ހުރިހާ ކަމެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއަކަށް ބަލަންޖެހޭ: ޚުތުބާ

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހޭ ކަމަށާއި، ޝައްކެއް ނެތް ގޮތުގައި މާތްﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ ސީދާ މަގަށް މަގު ދެއްކެވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "އިސްލާމީ ޝަރީއަތުގައި ސުންނަތުގެ މަގާމު"، މި މައުޟޫއުގެ މައްޗަށެވެ. ޚުތުބާގައި ބުނީ، އިންސާނުން ދުނިޔޭގައި އުޅުމަށް މާތްﷲ ޚިޔާރުކުރައްވައިފައިވާ މަގަކީ އިސްލާމް ދީން ކަމުގައި ވީހިނދު، އެކަލާނގެ ޙަޟުރަތުން މީސްތަކުންނާ ހަމައަށް މި ދީން އައިސްފައިވަނީ، ކީރިތި ރަސޫލާ މެދުވެރިކުރައްވައި ކަމަށެވެ. ޝައްކެއް ނެތް ގޮތުގައި އެކަލޭގެފާނަށް ބާވައިލެއްވުނު މި ދީން އެކުލެވިގެންވަނީ މައިގަނޑު ދެ މަސްދަރުގެ މައްޗަށް ކަމަށާއި އެއީ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ އަގުމާތްވި ސުންނަތް ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން، މާތްﷲ އަށް ކިޔަމަންވުމަށް ކުރައްވައިފައިވާ އަމުރުފުޅާ ވިދިގެން ރަސޫލާއަށް ކިޔަމަންވުމަށް، ކީރިތި ޤުރްއާނުގައި އެކަލާނގެ ވަނީ އަމުރުކުރައްވައިފައެވެ. އަދި އެކަލާނގެއަށް އުރެދުމެކޭ އެއްފަދައިން ރަސޫލާއަށް ކިޔަމަންނުވުމުން މުއުމިނުން ކުރާ ހެޔޮ އަމަލުތައް ބާތިލުވާނޭކަން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. ޚުތުބާގައި ބުނީ، އަހަރެމެންނަށް އެނގި ކަށަވަރުވާ ކަމަކީ، ރަސޫލާއަށް ކިޔަމަންނުވާ މީހާ މާތްﷲއަށް ކިޔަމަންވާ މީހަކުކަމުގައި ނުވާނޭކަން ކަމަށެވެ. ޝައްކެތްނެތް ގޮތުގައި މާތްﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވައިފައި ވަނީ އަހަރެމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށެވެ. އެހެންކަމުން އެކަލޭގެފާނަށް ތަބާވުމީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަން ކަށަވަރެވެ. ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހެއެވެ.ހުކުރު ޚުތުބާ ޚުތުބާގައި ބުނީ، މާތްﷲގެ ކަލާމުފުޅު އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ކައުއިތުރު ރަސޫލާގެ ދޫފުޅު މަތީން ކަމުގައި ވީހިނދު، އެކަލޭގެފާނުގެ ސުންނަތަށް އީމާން ނުވާ މީހާ ހަގީގަތުގައި ޤުރްއާނަށް ވެސް އީމާންވާކަމުގައެއް ނުވާނެ ކަމަށެވެ. ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުން އަމަލުކުރާންޖެހޭ ހުރިހައި ކަމެއް، ކީރިތި ވަންތަ ﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވައި ކަމަށާއި އެހެންކަމުން، ޤުރްއާން ފިޔަވައި އެހެން މަޞްދަރަކަށް ބަލާކަށް ނުޖެހޭނެއެވެ. ނަމަވެސް ހަގީގަތުގައި މިއީ ވަރަށް ގޯސް ވިސްނުމެއް ކަމަށް ޚުތުބާގައި ބުންޏެވެ. ހުކުރު ޚުތުބާ އަޑުއެހުމަށް މީހުން އިސްލާމީ މަރުކަޒުގައި: ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް ރަސޫލާ ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހޭކަމަށް ޚުތުބާގައި ބުނެފި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ އެހެނީ، އިސްލާމީ ޝަރީއަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫއަވުމަކާ ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން އަމަލުކުރުމީ މުސްތަހީލު ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން، ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުން ކަމަށާއި އެއީ އިސްލާމް ދީނުގެ ތަނބު ކަމަށް ބުންޏެވެ. އަދި ޝަހާދަތުގެ ދެ ކަލިމައަށް ފަހު ދީނުގައި އަދާކުރުމަށް އައިސްފައިވާ އެންމެ މުހިންމު ކަމަކީ ނަމާދުކުރުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގޭން އޮތްކަމުގައިވީ ނަމަވެސް، ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނެތް ކަމަށެވެ. ހަމަ އެހެންމެ ފަރުޟުކުރެވުނީ ކިތައް ނަމާދު ކަމެއް ވެސް ކީރިތި ޤުރްއާނުން އެނގޭކަށް ނެތް ކަމަށާއި އެ ކަންކަން އެނގެނީ ކީރިތި ރަސޫލާގެ ސުންނަތުންކަން ޚުތުބާގައި ބުންޏެވެ. އިސްލާމީ ޝަރީއަތުގެ ފުރަތަމަ މަސްދަރުކަމުގައި ކީރިތި ޤުރްއާން ވީފަދައިން ރަސޫލުގެ ސުންނަތަކީ އެ ޝަރީއަތުގެ ދެވަނަ މަސްދަރުކަން ކަށަވަރު ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން، ކީރިތި ޤުރްއާން ގަބޫލުކުރިއަސް ރަސޫލާގެ ސުންނަތް ގަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ. ކީރިތި ޤުރުއާނާއި ސުންނަތާ ދެމެދުގައި ވާ ގުޅުމަކީ، ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމައާ ދެމެދުގައި ވާ ގުޅުން ކަމަށް ޚުތުބާގައި ބުންޏެވެ. އެ ދެކަލިމައިގެ ގުޅުން ވަކިނުކުރެވޭނޭ ފަދައިން ކީރިތި ޤުރުއާނާއި ސުންނަތް ވަތްކެއްނުކުރެވޭނެއެވެ. ހަގީގަތަކީ މިއީ ކަމުގައިވީ ނަމަ ވެސް، ސުންނަތް ދޫކޮށްލައި ހަމައެކަނި އަހަރެމެން ގަބޫލުކުރާނީ ޤުރްއާނޭ ބުނާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ ވަނީ އުއްމަތަށް ދެއްވައިފައެވެ. އަދި މިފަދަ މީހުންނާ މެދު ރައްކާތެރިވެ ތިބުމަށް ވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވައިފައެވެ. ހުކުރު ޚުތުބާ އެކަލޭގެފާނުގެ ސުންނަތަށް އިންކާރުކުރާ ބައެއް މީހުން ބުނަނީ އަހަރުމެންނާ ހަމައަށް ރަސޫލާގެ ސުންނަތް އައިސްފައި ވަނީ އެހައި އިތުބާރު ހުރި ގޮތަކަށް ނޫންކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން އެއީ ގަބޫލުކުރެވޭނޭ އެއްޗެއް ނޫންކަމަށް ވެސް އެބައިމީހުން ބުނެ އުޅޭ ކަމަށް ޚުތުބާގައި ބުންޏެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. އެހެނީ ކީރިތި ރަސޫލާގެ ސުންނަތަކީ އެކަލޭގެފާނަށް ބާވައިލެއްވުނު ދީނުގެ ބައެއް ކަމަށާއި އެ ދީން ކީރިތި ﷲ ވަނީ ގިޔާމަތާ ހަމައަށް ދާންދެން ރައްކާތެރިކުރައްވާނޭކަމަށް ވައުދުވެވޮޑިގެންފައި ކަމަށް ޚުތުބާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ