ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2.1 މިލިއަނަށް

އަހަރު ނިމެން ކުޑަތަންވަމުން އަންނަ އިރު ރާއްޖެ އަށް މިހާތަނަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2.1 މިލިއަނަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 13 އާ ހަމައަށް ރާއްޖެ އަށް ޖުމްލަ 2،106،122 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 1،912،304 ޓޫރިސްޓުންނެވެ.
މި މަހުގެ ފުރަތަމަ 13 ދުވަހު އެކަނި ރާއްޖެ އަށް 84،061 ޓޫރިސްޓުން އައިސްފައިވާ އިރު، މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6،466 ޓޫރިސްޓުން އާދެ އެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމަކީ ޗައިނާ (320،721 ޓޫރިސްޓުން)، ރަޝިއާ (263،172 ޓޫރިސްޓުން)، އިނގިރޭސިވިލާތް (189،513 ޓޫރިސްޓުން)، ޖަރުމަން (158،585 ޓޫރިސްޓުން)، އިޓަލީ (137،188 ޓޫރިސްޓުން)،
އިންޑިއާ (124،007 ޓޫރިސްޓުން)، އެމެރިކާ (61،253 ޓޫރިސްޓުން)، ފްރާންސް (53،746 ޓޫރިސްޓުން)، ސްޕެއިން (52،527 ޓޫރިސްޓުން) އަދި އޮސްޓްރޭލިއާ (39،968 ޓޫރިސްޓުން) އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
ރާއްޖޭގައި މިހާރު 178 ރިސޯޓާއި 954 ގެސްޓްހައުސް އާއި 167 ސަފާރީ އުޅަނދުގެ އިތުރުން 16 ހޮޓާ އޮޕަރޭޓްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ