ވެއްޓުނު އެއާ އިންޑިއާ ފްލައިޓްގައި އެކްޓަރު ވިކްރާންތުގެ ރަހްމަތްތެރިއަކު ދަތުރުކުރި

މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާ ބޯޓުގައި ބޮލީވުޑް އެކްޓަރު ވިކްރާންތު މަސޭގެ އާއިލާގެ ވަރަށް ގާތް ރަހްމަތްތެރިއަކު ދަތުރުކުރި ކަމަށް އެކްޓަރު ބުނެފިއެވެ. ކްލައިވް ކުންދަރު ނަމަކަށް ކިޔާ އެ ރަހްމަތްތެރިއާއަކީ ވިކްރާންތުގެ އާއިލާގެ ވަރަށް ގާތް މީހެއް ކަމަށްވާ ކްލިފޯޑް ކުންދަރުގެ ދަރިފުޅު ކަމަށާއި އޭނާ އަކީ އެ ބޯޓުގެ ފަސްޓް އޮފިސަރު ކަމަށް ވިކްރާންތު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ. ވިކްރާންތުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި މި ހާދިސާއާ ގުޅޭގޮތުން ލިޔުނު ޕޯސްޓެއްގައި އެއާ އިންޑިއާގެ މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި މަރުވި އާއިލާއަށް ވަނީ ތައުޒިޔާ ކިޔާފައެވެ. ހަމައެއާއެކު އެއީ ވިކްރާންތުގެ އާއިލާއަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެ އާއިލާގެ ގިނަ ބަޔަކު، ކްލިފޯޑް ކުންދަރު ދެކެނީ ބޮޑުބޭބެއެއްގެ ގޮތުގައި ކަމަށް އޭނާ ބުނެފައިވެއެވެ. އެކްޓަރު ވިކްރާންތު އެއާ އިންޑިއާ ބޯޓުން ދަތުރުކުރި އެކްޓަރުގެ އާއިލާގެ ރަހްމަތްތެރިއެއް ކަމަށްވާ ކްލައިވް ކުންދަރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ ވިކްރާންތުގެ މި ބަޔާނާ ގުޅިގެން ބައެއް މީޑިއާތަކުން ބުނެފައި ވަނީ ކްލައިވް ކުންދަރުއަކީ އެކްޓަރުގެ ދެބެއިންގެ ދެދަރި މީހެއް ކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް ވިކްރާންތު ވަނީ އެއީ ހަގީގަތެއް ނޫން ކަމަށާއި ހަގީގަތް ނުބަލާ ޚަބަރުތައް ނުފެތުރުމަށް އެދިފައެވެ. އިންޑިއާގެ ގުޖުރާތުގެ އަހްމަދުއާބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓު ވެއްޓުނީ ގުޖުރާތުގެ އެއާޕޯޓު ކައިރީގައި ހުރި ޑޮކްޓަރުން ދިރިއުޅޭ އިމާރާތެއްގެ މައްޗަށެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ބޯޓު ވެއްޓުނީ އެއާޕޯޓުން ނައްޓާލިތާ ގާތްގަނޑަކަށް ނުވަ މިނެޓު ފަހުންނެވެ. މިހާދިސާގައި ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން އެކަކު ސަލާމަތްވެފައިވާކަން ކަށަވަރުވެފައިވާއިރު 241 މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ މީޑީއާތަކުން ވަނީ ބުނެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު ބުނަން ނޭނގުނު ނަމަވެސް މަރުވި މީހުންގެ އަދަދު 200އަށް ވުރެ ގިނަވާނެ ކަމަށް ބެލެވޭ ކަމުގައި އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ