ދިރާސީ އަހަރު ޖެނުއަރީ މަހު ފަށާގޮތަށް ބަދަލުކުރީ ދަރިވަރުންނަށް ގެއްލުނު 6 މަސް ދުވަސް، އިޢާދަކުރެވޭނެގޮތަށް: ރައީސް

ދިރާސީ އަހަރު ޖެނުއަރީ މަހު ފަށާގޮތަށް ބަދަލުކުރުމަށް ނިންމާފައިވަނީ، މިދިޔަ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ދަރިވަރުންނަށް ގެއްލުނު 6 މަސްދުވަސް އަނބުރާ ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން އަހަރުގެ މެދުތެރޭ ދިރާސީ އަހަރު ފަށާގޮތަށް ބަދަލުކުރުމުން، ދަރިވަރުންގެ ތަޢުލީމީ ހަޔާތުން 6 މަސްދުވަސް ގެއްލި، އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ބަދަލާ ގުޅިގެން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ފަށާ ޢުމުރާއި މަތީ ސާނަވީ ތަޢުލީމު ފަށާ ޢުމުރަށް ބަލާއިރު ދަރިވަރުންގެ ހަޔާތުން ގިނަ ދުވަސްތަކެއް ގެއްލެމުންދެއެވެ.
"ޖެނުއަރީގައި ކިޔަވަން ފަށާ ގޮތަށް ބަދަލުކުރި ނަމަވެސް، އަހަރުގެ މެދު ތެރޭވެސް އަންނާނެ ޗުއްޓީއެއް. ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކަށް ޗުއްޓީ ލިބެނީ އެހާއިރަށް. އެ މީހުން ޢާއިލާއާއެކީ ވަގުތު ހޭދަކޮށްލަން ބޭނުންވޭ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިރާސީ އަހަރު ޖެނުއަރީ މަހަށް ބަދަލުކުރުމަށް ވަގުތު ނަގާ ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ކޮންޓެންޓް ފުރިހަމަކޮށް، އިމްތިހާނުތަކަށް އެކަށީގެންވާ ވަގުތު ދޭންޖެހޭތީ ކަމަށެވެ. އަދި ވަކި ހިސާބަކަށްވުރެ ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް ގެއްލުނު 6 މަސްދުވަސް އަނބުރާ ހޯދައިދެވި، އިޢާދަކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނަނީ އެއްވެސް ފަރާތަކަށް ގެއްލުން ނުވާނެހެން ރޭވިގެންނެވެ. އަދި އަހަރުގެ މެދުތެރޭގައި އެކަށީގެންވާ ޗުއްޓީއެއް ލިބޭނެ ގޮތަށް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ