ވެރިންގެ ވެރިވަންތަކަން ވެރިންގެ ވެރިވަންތަކަން

ޖަމާއަތުގެ ތެރޭގައި ކަންކަން ހިނގާ ގޮތާބެހޭ ގޮތުން އެންމެތަކުން ފިކުރު ހިންގައި ނުއުޅެތެވެ. އެބަހީ، އެކަންކަމަށް ވިސްނައި ފިކުރުހިންގަނީ އެބައި މީހުންގެ ތެރެއިން ދާދި މަދު ބައެކެވެ. އެހެން އެކަން ނުވާންވީ ސަބަބެއް ވެސް ނެއްތާއޭ، އާދަމުގެ ދަރީންގެ ތެރެއިން ކަންކަމާ ފިކުރު ހިންގައި، އެބައިމީހުންގެ ކަންކަން އިސްލާހުގެ މަގަށް އަނބުރައިލަން އުޅެގަންނަހާ ހިތްވަރާއި ފަންވަރު ހުންނަނީ ނިކަން މަދު ބައެއް ކިބައިގަ އެވެ. ގިނަ މީހުން އުޅެންޖެހެނީ އަމިއްލަ ދިރިއުޅުން ކޮޅަށްޖެހުމުގައި ފިސާރި އަވަދިނެތި އެވެ.
މިކަން މިމަގަށް އޮތަސް، ނޫސްތަކުން ކޮންމެ ދުވަހަކު އަހަރެމެންނަށް އެ ފެންނަނީ އަހަރެމެން މިއުޅޭ މުޖުތަމައުގައި ކޮންމެ ދުވަހަކުހެން މީހުން މެރުމާއި، އަނިޔާވެރިކަން އިސްކުރަމުންދާ ތަނެވެ. ރަހީނުކުރުމާއި ވައްކަމާއި ފޭރުމާއި ކޮރަޕްޝަނާއި މަސްތުވާތަކެތީގެ އަނދަވަޅަކަށް ގައުމު ގެނބެމުންދާ މަންޒަރެވެ. އަދުލުއިންސާފުގެ ނިޒާމާއި ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމާއި ގެދޮރުވެރިކަމުގެ ނިޒާމު ފޫވެއްޓި، މުޖުތަމައެއްގެ ސިފަ އަހަރެމެންގެ ތެރެއިން ގެއްލިގެންދާ ތަނެވެ. ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވެ ރައްޔިތުން ބިކަވަމުން ބިކާރީވަމުންދާ ތަނެވެ. ގަބޫލުކުރިއަސް ނުކުރިއަސް، ދައުލަތުގެ ދަރަނި ބޮޑުވެ ގައުމު އޮތީ ބަނގުރޫޓުވުމާ ދުރަކު ނޫނެވެ. މަސައްކަތެއް ނެތި މަސްތުވާތަކެތީގެ ވަބާގައި ޖެހި، އާވާރާވެ ގެއްލެމުންދާ ޒުވާނުންގެ އަދަދު އިންތިހާއަށް ބޮޑެވެ. ދައުލަތުގެ އިސް ވެރިންގެ ތެރޭގައި ރަލާއި މަސްތުވާތަކެއްޗާއި ޖިންސީ އެދުންވެރިކަމުގެ އަވައިގެ ޝިކާރައަށްވެފައިވާ މީހުން އިތުރުވަމުންދާތަނެވެ. ސިފައިންނާއި ފުލުހުންގެ ތެރޭގައިވެސް ހާލު އޮތީ މިހެންނެވެ.
މިކަންކަން ހެޔޮ މަގަށް ގެންނަން މީހަކު ވައުދެއްވިޔަކަސް އެ ވައުދެއް ފުއްދާ ތަނެއް ނުފެނެއެވެ. ދައުލަތުގެ މުއައްސަސާތައް ހިނގާހެން ކިރިޔާވެސް ހީވަނީ އެތަންތަނަށް ވަދެނިކުމެ ހަދާ ދޮރުތައް ކޮންމެ ދުވަހަކު ހުޅުވައި ލައްޕާތީ އެވެ. އިސްއުފުލައި، ތެދު ބަހުން ވާހަކަ ދައްކަން ކެރޭ މީހަކު، މިއިން މުއައްސަސާއަކުން ހާލަކުންވެސް ނުފެނެ އެވެ. މިފަދަ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި ފެންނަނީ ރައްޔިތުންގެ ބައިތުލްމާލުގެ މައްޗަށް އެއްދުވަހަކު އެއް ބަޔަކު، އަނެއް ދުވަހަކު އަނެއް ބަޔަކު އަރައި އެތަކެއްޗަކީ އެބައި މީހުންގެ އަމިއްލަ ތަކެތި ކަމަށް ދެކި، ހަރާމެއްހަލާލެއް ނުބަލައި ހުސްކުރަމުންދާ ތަނެވެ.
ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލަކީ ކޮބައިތޯ ބަލައި ވިސްނަން މަޖުބޫރުވާ ހިސާބަށް ގައުމުގެ ކަންކަން ހިނގައްޖެ ކަމަށް ދެކޭ މަދު ބަޔަކު ނަމަވެސް އެބައުޅެއެވެ. އެއީ އުފާކުރަންޖެހޭ ކަމެކެވެ.
މިހާރު ގައުމު މިއޮތް ހާލަތުން އަރައިގަނެވިދާނެ އެވެ. އެއީ ނުވާވަރު ކަމެއް ނޫނެވެ. ގައުމު މިއޮތް ހާލަތުން އަރައިގަތުމަށް އޮތް ރަސްމަގަކީ ފަސްމަގަށް ބެލުމެވެ. މާޒީއަށް ބަލައި އެއިން އިބުރަތް ލިބިގަތުމެވެ. މާޒީއިން ފިލާވަޅު ލިބިނުގަންނަ ބައެއްގެ މައްޗަށް ތާރީހު އިއާދަވުން ފިޔަވައި އިތުރުކަމެއް ނެތެވެ.
މާޒީގައި މިފަދަ ހާލަތްތަކުން ގައުމުތައް އަރައިގަތް ގޮތުގެ އެތައް މިސާލު ތާރީހުގެ ސަފުހާތަކުން ފެންނާން އެބަހުއްޓެވެ. އިސްލާމީ ތާރީހުން ފެންނަން އޮތީ، އިސްލާމީ އުއްމަތުގެ އެންމެ އަނދިރި ދުވަސްތަކުގައި އުއްމަތުގެ އެކިއެކި އަބްތާލުން ކުރެއްވި ހިއްމަތާ މިންނެތް މަސައްކަތުން، ދެއްކެވި ރިވެތި މިސާލުތަކުން އިސްލާމް ދީން ހިމާޔަތްކޮށް އިސްލާމީ އުއްމަތް އަލުން ދިރުވައި ނަގަހައްޓާފައިވާ ތަނެވެ. ކީރިތި ޤުރުއާނަށާއި ރަސޫލު ﷲ (ޞޢވ) ގެ ސުންނަތަށް ތަބައަވެ، އަނިޔާވެރިންގެ ބޭއިންސާފު ބަލައިގަތުމަށް އެބޭކަލުން ދެކޮޅުހެއްދެވިއެވެ. އަނިޔާވެރިކަމަށް ފާޅުގައި ނޫނެކޭ ވިދާޅުވެ އަނިޔާވެރިކަމާއި ފަސާދަ ހުއްޓުވުމަށް ބަހާއި އަމަލުން އެބޭކަލުން މަސައްކަތްކުރެއްވިއެވެ. އެޅިހާބަތަކަށް ރިހަވެގެން ނުތިއްބަވައެވެ. ގުރުބާންވުމުގެ މަތިވެރި ސިފައާއި، އީމާންކަމުގެ ގަދަފަދަ އަޒުމާއި، އަހުލާގުގެ މަތިވެރި ދަހަނާގައި، ހިލަ ތަނބުތަކެއް ފަދައިން ގަދަ އަތްވާއި ވާރޭގައި ކޮޅަށް ތިއްބެވީ އެވެ. އިލްމުވެރިކަމާއި އަޅުވެރިކަން ދުލެއް ނުކުރައްވަތެވެ. ލިބެމުންދިޔަ އަނިޔާ އާއި ފެތުރިފައި އޮތް ފަސާދައިގެ ސުންޕާކަމުގެ މައްޗަށް މިމަގުން އެބޭކަލުން ކުރި ހޯއްދެވިއެވެ.
ތާރީޚުން ފެންނަން އޮތް މިފަދަ އެންމެ އަލިގަދަ އެއް މިސާލަކީ އިސްލާމީ އުއްމަތުގެ ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒް (ރޢ) އެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގެ އެންމެ ފަހު މަރުހަލާގައި އިސްލާމީ އުއްމަތަށާއި މުޅި ދުނިޔެއަށް ދެއްކެވި ވެރިކަމުގެ ރިވެތި ނަމޫނާ އަކީ ވެރިންގެ ވެރިވަންތަކަމުގެ އެންމެ ލާމަސީލު ނަމޫނާއެވެ. އެކަލޭގެފާނުގެ ކިބައިން ފެނުނީ ވެރިއެއްގައި ހުންނަންޖެހޭ އެންމެ މާތް ސިފަތަކެވެ. ވެރިޔަކު އެސިފަތަކުން ޒީނަތްތެރިވުމުން ދައުލަތަށް އަންނަ ދުޅަހެޔޮކަމާއި ގަދަފަދަކަމެވެ. ވީރާނާވަމުންދިޔަ އިސްލާމީ ޚިލާފަތު އަލުންދިރި ރޯޝަންވެގެން ދިޔަ ކުލަރީތި މަންޒަރެވެ. ހުރިހާ ރޮނގަކުންނެވެ. ހުރިހާ މައިދާނެއްގައެވެ.
އުމަރު ބިން ޢަބްދުލް ޢަޒީޒު (ރޢ) ގެ މާތް ބައްޕާފުޅު ޢަބްދުލް ޢަޒީޒުއަކީ މިސުރުގެ ގަވަރުނަރެކެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒު ތަރުބިއްޔަތުވެ ވަޑިގެންނެވީ ވެރިކަމުގެ އެ މާހައުލުގައެވެ. މިސުރުގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށް ބައްޕާފުޅު އަވަހާރަވުމުން، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަދި އޭރުގެ ޚަލީފާ ޢަބްދުލް މާލިކް އެކަލޭގެފާނު ދިމިޝްގަށް ގެންދަވައިގެން ޚަލީފާގެ ދަރިކަނބަލުން ފާތިމާއާ ކައިވެނިކޮށްދެއްވި އެވެ. ޚަލީފާ ޢަބްދުލް މާލިކު އަވަހާރަވުމުން ޚަލީފާކަމަށް އިސްވެވަޑައިގަތީ ޢަބްދުލް މާލިކުގެ ދަރިކަލުން އަލް ވަލީދުއެވެ. އަލް ވަލީދު ޚަލީފާއަކަށް އިސްކުރެވުމާއެކު ޢުމަރު ބިން ޢަބްދުލް ޢަޒީޒު މަދީނާގެ ގަވަރުނަރުކަމަށް އައްޔަނުކުރައްވައި މަދީނާއަށް ފޮނުއްވެވިއެވެ.
އެދުވަސްވަރު ޕްރޮވިންސްތަކުގައި ތިއްބެވި ގިނަ ގަވަރުނަރުންނާ ޚިލާފަށް، ޢުމަރު ބިން ޢަބްދުލް ޢަޒީޒު އަނިޔާވެރި ޑިކްޓޭޓަރަކަށް ވެވަޑައިނުގެންނެވިއެވެ. ޕްރޮވިންސްގެ ވެރިކަން ހިންގެވުމަށް މަޝްވަރާ މަޖިލީހެއް އުފައްދަވައިގެން ވެރިކަން ކުރެއްވީ އެމަޖިލީހުގެ ލަފައާއި އެހީތެރިކަމާއެކުގައެވެ. ވެރިކަން ކުރެއްވި އަދުލުވެރިކަމުގެ ނަމޫނާގެ ސަބަބުން ދިމިޝްގުގައިވާ އިސްލާމީ ވެރިކަމުގެ މައި ޚިލާފަތާ ހަމައަށް މަދީނާއިން ޝަކުވާ ދިއުން ހުއްޓުނެވެ. އިރާގުގެ ގަވަރުނަރު އަލް ހައްޖާޖު ބިން ޔޫސުފްގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް އިރާގުން އެތައްހާސް މީހުން މަދީނާއަށް ހިޖުރަކުރިއެވެ. މިކަމާހުރެ، ޢުމަރު ބިން ޢަބްދުލް ޢަޒީޒު ގަވަރުނަރުކަމުން ދުރުކުރުމަށް އަލް ހައްޖާޖު ބިން ޔޫސުފްގެ ފަރާތުން ޚަލީފާ އަލްވަލީދު އަށް ފިއްތުން ކުރިމަތިކުރިއެވެ. މި ފިއްތުންތަކުގެ ނަތީޖާއަކަށްވީ މަދީނާގެ ގަވަރުނަރުކަމުން ޢުމަރު ބިން ޢަބްދުލް ޢަޒީޒު ވަކިކުރެއްވުމެވެ. މިއާ އެކު، ޢުމަރު ބިން އަބްދުލް ޢަޒީޒުގެ އެހީތެރިކަމަށް ގޮވައިލެވެންދެން އެކަލޭގެފާނު ދިރިއުޅުއްވަމުން ގެންދެވީ މާތްވެގެންވާ މަދީނާގައެވެ.
ޚަލީފާ އަލް ވަލީދުގެ ޚިލާފަތަށް ފަހު، ޚަލީފާކަމަށް އިސްކުރެވުނީ އަލްވަލީދުގެ އަޚު ސުލައިމާނެވެ. ޚަލީފާ ސުލައިމާންއަށް މަރުގެ އާލާސްކަންފުޅު ޖެހުނު އިރު އެ ޚަލީފާގެ ބޭފުޅުން ޚަލީފާކަމަށް އިސްކުރާވަރަށްވުރެ އުމުރުން ހަގެވެ. އެހެންކަމުން ޚަލީފާއަކަށް ދެން އިސްކުރައްވާނެ ބޭފުޅަކު ހޯއްދަވަން ޖެހިވަޑައިގަތް ހިނދު، ޚަލީފާގެ މުޝީރު ރަޖްޢާ ބިން ޙައިވާ ލަފާއެރުވީ ޚަލީފާއަކު ކަމަށް ޢުމަރު ބިން ޢަބްދުލް ޢަޒީޒް ކަނޑައެޅުއްވުމަށެވެ. ޚަލީފާ ސުލައިމާން އެގޮތް ގަބޫލުފުޅު ކުރެއްވިއެވެ. ޚަލީފާކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމަށް ޢުމަރު ބިން ޢަބްދުލް ޢަޒީޒު އުޒުރުވެރިވެ ވަޑައިގަތުމުން، ޚަލީފާ ސުލައިމާން ކުރުނުކުރެއްވިއެވެ. އެންމެ ފަހުން ޢުމަރު ބިން ޢަބްދުލް ޢަޒީޒު ޚަލީފާއަކަށް ވެވަޑައިގަތުމަށް ގަބޫލުވެވަޑައިގެންނެވީއެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒު ޚަލީފާކަމަށް އިސްވާން ފުރަތަމަ އުޒުރުވެރިވެ ވަޑައިގަތީ އުއްމަތުގެ ކުރީގެ އެންމެ މާތް ޚަލީފާއިންވެސް ޚަލީފާކަމަށް އިސްވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަތް ސަބަބާހުރެއެވެ. އެއީ އެ މަގާމުގައި ހުރެގެން ނޭނގިނަމަވެސް، އެކަލޭގެފާނުގެ ފުށުން އެއްވެސް މީހަކަށް އަނިޔާއެއްވެ، ﷲ ގެ ހަޟްރަތުގައި އެކަމަށް ޖަވާބުދާރީ ވާންޖެހޭނެތީ އެވެ.
އޮއްސެމުން ވަޅުޖެހެމުން ދިޔަ އިސްލާމީ ޚިލާފަތު އިސްލާހުވެ ބަދަލުވެގެންދިޔައީ ޢުމަރު ބިން ޢަބްދުލް ޢަޒީޒު ޚަލީފާއަކަށްވެ ވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ ޒާތީ ދިރިއުޅުއްވުމަށް ގެންނެވި ބޮޑު ބަދަލުން ކަމާމެދަކު ޝައްކެއްނެތެވެ. ބަސްފުޅަށްވުރެ ބޮޑަށް އަމަލީ ގޮތުން މީސްތަކުންނަށް ދެއްކެވި ވަރުގަދަ ނަމޫނާއެއްގެ ސަބަބުންނެވެ. ޚަލީފާކަމަށް އިސްވެ ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ މީސްމީހުނަށް އަނިޔާވެރިވަމުން ދިޔަ ކޮރަޕްޓު ގަވަރުނަރުން މަގާމުން ދުރުކުރެއްވުމެވެ. އެހެނިހެން ބައެއް ޚަލީފާއިން ބައިތުލްމާލު ބޭނުންކުރައްވަނީ އެ ބޭފުޅުންގެ އަމިއްލަ އުފަލާ އަރާމާ ހައިބަތު ބޮޑުކުރުމަށެވެ. އެއާ ޚިލާފަށް ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒު ބައިތުލްމާލު ނަހަމަގޮތުގައި ބޭނުންކުރެއްވިދާނެތީވެ، ބިރުފުޅުގެން އެކަމަށް މަގުހުޅުވިދާނެ ހުރިހާ ދޮރެއްމެ ބަންދުކުރެއްވީ އެވެ. ހަދިޔާގެ ގޮތުގައި އެކަލޭގެފާނަށް ލިބިވަޑައިގެންނެވި އަގުބޮޑު ގަހަނާއާއި އެހެނިހެން ތަކެތި ބައިތުލްމާލަށް ލެއްވި އެވެ. ޝާހީ ގަނޑުވަރުގައި ތިއްބެވި އަޅުން މިނިވަންކުރެއްވި އެވެ. ޝާހީ ގަނޑުވަރުގައި ކުރަމުންދިޔަ ބޭކާރު ޚަރަދުތަކާއި ހޭދަތައް ހުއްޓަވާލެއްވިއެވެ. އޭގެ ކުރިން ނަގަމުންގެންދިޔަ ބޭއިންސާފު ޓެކްސްތައް ހުއްޓަވާލެއްވިއެވެ. ދައުލަތުގެ ވެރިންގެ ކޮރަޕްޝަން ހުއްޓުވި އެވެ. ގެންނެވި މާލީ އިސްލާހުތަކުގެ ސަބަބުން ޒަކާތުގެ ފައިސާ ބަހާނޭ ފަގީރުން ހޯދަން އުނދަގޫވި އެވެ.
ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒު ޚަލީފާކަމާ ޙަވާލުވެވަޑައިގެންނެވި އިރު ވެރިންގެ އަނިޔާވެރިކަން އޮތީ ހައްދުން ނެއްޓިފައެވެ. ޚަލީފާއިންގެ ކޮއިލު އޮތީ މަކަރާއި ދޮގާއި ރަލުގެ ކޯރުތަކުން ތަތްތެޅިފައެވެ. މީސްމީހުންގެ މުދަލާއި ފައިސާ އެއްވެސް ހައްގަކާ ނުލައި ވެރިން އަތުލަމުން ގެންދިޔައެވެ. މީހަކު ބަލައިލިގޮތަކުން އެމީހެއްގެ ފުރާނަދުއްވާލުން އޮތީ ދާދި ގާތުގައެވެ. ވެރިކަމުގެ ޝާނާއި ޝައުކަތުގެ ތެރެއަށް އުފަންވެ ބޮޑުވާ މީހަކު މި މަގުން ގޮސް ފަސާދަވެގެން ދިއުމަކީ ދާދި ގާތުގައި އޮތްގޮތެވެ. ނަމަވެސް ގުރުބާންވުމުގެ މާތް ސިފައާއި ވަރުގަދަ އީމާނެއްގެ ސަބަބުން ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒު އެހެން ޚަލީފާއިންނާ ތަފާތުވިއެވެ.
ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ގުރްބާނީގެ އަސަރު އެކަލޭގެފާނުގެ މުޅި އާއިލާއާ ހަމައަށް ފޯރި އެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އެންމެހާ މުދަލެއް ދައުލަތުގެ ޚަޒާނާއަށް ދޫކޮށްލެއްވި އެވެ. އަދި ހަމަ އެގޮތަށް ކަންކުރައްވަން އަނބިކަމަނާ ފާތިމާއަށް ވިސްނައިދެއްވަވައި ދަތި ދިރިއުޅުއްވުމެއް އުޅުއްވަން އިޚްތިޔާރުކުރެއްވި އެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އާއިލާގެ މައްޗަށް އެހެން މީސްމީހުންގެ ހައްގުތައް އިސްކުރައްވަން ގަސްތުކުރައްވައި އެކަން އަނބިކަނބަލުންނަށް ދެންނެވިއެވެ. މުއްސަނދި ދިރިއުޅުއްވުމެއް އެކަމަނާ އުޅުއްވަން އިޚްތިޔާރުކުރައްވަން ބޭނުންފުޅުނަމަ ވަކިވެވަޑައިގެންނެވުމަށް ދެންނެވިއެވެ. އެކަމަނާއަކީ އީމާންކަމުން ފުރިގެންވާ ބޭފުޅަކު ކަމުން މައްކާއާއި މަދީނާގެ ބަރުދަނުގެ މައްޗަށް ހިމެނޭ ރަނާއި ރިއްސާއި ޖަވާހިރުގެ މައްޗަށް އެކަމަނާ އިޚްތިޔާރުކުރެއްވީ ޚަލީފާއާ އެކު، ދައްޗާއި އުނދަގުލުގައި ނިކަމެތި ދިރިއުޅުއްވުމެއް އުޅުއްވުމަށެވެ. މިއީ ކޮންފަދަ ރިވެތި މިސާލެއްތޯ އެވެ.
ދައްޗާއި ތުރާލުގައި ދަރިން ދިރިއުޅޭތަން ދުށުމަކީ އެއްވެސް މަޔަކު ބަފަޔަކު ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ. ނަމަވެސް ގުރުބާނީގެ މަތިވެރި ސިފަ އެ ދެކަނބަލުންގެ ދަރީންނާ ހަމައަށް ގެންދެވި އެވެ. އެއް ފަހަރަކު އީދަށް ކައިރިވުމުން ކުދިންނަށް އީދަށް އައު ހެދުމެއް ގަންނަން އެއްމަހުގެ މުސާރަ ކުރިއަށް ނެންގެވުމަށް ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ އަނބިކަނބަލުން އެކަލޭގެފާނަށް ދެންނެވިކަމަށް ރިވާވެގެންވެ އެވެ. ސަބަބަކީ އެކުދިން އެއް ހެދުމެއް ލަމުންގެންދާތާ ދުވަސްވެ ހެދުން ވަރަށް ބޮޑަށް ބާވެފައިވާތީ، އީދު ދުވަހު، ތިމާގެ މީހުންގެ ކުރިމަތީގައި އެކުދީން ލަދުނުގެންނެވުމަށް އެކަމަނާ ބޭނުންފުޅުވާތީވެ އެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒު ވަޑައިގެން ޚަޒާނާ ބަލަހައްޓަވާ ކިލެގެފާނުގެ އަރިހުގައި އެއްމަސްދުވަހުގެ މުސާރަ ކުރިއަށް ނެންގެވުމަށް އެދިވަޑައިގަތުމުން އެކިލެގެފާނު ޚަލީފާއަށް ދެންނެވީ އޭ އަމީރުލް މުއުމިނީން އެވެ. އެ ފައިސާ އަނބުރާ ދެއްކެވުމަށްޓަކައި މަނިކުފާނު އެއްމަސްދުވަހަށް ދުނިޔޭގައި ހުންނަވާނެ ކަމުގެ ގެރެންޓީ ދެއްވަފާނަންތޯ އެވެ. އެފަދަ ގެރެންޓީއެއް ނުދެވޭނެތީވެ، ޚަލީފާ ހުސްއަތާ އެނބުރި ގެއަށް ވަޑައިގެންނެވީއެވެ. އީދު ދުވަސް ޖެހި، ދައުލަތުގެ އިސް ބޭފުޅުންނާއި ތިމާގެ މީހުން ގެއަށް ޒިޔާރަތްކުރެއްވިއިރު އެކުދީން ތިބީ ބައުވެ ހަސްނެތިފައިވާ ފޭރާން ތުރުކުރައްވައިގެންނެވެ. އެދުވަހު ބޭރުން އައި މެހުމާނުން އެނބުރި ދިއުމުން ޚަލީފާ އެކަލޭގެފާނުގެ ބޭފުޅުންގެ އަރިހަށް ވަޑައިގެންނެވިއިރު އެބޭފުޅުން ކީރިތި ކުރައްވަން ތިއްބެވިތަން ފެނިވަޑައިގެން އެކުދިންގެ އަރިހުން މައާފަށް އެދިވަޑައިގެންނެވިއެވެ.
އެހިނދު ދޮށީ ދަރިކަލުން އަބްދުލް މާލިކް ބައްޕާފުޅަށް ދެންނެވިއެވެ. މާތް ބައްޕާއެވެ! މައާފަށް އެދިވަޑައިނުގަންނަވާށެވެ. މިއަދަކީ ތިމަން ބޭފުޅުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. މިއަދު މެނުވީ އިސްއުފުލައިގެން ތިމަން ބޭފުޅުންނަށް ތިއްބެވުނު ދުވަހެއް ނާދެއެވެ. އެހެނީ ތިމަން ބޭފުޅުން މިއަދު މުޅި ދުނިޔެއަށް މި ސާބިތުކޮށް ދައްކައިދިނީ އަހުރެމެންގެ ބައްޕާ، އަމީރުލްމުއުމިނީން، ހައްގު ނޫން ގޮތެއްގައި ޚަޒާނާއިން އެންމެ ދިރުހަމެއްގެ މިންވަރުވެސް ނުނަންގަވާނެ ކަމެވެ. އަހުރެމެންގެ ބައްޕާ އަހުރެމެންނަށް ކާންބޯންދީ ފޭރާން ހޯދައިދޭނީ ހަލާލު ގޮތުގައި ލިބޭ ފައިސާއިން ކަމެވެ.
ވިސްނަވާށެވެ. އަހުރެމެންގެ މި މުސްލިމް ދައުލަތުގެ ރައީސް، އަމީރުލް މުއުމިނީން އުމަރު ބިން އަބްދުލް އަޒީޒު (ރޢ) އުޅުއްވިފަދައިން ހައްޖަށް ވަޑައިގަންނަވަން އަމިއްލަފުޅު ފައިސާ ނެތިގެން ހައްޖަށް ވަޑައިނުގެންނެވިގެން ހުންނަވަން ޖެހިވަޑައިގެންފިނަމަ ކޮންފަދަ ތޯއެވެ. އަތުގައި އޮތް ހަމައެކަނި ފޭރާންކޮޅު ނުހިކިގެން ހުކުރު ނަމާދަށް ވަޑައިގަތުން ލަސްވުން ފަދަ ކަމެއް ވުން ކިހިނެތްވާނެތޯއެވެ. ދައުލަތުގެ ކަމެއްގައި މަޝްވަރާކުރައްވަން ވަޑައިގަންނަވާ ބޭފުޅަކާ އަމިއްލަ ކަމެއްގައި ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ވުމުން ދައުލަތުގެ ތެލުން އަނދަމުންދިޔަ ވޮއްކޮޅު ނިންއްވަވާލައްވާފައި އަމިއްލަ ފުޅަށް ބައްލަވައިގެންފައިވާ އުއްބައްތިއެއް ދިއްލަވާލައްވާނެ ނަމަ ކިހާ ރަނގަޅުވާނެތޯއެވެ. ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒް އިސްލާމީ ދައުލަތް ގެނބިފައި އޮތް އަނދިރި ވަޅުގަނޑުން ނެރެ އިސްލާމީ ދައުލަތް ވަރުގަދަ ބާރެއްގެ ގޮތުގައި ކޮޅަށް ޖެއްސެވީ އެކަލޭގެފާނުގެ ޒާތީ ދިރިއުޅުއްވުމުން ރައްޔިތުންނަށް ދެއްކެވި ނަމޫނާގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެމަނިކުފާނުގެ މައްޗަށް އުފެދުނު ލޯތްބާއި އިހްތިރާމާއި އިތުބާރުންނެވެ.
އަޅުގަނޑުމެންގެ ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ފަރާތުން މިފަދަ ނަމޫނާތަކެއް ދައްކަވާނެ ނަމަ އެވެ. ނަމަވެސް އެފަދަ މަންޒަރެއް ނުފެނެ އެވެ. ކޮރަޕްޓް ވެރިން ދައުލަތުގެ މަގާމުތަކުން ވަކިކުރުމުގެ ބަދަލުގައި މިފެންނަނީ އެފަދަ މީސްމީހުންނަށް ދައުލަތުގެ މަގާމުތައް އޮހޭތަނެވެ. މިސާލަކަށް ދައުލަތުގެ އެންމެ މައި މުއައްސަސާކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ މަގާމުގައި އެތިއްބެވި ދެ ބޭފުޅުންނަކީ ދައުލަތުގެ ފައިސާއާ މުދަލަށް ހިޔާނާތްތެރިވެގެން އެކަން ޝަރިއަތަށް ސާބިތުވެފައިވާ ދެބޭފުޅުންނެވެ. މިފަދަ މާހައުލެއްގައި މި މުސްލިމް ދައުލަތުގައި އަށަގެންފައިވާ ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ހުއްޓުވޭނީ ކޮންފަދައަކުން ހެއްޔެވެ.
ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެކަނި 24 މިލިއަން ރުފިޔާ ހަރަދުކޮށް، މުލީއާގެއަށް ބަދަލުވުމަށްޓަކައި ކުރެއްވި ބޭކާރު ހަރަދާއި ދައުލަތުގެ ފައިސާއިން ރާއްޖެއިން ބޭރަށް އެކުރައްވާ މާނައެއް ނެތް ދަތުރުފުޅުތަކަކީ އަމިއްލަ ބޭނުމަށް ދައުލަތުގެ ހަޒާނާއިން ކުރެވޭ އިސްރާފެވެ. ގައުމުގެ އެތައް ބަޔަކު ބޭސްފަރުވާ ނުކުރެވިގެން ވޭނުގައި އުޅެމުންދާއިރު، ރައީސް މީހާ ގަތަރު އެއާވޭޒްގެ މަތިންދާ ބޯޓުގެ އަރާމު ތަންމަތީގައި ދައުލަތުގެ ހަރަދުގައި ދަތުރުކުރައްވަމުން ދާއިރު، ރައްޔިތުންގެ ކެކުޅުމާއި، އެ މީހުންގައި އަޅަމުންދާ ވޭން އެމަނިކުފާނަށް އިހުސާސްކުރެއްވޭ ބާވަ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ