މާދަމާ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް: އެޖެންޑާގައި ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ. ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާއިރު އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ. https://sun.mv/205612 އެއަށްފަހު ދެ ފަހަރު މަތިން އެ ކޮމެޓީގެ ބައްދަލުވުން ތާވަލްކުރި ނަމަވެސް ވަނީ ބޭއްވޭ ގޮތް ނުވެފައެވެ. https://www.sun.mv/205676 މަޖިލީހުގެ އިދާރާއިން އެ ކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު 'ސަން'އަށް ވިދާޅުވި ގޮތުގައި ކޮމިޓީ ބައްދަލުވުން ކެންސަލްކުރަން ނިންމީ ޖޭއެސްސީން މައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް ނުލިބިގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައެވެ. އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ވަނީ މިހާރު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ. ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ. ޝަރުއީ ދާއިރާ ނުފޫޒުން މިނިވަންކުރުމާއި ނުފޫޒު ނުފޯރުވުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ. އެ މަނިކުފާނު ގެންދަވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ދުވަހަކު ވެސް ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ