ކުޑައިރު ގަބޫލުކުރެވުނު ހެއްވާ ކަންތައްތައް: ދިވެހި ފޯކްލޯރާއި އޭގެ ފަހަތުގައިވާ ސިއްރު

އިރު އޮއްސި އަނދިރިކަން ވެރިވުމާއެކު، ގޭގެ ދޮރުތައް ލައްޕައި، 'މަޣްރިބް ވަގުތު ބޭރަށް ނުނިކުމޭ، ފޫޅުދިގުހަންޑި ގެންގޮސްދާނެ' މިހެން ބުނެ އިހުމީހުން ދެއްކިވާހަކަތައް، ތިޔަބޭފުޅުންގެ ހަނދާނުގައި އެބަހުރިތޯ...؟ ރަށުތެރެއިން އިވޭ ބަންގީގެ އަޑާއެކު، ބޭރުގައި ކުޅެން ތިބެފައި ދުވެފައި ގެއަށް ވަންނަ އާދައަކީ މީގެ އަހަރުތަކެއް ކުރިން ތަޖުރިބާކޮށްފައިވާ އާދައެކެވެ. މި މަންޒަރަކީ އޭރުގެ ދިރިއުޅުމުގެތެރޭގައި ފެންނަ ޢާންމު މަންޒަރެކެވެ. ކުޑައިރު ގަބޫލުކުރެވުނު މިފަދަ ކަންތައްތަކަކީ ހަމައެކަނި ދިވެހިރާއްޖެއަށް ޚާއްޞަ ކަމެއް ނޫނެވެ. މުޅި ދުނިޔޭގައިވެސް ކުޑަކުދިންނަކީ ތަފާތު އެކި ފޯކްލޯރުތަކާއި ޚިޔާލީ ވާހަކަތައް ގަބޫލުކުރާ ބައެކެވެ. ނަމަވެސް، ދިވެހި ސަޤާފަތުގެ ތެރޭގައި ހިމެނޭ މިފަދަ ވާހަކަތައް ކިޔައިދިނުމުގެ ފަހަތުގައި ފޮރުވިފައިވާ ވަރަށް ބޮޑަތި އެހެން މަޤުސަދުތަކެއްވާކަން މިއަދު އަޅުގަނޑަށް ޤަބޫލްކުރެވެއެވެ. މިއީ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަދި ކުދިންގެ އަޚުލާޤު ބައްޓަންކުރުމަށްޓަކައި ކާބަފައިން ބޭނުންކުރި ވަރަށް މުހިންމު އެހާމެ ބޭނުންތެރި އުކުޅެކެވެ. ދިވެހި ކުދިންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ސަޤާފީ ޤަބޫލުކުރުންތައް ދިވެހި ފޯކްލޯރުގެ ތެރެއިން އަޅުގަނޑުމެންގެ ޅަފަތުގެ ދުވަސްތައްވަނީ ޝައުގުވެރި ވާހަކަތަކަކުން ފުރާލާފައިވެއެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު އެއް ވާހަކައަކީ ޒަމާނުއްސުރެ އަޅުގަނޑުމެން އެންމެން ދަންނަ "ސަފަރުކަތްދަ" ގެ ވާހަކައެވެ. ސަޤާފީ ގޮތުން ޤަބޫލުކުރެވިފައި އޮންނަ ގޮތުގައި، ސަފަރުމަހުގެ 10 ވަނަ ރޭ ކަތްދަ އޭނާގެ ހަތް ދަރިން ގޮވައިގެން އައިސް، ގޭގޭގައި ހުންނަ ވަޅުގެ ދާނި އަދި ފުނޑާދައި ބޭނުންކޮށްގެން ދަރިން ފެންވަރުވައި، ބޭސް ފުނޑައި ހަދައެވެ. އެހެންކަމުން، އެރޭ އެ ތަކެތި ފޮރުވުމަކީ ކުރީގެ މީހުން އާދަކޮށް ކުރަމުން އައި ކަމެއްގެ ގޮތުގައި ތުންތުންމަތީން އައިސްފައިވެއެވެ. މިފަދަ ވާހަކަތަކާއި ބިރުވެރި ސޫރަތައް، މިސާލަކަށް ފޫޅުދިގު ހަންޑި ފަދަ ވާހަކަތައް މައިންބަފައިން ބޭނުންކުރީ ކުދިން ކޮންޓްރޯލް ކުރުމަށެވެ. މިފަދަ އެއްވާހަކައެއްގެ ގޮތުން ސަންތިމަރިޔަނބުގެ ވާހަކަ ނަގާނަމަ، ސަންތިމަރިޔަނބު ދަތްގޯނި ހިފައިގެން އަންނަ ވާހަކައަށް ވިސްނާލާއިރު މިއީ ރޭގަނޑު ކުދިން ނިދުމުގެ ކުރިން ދަތްއުނގުޅުމަށް ބާރުއެޅުމަށް ފަރުމާކުރެވިފައިވާ ވާހަކައެއްކަން ޤަބޫލްކުރަން ފަސޭހަވެއެވެ. އަދި މިއީ ކުދިން ގޯސް މަގަކުން ހިނގައިދާނެތީ، އެކުދިންނަށް ރަނގަޅު ގޮތް ދަސްކޮށްދިނުމަށްޓަކައި މުޖުތަމަޢު ބޭނުންކުރި ޑިސިޕްލިނަރީ ޓޫލްއެކެވެ. ބޭރަށް ގޮސް އުޅޭ ކުދިން އަވަހަށް ގެއަށް ވެއްދުމަށާއި، ވަލުތެރެއަށް ނުދިއުމަށް ބާރުއެޅުމުގެ ގޮތުން ފޫޅުދިގު ހަންޑީގެ ވާހަކަ، ރަތްލޯބެ ވާހަކަ ފަދަ ވާހަކަތައް ކިޔައިދިނުމަކީ ވަރަށް ޢާންމު ކަމެކެވެ. މި ވާހަކަތަކުގެ ސަބަބުން ކުދިން އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ދަސްކުރެއެވެ. ކުދިން މި ވާހަކަތައް ގަބޫލުކުރަނީ ކީއްވެ؟ މިފަންނުގެ ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި، ކުދިން މިފަދަ ޚިޔާލީ ވާހަކަތައް ގަބޫލުކުރުމަކީ އެކުދިންގެ ސިކުނޑީގެ ތަރައްޤީއަށް ފައިދާހުރި ކަމެކެވެ. މިފަދަ ޢިލްމުވެރިންގެ ހޯދުންތަކުން އެނގޭ ގޮތުގައި، ކުޑަކުދިންނަށް ޙަޤީގަތާއި ޚިޔާލީ ދުނިޔެ ވަކިކުރަން ނޭނގޭ ޢުމުރުގައި، އެކުދިން ބަރޯސާވަނީ ބޮޑެތި މީހުން ދޭ މަޢުލޫމާތަށެވެ. އެކުދިންގެ ވިސްނުން ބިނާވެފައި އޮންނަނީ ރަމްޒުތަކާއި، ބަހުރުވައާއި، ހަނދާނުގެ މައްޗަށެވެ. ދިވެހި މުޖުތަމަޢުގައިވެސް މިކަން އޮތީ މިހެންނެވެ. ކުޑަކުދިންގެ ވިސްނުމުގައި، މައިންބަފައިންނާއި މުޖުތަމަޢުގެ އިސް މީހުން ދައްކާ ވާހަކައަކީ ފުރިހަމަ ތެދެވެ. ވާހަކަ ކިޔައިދިނުމުގެ ސަޤާފަތަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ކަމަކަށްވާއިރު، މި ވާހަކަތަކުގެ ޒަރީޢާއިން ކުދިންގެ ކިބައިގައި ހަމްދަރުދީއާއި، ކަންކަމާމެދު ވިސްނުމުގެ ބާރު އުފެދިގެންދެއެވެ. މަންމަގެ އުނގުގައި އޮވެ އަޑުއެހި އެފަދަ ކިތަންމެ ވާހަކަތަކެއްގެ މަންޒަރުތައް މިއަދުވެސް އަޅުގަނޑުގެ ސިކުޑީގައި ވެސް ކުރެހިފައި އެބަހުއްޓެވެ. އެހެންކަމުން، ކުޑައިރު ޤަބޫލުކުރެވުނު މިފަދަ ކަންތައްތަކަކީ ޙަޤީގަތުގައި ކުދިންގެ ސިކުނޑި ތަރައްޤީވުމަށް އެޅޭނެ މުހިންމު ބިންގަލެއްކަމުގައި ނޫނީ ނުވާނެއެވެ. ޓެކްނޮލޮޖީގެ ޒަމާނާއި ޖީލުތަކުގެ ތަފާތު މިއަދުގެ ޑިޖިޓަލް ޒަމާނުގައި ކުޑަކުދިންގެ ދުނިޔެ ވަނީ މުޅިން ބަދަލުވެފައެވެ. ސްމާޓްފޯނާއި އިންޓަނެޓުގެ ޒަރީޢާއިން މަޢުލޫމާތު ހޯދުމުގެ ފުރުސަތު ފަހިވުމާއެކު، ކުރީގެ ސަޤާފީ ފޯކްލޯރުތަކުގެ އަސަރު ކުދިންގެ ހިތްތަކުން ފަނޑުވަމުންދާކަން ފާހަގަކުރެވެއެވެ. ކުރީގެ ކުދިން ބިރުގަތް "ސަންތިމަރިޔަނބު" ގެ ބަދަލުގައި މިއަދުގެ ކުދިން ޝައުގުވެރިވަނީ ޔޫޓިއުބް އަދި ވީޑިއޯ ގޭމްތަކުގައި އުޅޭ ޑިޖިޓަލް ކެރެކްޓަރުންނަށެވެ. ޒަމާނީ ތަޢުލީމީ ނިޒާމުގެ ސަބަބުން ކުދިން ކަންކަމާމެދު ސުވާލުކޮށް، ޢިލްމީ ގޮތުން ކަންކަން ތަޙުލީލުކުރަން ފެށުމުން، މާޒީގެ ބިރުވެރި ވާހަކަތަކަކީ ހަމައެކަނި "ވާހަކަ" ކަން އެކުދިންނަށް ވަރަށް އަވަހަށް ވިސްނެއެވެ. ނަމަވެސް، މިއީ ދިވެހި މުޖުތަމަޢު ފަދަ ހަލުވިކަމާއެކު ބަދަލުވަމުންދާ މުޖުތަމަޢުއަކުން ފެންނާނެ ތަބީޢީ ކަމެކެވެ. ޓެކްނޮލޮޖީގެ ސަބަބުން ކުދިންގެ ވިސްނުން ތަނަވަސްވެފައިވީ ނަމަވެސް، ސަޤާފީ ވާހަކަތަކުން ލިބޭ އުފާވެރިކަން އަދިވެސް ހަމައެގޮތުގައި އެބައޮތެވެ. މާޒީގެ ހަނދާންތަކާއެކު ކުރިމަގަށް ކުޑައިރު ގަބޫލުކުރެވުނު ހެއްވާ ކަންތައްތަކާއި ބިރުވެރި ވާހަކަތަކަކީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގެ މުހިންމު ބައެކެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިންގެ ދިރިއުޅުމާއި، އެމީހުންގެ ވިސްނުމާއި، މުޖުތަމަޢު އޮތް ގޮތް އަންގައިދޭ ލޯގަނޑެކެވެ. މިއަދު އަޅުގަނޑުމެން ބޮޑެތިވެ، އެއީ ޙަޤީގަތެއް ނޫންކަން އެނގުނު ނަމަވެސް، އެ ހަނދާންތަކުން ލިބެނީ އުފާވެރިކަމެވެ. ކުރިއަށް އޮތް ޖީލުތަކަށް މި ވާހަކަތަކުން ބިރުވެރިކަން ނުލިބުނު ކަމުގައިވިޔަސް، ދިވެހި ތާރީޚުގަ ލިޔެވިފައިވާ ބައެއްގެ ގޮތުގައި މި ސަޤާފަތް ދެމިއޮންނާނެކަން ކަށަވަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ