސް ވަނީ ލިބިފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ކަންގަނާ ބުނި ގޮތުގައި އެ ދުވަސްވަރު މޮޅު ތަރިންގެ މެނޭޖަރުން ހޯދުމަށް މީހުން ލަފާދިނުމުން އޭނާ އެގޮތަށް އަމަލުކުރިއެވެ. ނަމަވެސް އޭގެ ސަބަބުން ކުޅެން ޖެހުނީ "ރާސްކަލްސް" އަދި "ދަމާލް" ފަދަ ބަތަލާގެ ފެންވަރާ ނުބައްދަލު އާދައިގެ ފިލްމުތައް ކަމަށް ކަންގަނާ ވަނީ ބުނެފައެވެ. ކަންގަނާ ކިޔައިދިން ގޮތުގައި ކެރިއަރުގައި ހަގީގީ ކާމިޔާބީއެއް ލިބުނީ "ކުއީން" އަދި "ތަނޫ ވެޑްސް މަނޫ" ފަދަ ފިލްމުތަކުގައި އާދައިގެ އަންހެނުންގެ ރޯލުތައް ކުޅެން ފެށުމުންނެވެ. ކަންގަނާ ފިލްމު އިންޑަސްޓްރީއާ ގުޅުނުއިރު ހުރިހާ ބަތަލާއިންނަކީ ވެސް ރީތީގެ ރާނީންނާއި، ސުޕަމޮޑެލްއިން ނުވަތަ ބޭރު ގައުމުތަކުގެ މީހުން ކަމަށާއި، އެމީހުން ފެންނަނީ ވަރަށް ތަފާތު "އާދަޔާ ޚިލާފު" ބައެއްގެ ގޮތުގައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ނަމަވެސް ކަންގަނާގެ ކިބައިގައި ހުރި ގުދުރަތީ ހުނަރުގެ ސަބަބުން އާދައިގެ އަންހެނެއްގެ ރޯލުން އޭނާއަށް ކާމިޔާބީ ލިބުނު ކަމަށް ގަބޫލުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ބެލުންތެރިންގެ ވެސް ފާޑުކިޔުންތައް އަމާޒުވާ ބަތަލާ އަކީ ހިންދީ ސިނަމާގެ އެންމެ ހުނަރުވެރި ބަތަލާއިންގެތެރޭ ގުނާލެވޭ ފިލްމީ ތަރިއެކެވެ. ކަންގަނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނީ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ ފިލްމު "ބާރަތު ބާގްޔާ ވިދާތާ"އިންނެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ސިނަމާތަކަށް ގެންނާނީ މި ހަފްތާގެ ހުކުރު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ