ކަނޑުވި މީހުން ސަލާމަތްކުރާ ވީޑިއޯއެއް، މުޝްފިގް ނެތްކަން އެނގުމާއެކު ވަގުތުން ހޯދަން ފެށި

"އޭ އެސޮރެއް ނެތް،" ހާސްވެފައިވާ އަޑަކުން މީހަކު ބުނާ އަޑު އިވެއެވެ. ކަނޑުވި މީހުން ސަލާމަތްކޮށް އަރުވާފައިވާ ޑިންގީގައި އަލީ މުޝްފިގު ޝަރީފު ނެތްކަން އެމީހުންނަށް އެނގެނީ އެހިސާބުންނެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު"ގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ކަނޑުވި މީހުން ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން އެރޭ ވަނީ ސަލާމަތް ކޮށްފައެވެ. އަލިފާނުން ސަލާމަތްވުމަށް ބޯޓުން ކަނޑަށް ފުންމައިލި ލ. މާވަށަށް އުފަން 25 އަހަރުގެ މުޝްފިގު ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެ މަސައްކަތް ކާމިޔާބުވާގޮތެއް ނުވެއެވެ. https://sun.mv/204355 މިހާރު ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ މި ހާދިސާގައި ކަނޑުވި މީހުން ސަލާމަތްކުރުމަށްޓަކައި އެމީހުން ނަގައި ކުޑަ ޑިންގީއަކަށް އަރުވާ މަންޒަރެވެ. "ހޮޅުދޫ ބޯޓު" އަނދާ ހުލިވާ މަންޒަރު ދުރުން ފެނެއެވެ. ގިނަ ބަޔަކު ޑިންގީއަށް އެރުވުމަށްފަހު އެންމެން ހަމަތޯ މީހަކު ކައްޕިއާ ސުވާލުކުރާ މަންޒަރު ފެނެއެވެ. އަދި އެވަގުތު އަނދަމުން ދިޔަ "ހޮޅުދޫ ބޯޓު"ގައި އިތުރު ބަޔަކު ތިބިތޯ އަހާ އަޑު ވެސް ވީޑިއޯއިން އިވެއެވެ. އެރޭ ހޮޅުދޫ ބޯޓުން ދަތުރުކުރީ 11 މީހުން ކަމަށް މީހަކު ބުނާ އަޑު ވީޑިއޯއިން އިވެއެވެ. ނަމަވެސް، އެ އަދަދާ ސަލާމަތް ކުރެވުނު މީހުންގެ އަދަދު ދިމާނުވާތީ ޑިންގީގައި ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތުވުމެއް އުފެދެއެވެ. އިރުކޮޅަކުން، އިތުރު ލޯންޗެއް އެމީހުންނާ ގާތްކޮށް އެއްބަޔަކު އެ ލޯންޗަށް އަރުވަން އެދެއެވެ. އަދި މުޝްފިގް ޑިންގީގައި ހުރިތޯ ސުވާލު ކުރެއެވެ. "އޭ އެސޮރެއް ނެތް،" ހާސްވެފައިވާ އަޑަކުން މީހަކު ބުނާއަޑު އިވެއެވެ. އެހިސާބުން މުޝްފިގް ނެތްކަން އެމީހުންނަށް އެނގި މީހުންތައް ހާސްވެ ކަންބޮޑުވާން ފެށިއެވެ. "އޭ ހަމަޖެހޭ ހަމަޖެހޭ ހަމަޖެހޭ،" މީހަކު ބުނާއަޑު އިވެއެވެ. @mohamednavaaz Holhudhoo boat alifaan roave kanduvi meehun salaamaiy kurun ♬ original sound - Navaaz މުޝްފިގް ހަގީގަތުގައި ވެސް ކަނޑަށް ފުންމާލިތޯ އެމީހުން ސުވާލު އުފައްދާ ވާހަކަ ދައްކައެވެ. އަލިފާނުން ސަލާމަތް ވުމަށް މުޝްފިގް ފުންމާލީ އެ ބޯޓުގައި ދަތުރުކުރަމުން ދިޔަ އޭނާގެ ކޮއްކޮ މިންޝާވީ ޝަރީފްގެ އަތުގައި ހިފައިގެންނެވެ. އެހެންކަމުން މުޝްފިގް ކަނޑަށް ފުންމާލިކަން މިންޝާވީއަށް ޔަގީންވެއެވެ. މުޝްފިގް ކަނޑަށް ފުންމާލިކަމުގެ ޔަގީންކަން އެހެން މީހަކު ދޭ އަޑު އެ ވީޑިއޯއިން އިވެއެވެ. "އެކަކު މަދު، އެކަކު މަދު،" މުޝްފިގް ނެތްކަން ޔަގީންވުމާއެކު ޑިންގީގައި ތިބި މީހުން ލޯންޗުގައި ތިބި މީހުންނަށް ގޮވަން ފެށިއެވެ. ބެލެވޭ ގޮތުގައި އިތުރު ލޯންޗެއް ވެސް އެ ސަރަހައްދުގައި ހަރަކާތްތެރި ވެއެވެ. މުޝްފިގް ގެއްލުނުކަން ޔަގީންވުމާއެކު ޑިންގީގައި ތިބި އެންމެން ވަގުތުން ލޯންޗަށް ހުސްކުރެއެވެ. އަދި ބާރަށް މުޝްފިގަށް ގޮވާ އަޑު އިވެއެވެ. ހުއްޓާނުލާ މުޝްފިގަށް ހަރު އަޑުން ގޮވަމުން ޑިންގީ ދުއްވާފައި ދިޔައީ އަނދާ ހުލިވަމުން ދިޔަ ހޮޅުދޫ ބޯޓާ ދިމާލަށެވެ. އެ ވީޑިއޯ ނިމެނީ މިހިސާބުންނެވެ. އެމްއެންޑީއެފްގެ އުޅަނދުތަކުން އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރާ މަންޒަރު ވެސް މި ވީޑިއޯއިން ފެނެވެއެވެ. މީގެ ކުރިން މިހާދިސާގައި ކަންހިނގި ގޮތް މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވަނީ "ސަން"އާ ހިއްސާކުރައްވާފައެވެ. އޭނާ ކިޔަދިން ގޮތުގައި، ބޯޓުގައި އަލިފާން ރޯވިއިރު މުޝްފިގާއި އޭނާގެ ކޮއްކޮ މިންޝާވީ އޮތީ ބޯޓުގައި ނިދާފައެވެ. ހޭލެވުނީ އެންމެން ހަޅޭއްލަވާ އަޑަށެވެ. އޭރު ބޯޓުގައި ލައިފް ޖެކެޓުތައް ބަހައްޓާފައި ހުރި ދިމާލުގައި އަލިފާނުގެ ހާދިސާ ވަނީ ހިނގާފައެވެ. ބައެއް ލައިފް ޖެކެޓުތައް އަނދާފައިވުމުން ބޯޓުގައި ތިބި 18 މީހުންނަށް ވާވަރަށް ލައިފް ޖެކެޓެއް ނުލިބުނެވެ. މުޝްފިގު ގޮސް އޭނާގެ ކޮއްކޮއާ ދެމީހުންނަށް ދެ ލައިފް ޖެކެޓު ގެނައި ނަމަވެސް، ބޯޓުން ފުންމާލަން ދިޔަ ވަގުތު މުޝްފިގުގެ އަތުގައި އޮތް ލައިފް ޖެކެޓު އެހެން މީހަކު ޖަހައިގަތް ކަމަށް މިންޝާވީ އާ ހަވާލާދީ އޭނާ ވިދާޅުވިއެވެ. މުޅި ބޯޓުގައި ރޯވުމާއެކު އިތުރު ގޮތެއް ނެތި ދެބެން މޫދަށް ފުންމާލިއިރު މުޝްފިގު ހުރީ ލައިފް ޖެކެޓެއް ވެސް ނުލައެވެ. ދެބެން ވެސް ފުންމާލީ ބޯޓުގެ ވައި ދަށް ފަރާތަށެވެ. އެވަގުތު ދެބެންގެ ގަޔާ ދިމާލަށް ބޯޓު އަންނަން ފެށުމުން މިންޝާވީ އޭނާގެ ދެފައިން ބޯޓު ކޮއްޕާލަން މަސައްކަތް ކުރިއެވެ. އެވަގުތު އޭނާގެ އަތުން ބޭބެ ދޫވެ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއަށް ގެއްލުނީއެވެ. ހޮޅުދޫ ބޯޓުގެ ވެރިޔާ އަބްދުލް ވާހިދު "ސަން"އަށް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓޭޖެއްގެ ސަބަބުން ކަމަށެވެ. https://sun.mv/204425 މި ހާދިސާގައި މުޝްފިގް ގެއްލުމަކީ ލިބުނު އެންމެ ބޮޑު ގެއްލުން ކަމުގައި އަބްދުލް ވާހިދު ވަނީ ސިފަ ކުރައްވާފައެވެ. މުޝްފިގް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ ޑްރޯންގެ އެހީގައެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114، ޑައިވަރުންނާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިޤް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ