ބޭރުގެ ބާޒާރުގެ އަގުގެ ބަދަލުގައި، 20 ރުފިޔާއަށް މަސް ގަންނަ ގޮތަށް ބަދަލުކުރާނަން: ރައީސް
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބައިނަލްއަގުވާމީ ބާޒާރުގެ އަގުގައި މަސް ގަންނަ ގޮތަށް މި ސަރުކާރުގައި ބަދަލުކުރި ނަމަވެސް، މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިއަދު ވަނީ ރައީސް އޮފީހުގައި ކެއުޅުންނާ ބައްދަލުކުރައްވައިފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދިނުމަށެވެ. އަދި ފަސޭހަކަމާއެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށާއި މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާގޮތަށް ބަދަލުކޮށްދިނުމަށް އެދިފައިވެއެވެ. މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދިނުމަށާއި، މަސްކިރާ ލޮކޭޝަން އިތުރުކޮށް، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހަދައި ދިނުމަށް އެދިފައިވެއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާއަތް ޑިޖިޓަލައިޒްކުރުމަކީ އަމާޒެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި ކަމަށް އެ އޮފީހުން ފާހަގަކުރިއެވެ. މީގެ އިތުރުން ބޭންކު ލޯން ދިނުން މިހާރު ފަށައިފައިވާކަން ރައީސް ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހަމައެއާއެކު ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ. ރައީސް ކެއުޅުންނާ ބައްދަލުކުރެއްވުން: ބޭރުގެ ބާޒާރުގެ އަގުގެ ބަދަލުގައި، 20 ރުފިޔާއަށް މަސް ގަންނަ ގޮތަށް ބަދަލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް މިފްކޯއިން މަސް ގަންނަ ގޮތަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހެވެ. މިފްކޯއިން ބުނީ އޭރު މަސް ކިލޯއެއް 20 ރުފިޔާއަށް ގަންނަމުންދާ ގޮތަށް، ބާޒާރުގެ އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫން ކަމަށެވެ. https://sun.mv/193763 މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށް ފަހު ލިބޭ އާމްދަނީއަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސަމުންދިޔައީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ދުވަސްކޮޅު، އޭރު އޮތް ސަރުކާރުން މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރިއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މި ސަރުކާރުން އެ އަގު 20އަށް ދަށްކުރީއެވެ. ބާޒާރުގެ އަގަށް މަސް ގަންނަން ފެށުމުން މަހުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. އެގޮތުން ދޮޅު ކިލޯ މަހުގެ އަގު އާންމު ގޮތެއްގައި އަރަނީ 16 ރުފިޔާއަށެވެ. މީގެ ކުރިން މަސްވެރިންގެ މަސް ކިރުވުމަށް ފަހު ފައިސާ ނުދީ ލަސްވާ މައްސަލައިގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކޮށްފައިވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ދިނުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު، ޑިސެމްބަރު 10ގައި ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ