ލޯނެއްގެ ބައެއް އަދާކުރަން ދަތިވެ އިތުރު ލޯނެއް ނަގައިފި

ޗައިނާގެ އެގްޒިމް ބޭންކުން 2015 ވަނަ އަހަރު ނެގި ލޯނެއްގެ ބައެއް އަދާކުރަން ދަތިވެ އިތުރު ލޯނެއް ނަގައިފި އެވެ. މާލިއްޔަތު ކޮމިޓީން އިއްޔެ ފިނޭންސް މިނިސްޓްރީން ހިއްސާކުރި ލިޔުމުގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގި 378 މިލިއަން ޑޮލަރު (5.8 ބިލިއަން ރުފިޔާ) ގެ ލޯނަށް ބޭނުންވާ 75 މިލިއަން ޑޮލަރު ވަނީ ރީފައިނޭންސް ނުވަތަ އެ އަދަދު ދެއްކުމަށް ލޯނެއް ނަގައިފަ އެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މި އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރީފައިނޭންސް ކުރުމަށްވެވުނު އެއްބަސްވުމުގެ ދަށުން 2022 ވަނަ އަހަރުން ފެށިގެން ދައްކަމުން އައި ލޯނަށް ކުރިއަށް ތިން އަހަރު ފައިސާ ދައްކަންނުޖެހޭނެ އެވެ. ނަމަވެސް 2027 ވަނަ އަހަރު އަލުން ލޯނު ދައްކަން ފެށުމުން ކުރިން ނަގާފައިވާ ލޯނުގެ ޕްރިންސިޕަލް ޕޭމެންޓުތައް ދައްކަންޖެހޭނެ ކަމަށް ފިނޭންސްގެ ލިޔުމުގައިވެ އެވެ. ރިފައިނޭންސްގެ ތަފުސީލު ލޯނުގެ ޖުމްލަ އަދަދު: 75 މިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހޭ މުއްދަތު: ހަ އަހަރު ގްރޭސް ޕީރިއަޑް: ތިން އަހަރު އިންޓަރެސްޓު ރޭޓު: ދެ އިންސައްތަމި ލޯނުގެ އިންޓަރެސްޓުގެ ގޮތުގައި 3.3 މިލިއަން ޑޮލަރު އަނބުރާ ދައްކަންޖެހެ އެވެ. ލޯނު އަނބުރާ ދައްކަންޖެހޭ ޖުމްލަ އަދަދަކީ 78 މިލިއަން ޑޮލަރެވެ. އެ ލޯނު ދައްކައި ނިމޭނީ 2030 ވަނަ އަހަރު އެވެ.ޗައިނާގެ އެގްޒިމް ބޭންކުން ނެގި އެލޯނު ރީފައިނޭންސް ކުރަން ނިންމީ ދައުލަތުގެ މާލީ ހާލަތު ދަށްވެ، ފޮރިން ކަރެންސީ ރިޒާވަށް ނޭދެވޭ އަސަރު ކޮށްފައިވާތީ ކަމަށް ފިނޭންސުން ބުންޏެވެ. އެ ލޯނު ދެއްކުން އިތުރު ތިން އަހަރަށް ފަސްކުރުމުން މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިންގަން ފަސޭހަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.ވޯލްޑް ބޭންކުގެ މައުލޫމާތު ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 8.2 ބިލިއަން ޑޮލަރުގައެވެ. މިއީ ޖީޑީޕީގެ 116 އިންސައްތައެވެ. މީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އަކީ ބޭރުގެ ދަރަނިއެވެ. މީގެ ތެރެއިން ބޮޑު ބައެއް ދައްކަންޖެހެނީ ސަރަޙައްދީ ވާދަވެރިން ކަމުގައިވާ ޗައިނާ އަދި އިންޑިއާއަށެވެ. ޗައިނާއަށް 1.37 ބިލިއަން ޑޮލަރު އަދި އިންޑިއާއަށް 124 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.މީގެއިތުރުން ރާއްޖޭގެ އެތެރޭގެ ދަރަނި 74 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ސަރުކާރުގެ ދަރަނި މިހާރު ހުރީ 126 ބިލިއަން ރުފިޔާގަ އެވެ. އަދި އަހަރު ނިމޭ އިރު އެ އަދަދު ގާތްގަނޑަކަށް 130 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ