މާލެ ސަރަހައްދަށް ދިމާވި ކަރަންޓުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެވި، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު 12:40 ހާއިރު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ނަމަވެސް، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރުވަނީ ހައްލުކުރެވި، މާލެ އަދި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައެވެ.
”ކަރަންޓު ކަނޑައިގެންދިޔުމުގެ އިތުރު ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ސްޓެލްކޯއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެކަމުގެ ޔަގީންކަން އަރުވަން. އަދި މި ހާދިސާގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މާފަށް އެދެން،“ ހުސައިން ފަހްމީ ވިދާޅުވިއެވެ.
ކަރަންޓު އަލުން ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ގްރޭޓަރ މާލެ ސަރަހައްދުގެ ކަރަންޓު ގްރިޑް ބްލެކްއައުޓަކަށް ދިޔުމަށް މެދުވެރިވި ސަބަބު ދެނެގަނެ، އެކަމާ ގުޅުންހުރި މަޢުލޫމާތު ފަހުން އާންމުކުރާނެ ކަމުގެ ޔަގީންކަން ވެސް ސްޓެލްކޯގެ އެމްޑީ ރައްޔިތުންނަށް އަރުވާފައިވެއެވެ.
ކަރަންޓު ކަނޑައިގެންދިޔުމުގެ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން: ސްޓެލްކޯ އެމްޑީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ