ސީޑަބްލިއުޔޫ ޓޯކަން: ނަޝީދާއި އެހެން ގައުމުތަކުގެ ލީޑަރުންގެ ނަމުގައި ހިންގާ ބޮޑު ސްކޭމެއް؟
ސޯޝަލް މީޑިއާގައި މި ދުވަސްވަރު އިޝްތިހާރު ކުރަމުންދާ ސީޑަބްލިއުޔޫ ކްރިޕްޓޯ ޓޯކަންއަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން ބައެއް ލީޑަރުންގެ ނަން ބޭނުންކޮށްގެން، ބޮޑު އޮޅުވާލުމެއްގެ ތެރެއިން ހިންގާ ސްކޭމެއް ކަމަށް ތުހުމަތުކޮށްފިއެވެ. 'ޖުބްރާން ޝަރީފް'ގެ ނަމުގައި 'އެކްސް'ގައި ހިންގާ އެކައުންޓަކުން ވަނީ، ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކްގެ ނަމުގައި ސޯލާނާ ބްލޮކްޗެއިންގައި މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު ތައާރަފުކޮށްފައިވާ ޓޯކެންއަކާ ގުޅޭ ތުހުމަތުތަކެއް އާންމުކޮށްފައެވެ. އެ ޓޯކަން ލޯންޗްކުރިއިރު، ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެއީ ކޮމަންވެލްތުގެ ދެ ބިލިއަނަށްވުރެ ގިނަ ރައްޔިތުންނަށް އަމާޒުކޮށްގެން އުފެއްދި ޑިޖިޓަލް އައިޑެންޓިޓީއެއް ކަމަށެވެ. އެއް ބިލިއަން ޓޯކަންގެ ސަޕްލައިއެއް އޮތް މި މަޝްރޫއުގެ އިސް ސަފުގައި ޔޫއޭއީގެ ޝާޖާގެ ޝާހީ އާއިލާގެ މެމްބަރެއްގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ކުރީގެ ލީޑަރުން ހިމެނޭކަމަށް އެ ޕްލެޓްފޯމުން އައީ ދައުވާ ކުރަމުންނެވެ. ނަމަވެސް ޓޯކަން ލޯންޗްކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި، ބްލޮކްޗެއިންގެ ތަފާސްހިސާބުތަކުން ފެންނަ ވޮލެޓް ކޮންސެންޓްރޭޝަން މައްސަލަތަކާއި، އެޑްވައިޒަރީ ބޯޑުގައި ހިމެނޭ ބައެއް ބޭފުޅުން އެކަން އިންކާރު ކުރުމާ ގުޅިގެން މި މަޝްރޫއުގެ އިތުބާރާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އެގޮތުން، މަޝްރޫއުގެ އިސް ސަފުގައި ހިމެނޭ ކަމަށް ބުނާ މޮރިޝަސްގެ ކުރީގެ ރައީސާ އަމީނާ ގުރިބް ފާކިމް ވަނީ އެއީ އޭނާގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ، އާންމުން މިކަމަށް ސަމާލުވުމަށް އެކްސްގައި ގޮވާލައްވާފައެވެ. 'ޖުބްރާން ޝަރީފް' އެކައުންޓުގައި ބުނެފައިވާ ގޮތުން، އެ ޕްލެޓްފޯމްގެ ނަން ކޮމަންވެލްތާ ގުޅުވައިފައިވީ ނަމަވެސް، އެއީ އެ ޖަމާއަތާ އެއްވެސް ގުޅުމެއް އޮތް ޕްލެޓްފޯމެއް ނޫނެވެ. ނަމަވެސް، އެ ޕްލެޓްފޯމް ޕްރޮމޯޓް ކުރަމުން ދަނީ އެކި ގައުމުތަކުގެ ލީޑަރުން އެޑްވައިޒަރީ ބޯޑުގައި ހިމެނޭ ކަމަށް ބުނަމުންނެވެ. https://x.com/aguribfakim/status/2052817531711144247 އެ އެކައުންޓުވަނީ، އޮންޗެއިން ތަހުލީލަކުން އެ ޓޯކަންގެ ނުރައްކާތެރިކަން ހާމަވެފައިވާ ކަމަށް ބުނެފައެވެ. އަދި، ޓޯކަންގެ ޖުމްލަ ސަޕްލައިގެ 73 އިންސައްތައަށްވުރެ ބޮޑު ބައެއް ކޮންޓްރޯލް ކުރަނީ އެންމެ 195 ވޮލެޓުންކަން އޭނާ ފާހަގަކޮށްފައިވެއެވެ. އެންމެ ބޮޑަށް ޝައްކު އުފެދޭ ކަމަކީ މި ހުރިހާ ވޮލެޓްތަކެއްވެސް ޓޯކަން ލޯންޗްކުރި ވަގުތު އެންމެ ސިކުންތެއްގެ ތެރޭގައި އެއް ސްކްރިޕްޓަކުން އުފައްދާފައި ހުރުން ކަމަށް އެ އެކައުންޓުން ބުނެފައިވެއެވެ. އެއީ އެންމެ ފަރާތަކުން ހުރިހާ ފައިސާއެއް ކޮންޓްރޯލް ކުރާކަމުގެ ސާފު ހެއްކެއް ކަމަށް އޭނާ ބުނެފައިވެއެވެ. ބޮޑެތި ވޮލެޓްތަކެއްގައި ޓޯކަންތައް އެގޮތަށް ހިފަހައްޓާފައި ހުރުމަކީ ކޮންމެ ވަގުތަކުވެސް އިންވެސްޓަރުންގެ ފައިސާއާއެކު ފިލައިފާނެ ނުވަތަ "ރަގް ޕުލް" އެއް ހިންގަފާނެ ކަމުގެ ބޮޑު އިންޒާރެކެވެ. މަޝްރޫއުގެ ހަގީގަތް އޮޅުވާލައި، ދުނިޔޭގެ ފެންވަރުގެ ލީޑަރުންގެ ނަން ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ސްކޭމްތައް ހިންގާ ފަރާތްތަކުން އާންމުކޮށް ބޭނުންކުރާ އުކުޅެކެވެ. މި ހުރިހާ ކަމަށް ބަލާއިރު، ސީޑަބްލިއުޔޫ ޓޯކަނަކީ އިތުބާރު ކުރެވޭ ފަދަ މަޝްރޫއަކަށް ނުވެ، މިއީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން އާންމުންގެ ފައިސާ ފޭރުމަށް ހިންގާ ޖަރީމާއަކަށް ވުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ. އެހެންކަމުން، އެ ޕްލެޓްފޯމްގެ ރަސްމީ ވެބްސައިޓާއި އިޝްތިހާރުތަކުގައި ހުރި މައުލޫމާތަށް ނުބަލައި، އަމިއްލަ މާލީ ރައްކާތެރިކަމަށްޓަކައި މިފަދަ ނުރައްކާތެރި މުއާމަލާތްތަކުން ދުރުހެލިވުމަށް އިންވެސްޓަރުން ސަމާލުކަން ދިނުން މުހިންމެވެ. އެ މައްސަލައާ ގުޅޭ ގޮތުން ނަޝީދު މިހާތަނަށް ވަކި އެއްޗެކޭ ވިދާޅުވެފައިނުވެއެވެ. އަދި ފުލުހުންގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ލިބިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ