އީރާނުގެ ހުށަހެޅުންތައް އެއްވެސް ހާލެއްގައި ބަލައި ނުގަނެވޭނެ: ޓްރަމްޕް

އީރާނުން ހުށަހެޅި ސުލްހައިގެ ޝަރުތުތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހުށަހެޅުންތަކަށް އާދީއްތަ ދުވަހު ދެކޮޅު ހަދައިފިއެވެ.
އީރާނުން އެމެރިކާގެ ސުލްހައިގެ ހުށަހެޅުމަށް ދިން ޖަވާބުގައި ވަނީ އެމެރިކާއިން އަލަށް ދޭ ކޮންމެ ހަމަލާއަކަށް ރައްދުދޭނެ ކަމަށާއި ހޮރްމޫޒް ކަނޑުއޮޅިއަށް ބޭރުގެ އިތުރު ހަނގުރާމަމަތީ އުޅަނދުތައް ވަނުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
މި ހުށަހެޅުމަށް އެމެރިކާއިން ދެކޮޅު ހަދާފައި މިވަނީ، އީރާނުގެ ފައްކާކޮށްފައިވާ ޔުރޭނިއަމް އެ ގައުމުން ބޭރުކޮށް، ނިއުކްލިއާ މަރުކަޒުތައް ނައްތާލެވެންދެން ހަނގުރާމަ ނިމުމަކަށް ނާންނާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނިކޮށެވެ.
އަނެއްކޮޅުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އީރާނުން ދުވަހަކު ވެސް ދުޝްމަނުންގެ ކުރިމަތީގައި ދޫ ނުދޭނެ ކަމަށާއި، މަޝްވަރާ ކުރުމުގެ މާނައަކީ އަމާން ދިނުން ނޫން ކަމަށެވެ.
ދުޝްމަނުންނަށް އީރާނުން ދުވަހަކު ވެސް ބޮލެއް ނުލަނބާނެ ކަމަށާއި، ވާހަކަތަކެއް ދެކެވުނަސް އެއީ ފަހަތަށް ޖެހުމެއް ނޫން ކަމަށް ޕެޒެޝްކިއަން ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ.
އީރާންގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުން އެންމެ ފަހުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ލުބްނާންގައި އިސްރާއީލުން ހިޒްބުﷲއަށް ދޭ ހަމަލާތައް ހުއްޓާލުން ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ