އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް ފަސްކޮށްދީފި

ދިވެހި ސަރުކާރަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ވިއްކި ޓީ ބިލްގެ ތެރެއިން މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އިންޑިއާ އިން ފަސްކޮށްދީފި އެވެ.ޓްރެޝަރީ ބިލު ވިއްކައިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން 50 މިލިއަން ޑޮލަރު ހޯދީ މާރިޗު 17، 2019 ގައި މިދިޔަ ސަރުކާރުގައެވެ. އެ ފައިސާ ދެއްކުން އިންޑިއާ ސަރުކާރުން ވަނީ މީގެ ކުރިން ވެސް އަހަރު ދުވަހަށް ފަސްކޮށްދީފައެވެ.އޭރު އިތުރުކުރި އެއް އަހަރު ދުވަހުގެ މުއްދަތު ހަމަވަނީ މިއަދަށެވެ.ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރުގެ އެދުމަށް ކުއްލި މާލީ އެހީތެރިކަމެއްގެ ގޮތުގައި އެ ފައިސާ ދެއްކުން އިތުރު އެއް އަހަރު ދުވަހަށް ފަސްކޮށްދޭން އެސްބީއައިއިން ނިންމާފައިވާ ކަމަށެވެ.އިންޑިއާ ސަރުކާރުން ދިން އެއް އަހަރުގެ މުއްދަތު މިމަހަށް ހަމަވާތީ އަނެއްކާވެސް އެ އަދަދު ދެއްކުން ފަސްކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ފަސްކޮށްދިނީ ކިހާ ދުވަހަކަށް ކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ. ރާއްޖެއިން ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނީ އިތުރު އިންޓްރެސްޓެއް ވެސް ނާރާ ގޮތަށެވެ.އެސްބީއައި މީގެކުރިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ދިވެހި ސަރުކާރުން ދައްކަންޖެހުނު 50 މިލިއަން ޑޮލަރުވެސް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ދެއްކުން ފަސްކޮށްދީފަ އެވެ.ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ އުދަނގޫ ހާލަތުގެ ސަބަބުން ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ ލޯންތައް ދެއްކުމުގައި އިންޑިއާ އިން ދަނީ ވަރަށް ގިނަ ލުއިތައްދީ ރާއްޖެއަށް އެހީވަމުންނެވެ. އެގޮތުން ދިވެހި ދައުލަތުގެ ރިޒާވް ހަމައަކަށް އެޅުވުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީއަކާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީއެއް އިންޑިއާ އިން ހަމަޖައްސައިދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ