ލަންކާ އިން އިންޑިއާއަށް ދައްކަން އޮތް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި މުރާޖާކޮށްދީފި

ސްރީލަންކާ އާއި އިންޑިއާއާ ދެމެދު ގާއިމުކޮށްފައިވާ، ތަކެތި ގަތުމަށްދޭ ކްރެޑިޓާއި ލައިން އޮފް ކްރެޑިޓް ވަސީލަތްތަކުގެ އެގްރީމަންޓްތަކުގެ ދަށުން ގާތްގަނޑަކަށް 931 މިލިއަން ޑޮލަރު އިންޑިއާ އިން އަލުން ތަރުތީބުކޮށްދީފައިވާ ކަމަށް ސްރީލަންކާގެ ފިނޭންސް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
މި އެއްބަސްވުމުގެ ސަބަބުން ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދެވި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހު ސްރީ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވި ހަކަތައިގެ ހަބްގެ މަޝްރޫއު ހިމެނެ އެވެ.
ދަރަނި މުރާޖާ ކުރުމުގެ ތެރޭގައި އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެގްޒިމް)އިން ސްރީލަންކާ ނަގާފައިވާ ލައިން އޮފް ކްރެޑިޓްގެ ހަތް އެގްރިމެންޓާއި ތަކެތި ގަތުމުގެ ހަތަރު ކްރެޑިޓް ވަސީލަތުގެ އެގްރީމެންޓް ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާގެ ދެކުނުގެ އަވަށްޓެރި ލަންކާ އަށް 2022 ވަނަ އަހަރު ކުރިމަތިވި މާލީ ކާރިސާ އިން އަރައިގަތުމުގައި އިންޑިއާ އިން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުވި އެވެ. ސްރީލަންކާގެ އިގުތިސާދީ ކާރިސާ އިން އަރައިގަތުމަށް އިންޑިއާ އިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓަކާއި އެހެނިހެން އިމަޖެންސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 4 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވެ އެވެ.
އެ ކާރިސާގެ ސަބަބުން ސްރީލަންކާ އަށް ތެލާއި ބޭހާއި ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވި އެވެ. އަދި އެ ކާރިސާ އިން ލަންކާއަށް އަރައިގަނެވުނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 2.9 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ.
ދޭ ދޭ ގައުމުތަކާ ދެމެދު މިދިޔަ އަހަރުގެ ޖޫން މަހު ސްރީލަންކާ އިން ގާއިމު ކުރި އެއްބަސްވުމެއްގެ ދަށުން ޖަޕާނަށް ދައްކަން އޮތް 2.5 ބިލިއަން ޑޮލަރުގެ ދަރަނި ވެސް ޖަޕާނުން ވަނީ އަލުން ތަރުތީބުކޮށްދީފަ އެވެ.
ލަންކާއަށް ޗައިނާ އިން ނަގާފައިވާ 4.75 ބިލިއަން ޑޮލަރުގެ ދަރަނި އަލުން މުރާޖާ ކުރުމަށް ވެސް އެފަދަ އެއްބަސްވުންތައް އަދި ހަދަން ޖެހެ އެވެ.
ލަންކާ އިން ވަނީ މިދިޔަ ޑިސެމްބަރު މަހު ބައިނަލްއަގްވާމީ ބޮންޑް ހޯލްޑަރުންނާ އެކު 12.5 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ