ވަކިކުރި ފަނޑިޔާރުން އަނބުރާ ސުޕްރީމް ކޯޓަށް ގެންނާނަން: ޣަފޫރު
ރައްޔިތުންގެ މަޖިލީހުން މިއަދު ވަކިކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަނބުރާ، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ގެންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ. ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ. ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް މިދިޔަ އާދިއްތައިގައި ފާސްކުރުމަށް ފަހު، މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ. އެ ކޮމެޓީން އެގޮތަށް ނިންމީ ފަނޑިޔާރުން ޖަވާބުދާރީވުމުގެ ފުރުސަތަށް އެދިފައި ވަނިކޮށް, އެ ފުރުސަތު ނުދީ, ކޮމެޓީ ސިއްރު ވެސް ކުރުމަށް ފަހުގައެވެ. އަދި ކޮމެޓީން އެ ގޮތަށް ނިންމީ, ޖޭއެސްސީގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް, ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ވެސް އަރުވާފައި ވަނިކޮށް, އެއަށް ބެލުމެއް ނެތިއެވެ. ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރު --- ފޮޓޯ/ ރައީސް އޮފީސް ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ އެ މައްސަލައަކީ މެންބަރުން ވަރަށް ފުންކޮށް ވިސްނަންޖެހޭ މައްސަލައެއް ކަމަށެވެ. ފަނޑިޔާރު އަޒްމިރަލްދާއަކީ ނަމޫނާ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި، އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު އެކަމަނާ ކުރެއްވި މަސައްކަތާ މެދު އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. މިއަދު މިކުރާ ކަމަކީ ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންނުކުރާ މީހުން ވަކިކުރުން ކަމަށް ވިދާޅުވިއެވެ. "އެކަން އެކުރަނީ. މިއަދު ހުއްޖަތް ދައްކާނެ ކަމެއް ނެތް. އެމްޑީޕީ ވެރިކަމުގައި ހެދީ އެހެނޭ. އެއީ މާޒީ އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވިއެވެ. "ރައްޔިތުން ކައިރީ ބުނީ ތިމަންނާމެން އެއަށްވުރެ މާމޮޅަށް މާ ރަނގަޅަށް ވެރިކަން ކޮށްދޭނަމޭ. އިންސާފު ގާއިމުކޮށްދޭނަމޭ. ދެން ހުރިހާ ކަމެއްވެސް ކޮށްދޭނަމޭ. އެހެންވީމަ މިއަދު ވެރިކަމުގައި ތިބެ، ފާއިތުވެ ދިޔަ ތަނުގައި ކަންކުރި ގޮތުގެ ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން،" ޣަފޫރު ވިދާޅުވިއެވެ. ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ: ވަކިކުރި ފަނޑިޔާރުން އަނބުރާ ސުޕްރީމް ކޯޓަށް ގެންނާނަން ކަމަށް ވިދާޅުވި -- ފޮޓޯ: މަޖިލިސް -- ފޮޓޯ: މަޖިލިސް މިއަދު ރާއްޖެ މިދަނީ ފަހަތަށް ކަމަށާއި، ކޮރަޕްޝަންގެ އިންޑެކްސްގައި ރާއްޖެއަށް އެއްވެސް ކަހަލަ ކުރިއެރުމެއް ހޯދިފައި ނެތް ކަމަށް ޣަފޫރު ވިދާޅުވިއެވެ. ޚާއްސަކޮށް ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށްވެ، ކްރެޑިޓް ރޭޓިން ދަށްވެ، އެކަމަށް ވެސް މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށް ވިދާޅުވެ ޣަފޫރު ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފައެވެ. "މިއަދު މިތަނުގައި އެކަން [ފަނޑިޔާރުން ވަކިކުރުމުގެ މަސައްކަތް] ކުރާނެ. އެހެންނަމަވެސް އެކަން ކުރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެނބުރި އެބޭފުޅުން ސުޕްރީމް ކޯޓަށް ގެންނާނަން އިއްޒަތްތެރި ރައީސް. އެބޭފުޅުންނަކީ ތެދުވެރިކަމާއި، އިޚުލާސްތެރިކަމާއި، ވަފާތެރިކަމާއެކު މި ގައުމަށް ޚިދުމަތްކުރަމުންދާ ބޭފުޅުން،" ޣަފޫރު ވިދާޅުވިއެވެ. https://sun.mv/205973 މަހާޒާއި އަޒްމިރަލްދާ މަގާމުން ވަކިކުރަން ޖޭއެސްސީން ފާސްކުރީ، މިދިޔަ ފެބްރުވަރީ މަހުގެ 26ގައި، އެއިރުގެ ފަނޑިޔާރު ހުސްނުއްސުއޫދާއެކު ސަސްޕެންޑުކުރުމަށް ފަހުގައެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައެއް ބަލަމުން ދަނިކޮށެވެ. އޭގެ ފަހުން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، ތިން ބޭފުޅުން ވެސް ޖޭއެސްސީން ބަލާ މައްސަލައާއި އެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ސުއޫދާއި އަޒްމިރަލްދާ ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި އޭގެ މަގުސަދަކީ ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުން ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެ މައްސަލައިގައި ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާއި އިންޑިއާގެ ބާ އެސޯސިއޭޝަނާއި ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ލޯ އޭޝިއާ)އިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ބޭރުގެ އެސޯސިއޭޝަންތަކުން ވަނީ، ރާއްޖޭގެ ބާ ކައުންސިލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވެންދެން ފަނޑިޔާރުން ވަކިނުކުރަން ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ