ނިއުކާސްލްއިން ޕެލަސް ބަލިކޮށް ތާވަލުގެ ތިންވަނައަށް
އިންގްލިޝް ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ނިއުކާސްލްއިން ކާމިޔާބުކޮށް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ފަސް ލަނޑު ސުން ލަނޑުންނެވެ. ނިއުކާސްލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗު އެޓީމުން ފަށާފައިވަނީ ވެސް ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ 14ވަނަ މިނެޓުގައި ނިއުކާސްލްއިން ވަނީ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ ޖޭކޮބް މާފީއެވެ. މިލަނޑާއެކު މިމެޗު ނިއުކާސްލްއިން ޑޮމިނޭޓް ކޮށްގެން ކުޅޭނެ ކަމަށް ގަބޫލް ކުރެވުނެވެ. ނަމަވެސް މިހާފުގައި ޕެލަސްއަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. މިގޮތުން ޕެލަސްއަށް ލިބުނު ޕެނަލްޓީ އެބެރެޗީ އެޒޭ ޖެހުމުން ނިއުކާސްލްގެ ކީޕާ ނިކް ޕޯޕް ވަނީ ދިފާއުކޮށްފައެވެ. މިމެޗުގައި ނިއުކާސްލްއިން ކާމިޔާބު ކުރި ދެވަނަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ 38ވަނަ މިނެޓުގައެވެ. ނަމަވެސް މި ލަނޑަކީ ޕެލަސްގެ ކެޕްޓަން މާކް ގުއޭހީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ނިއުކާސްލްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހާވީ ބާންސްއެވެ. ހަމަ އެއާއެކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ނިއުކާސްލްގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފަބިއަން ޝާއެވެ. މިމެޗުގައި ނިއުކާސްލްގެ ފަހު ލަނޑު މެޗުގެ 58ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެލެގްޒެންޑާ އިސާކްއެވެ. މިއީ އޭނާ މިފަހަރު ލީގުގައި ކާމިޔާބު ކުރި 21ވަނަ ލަނޑެވެ. މިއާއެކު އޭނާ މިވަނީ މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑާ ލަނޑުގެ ގޮތުން އަރާ ހަމަކޮށްފައެވެ. މިމެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބުނެވެ. މިއީ ރަށުން ބޭރުގައި ކުޅޭ އިރު ޑިފެންސް ވަރުގަދަ ކަމަށް ފާހަގަ ކުރެވިފައިވާ ޕެލަސް ކޮޅަށް ރަށުން ބޭރުގައި ޖެހިޖެހިގެން ފަސް ލަނޑުވަން ދެވަނަ މެޗެވެ. މިކާމިޔާބީއާއެކު މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ނިއުކާސްލްއަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. ނިއުކާސްލް މިހާރު އުޅެނީ 59 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ކުރިން ތިންވަނައިގައި އުޅުނު ނޮޓިންހަމް ފޮރެސްޓް މިހާރުވަނީ ހަތަރުވަނައަށް ވެއްޓިފައެވެ. އަދި މިމެޗުން ބަލިވުމުން ޕެލަސް އުޅެނީ 43 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ