އެންމެ ގާތް އެކުވެރިންގެ ގޮތުގަ އުޅެފަވެސް ހިތްހަމަނުޖެހޭ އިރަށް އަނެކާ ފަޟީޙަތް ކުރާއިރު ﷲ ތިމާ ފަޟީޙަތް ކުރައްވަވައިފިނަމަ ވާނެ ގޮތް އެނގުހުރެތަ؟ ފަސްބައިގަ ހަމަ ކިލާކޮޅެއް ނޯންނާނެތީތަ؟

ދެމީހަކު އެކުގައި އުޅޭނަމަ ގިނަ ފަހަރަށް އެކެއްގެ ވަރަށް ގިނަ ސިއްރުތައް އަނެކަކަށް އެނގޭނެއެވެ. އެއީ ހިއްޞާކުރާތީއެވެ. ޙިއްޞާ ނުކުރިޔަސް ލޮލަށް ފެންނަ ކަންތައްތަކެއްވެސް ހުންނާނެއެވެ. ދެމީހުންނަށް އެކުގައި ކުރެވިފައިވާ ކަންތައްތަކެއްވެސް ހުންނާނެއެވެ.
ދެ މީހުންގެ މެދުގައި ދެބަސްވުމެއް ހިނގައި އެކަކު އަނެކަކު ދެކެ ރުޅިއަންނައިރަށް އަނެކާގެ ސިއްރުތައް ބޭޒާރުކުރުމަކީ ގިނަ ބައަކު ކުރަމުން އަންނަކަމެކެވެ. ބޭނުމަކަށްވެފައި އޮންނަނީ އެމީހަކު މީސްތަކުންގެ ކުރިމަތީގައި އަނެކާ ފަޟީހަތްކޮށް ނިކަމެތިކޮށްލުމެވެ. ލަދުގަންނަވައިލުމެވެ. މިއީ އެކުވެރިންގެ ތެރޭގައިވެސް، އެންމެ ގާތް މީހުންގެ ތެރޭގައި އަދި އަމިއްލަ ޢާއިލާގެތެރޭގައިވެސް ހިނގަމުން އަންނަ ކަމެކެވެ.
އެހެންވެ އަހުރެން ސުވާލެއް ކޮށްލާނަމެވެ. ނިކަން ޖަވާބުދީބަލާށެވެ! އެސުވާލަކީ:
" އަންނަރުޅީގައި އަނެކާގެ ސިއްރުތައް ތިއަ ބޭޒާރުކުރަނީ ތިބާގެ ސިއްރުތައް ﷲ ބޭޒާރުކުރައްވަވައިފިނަމަ ތިބާ ފަޟީޙަތްވާނެ މިންވަރު ކުޑަވާނެތީ ހެއްޔެވެ؟ އަދި ތިބާގެ ފަސްބައިގައި އެންމެ ކިލާކޮޅެއްވެސް ހަމަ ތަންވެފައި ނުއޮންނާތީ ހެއްޔެވެ؟"
ސަމާލުވާށެވެ! ދެމަފިރިންނަމަވެސް ދެ އެކުވެރިންނަމަވެސް ކޮންމެ ދެމީހަކުނަމަވެސް އެކުގައި އުޅުމަށްފަހު ރުޅިވި ނަމަވެސް، ޚިޔާލުތަފާތުވި ނަމަވެސް އަދި ހިތް ހަމަ ނުޖެހުނު ނަމަވެސް އަނެކާގެ ސިއްރުތައް ބޭޒާރުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
ވިސްނަންވީ ކޮންމެ މީހެއްގެ ވެސް ސިއްރުތަކެއް ހުންނާނެކަމާއި ޚުދު ތިމާގެ ވެސް ސިއްރުތަކެއް ހުންނާނެއެވެ. ހުރިހާ ކަންކަން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވާ ﷲ ތަޢާލާ ތިބާގެ ސިއްރުތައްވެސް ދެނެވޮޑިގެންވެއެވެ.
ވީމާ މީހަކު ދެކެ ރުޅި އަންނައިރަށް އެމީހާގެ ސިއްރުތައް ބޭޒާރުކުރާއިރު ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތަށް ކިތައް ކަންތައް ކޮންމެ ދުވަހަކު ތިބާ ކުރަމުހެއްޔެވެ؟ އެހެންކަމާއިއެކުވެސް ތިބާގެ ސިއްރުތައް ﷲ ތަޢާލާ ހާމައެއް ނުކުރައްވަވައެވެ. ސިއްރުކުރައްވަވައި ހިފަހައްޓަވައެވެ. އަހަރެމެން ސިއްރުން ކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ ހާމްކުރައްވަވާނަމަ އަހަރެމެންނަށް އުޅެންޖެހޭނެ ހާލާއިމެދު ނިކަން ވިސްނައިލަބަލާށެވެ!
އެކުވެރިކަން ދެމެހެއްޓުމާއި ބަދަހިކުރުމާއި އަދި ދުރުހެލިވާންޖެހޭ ޙާލަތުގައި ދުރުހެލވުމަކީވެސް ހަމަ ތަފާތު ކަންކަމެވެ. އަހަރެމެންނަށް އޮތީ ސިއްރު ސިއްރުގެ ބާއްވައިދިނުމެވެ.
މީހެއްގެ އައިބު ފޮރުވައިދީފި މީހެއްގެ އައިބުތައް ﷲ ތަޢާލާ ޤިޔާމަތް ދުވަހު ފޮރުއްވަވައިދެއްވަވާނެތެވެ. މިވަރުގެ ބޮޑު ނިޢްމަތެއް ލިބެން އޮއްވައި ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ!
ވީމާ މިކަންކަމަށް އިތުރަށް ވިސްނައިލާށެވެ! ކޮންމެ ކަމެއް މެދުވެރިވެގެން ދެމީހަކު ވަކިވި ނަމަވެސް ސިއްރުތައް ސިއްރުގެ ގޮތުގައި ހިފަހައްޓަންވާނެއެވެ! ދުނިޔެއާއި އާޚިރަތުގައިވެސް އެންމެ ފައިދާކުރާނެ ގޮތަކީ އެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ