އައްޑޫ ސިޓީ ބައިބައި ކުރުމުން ލިބޭނެ އިތުރު ފައިދާއެއް ނެތް: ނަޝީދު

އައްޑޫ ސިޓީ ބައިބައިކޮށްގެން ލިބޭނެ އިތުރު ފައިދާއެއް ނެތް ކަމަށާއި އެ ސިޓީގެ ތަރައްގީ އެންމެ ބޮޑަށް ބޭނުން ވަނީ އެތަނުގައި ދިރިއުޅޭނެ ބޮޑު އާބާދީއެެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުންވަނީ ސިޓީގައި ދިރިއުޅޭ އާބާދީ އިތުރު ކުރެވޭނެ ގޮތެއް ކަމަށެވެ."އަޅުގަނޑަށް ފެންނަ ގޮތުގައި ގާނޫނުއަސާސީގައި ބުނާ ޝަރުތު ހަމަވާ ފަންނީ އަދި ތައުލީމީ ބޭރު މީހުންނަށް ވަކި މުއްދަތަކަށް އައްޑޫ ސިޓީގައި ވަޒީފާ އަދާކުރުމަށް ޝަރުތުކޮށް ދިވެހި ރައްޔިތުކަން ދިނުމަކީ ރަނގަޅު ސިޔާސަތެއް،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ އިސްލާމީ އުންމަތުގައި މިފަދަ ފުރުސަތުގެ ބޭނުން ހިފާނެ ޒުވާން އިންޖިނިއަރުންނާއި ޑޮކްޓަރުންނާއި ޓީޗަރުން އަދި އެނޫންވެސް ފަންނީ މީހުން އެބަތިބި ކަމަށެވެ. އަދި އައްޑޫ އަކީ 50،000 މީހުން ދިރިއުޅޭ ސިޓީއަކަށް ހެދިދާނެ ކަމަށްވެސް ވިދާޅުވި އެވެ.ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް ހެދުމަށް ފެނޭތޯ ހިޔާލު ހޯދުމުގެ ވޯޓެއް މިމަހުގެ 25 ވަނަ ދުވަހު ނަގަން ތައްޔާރުވެފައި ވަނިކޮށެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ. ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ އެންމެ ދެކުނަށް އޮންނަ ފޭދޫގައި ރަށު ކައުންސިލް ހެދުމަށް ފެންނަ ނުފެންނަ ވޯޓު ނަގާއިރު މަރަދޫއާއި މަރަދޫފޭދޫގައި އެ ވޯޓެއް ނުނަގަ އެވެ.ސަރުކާރުން ބުނެފައިވާ ގޮތުގައި މި ވޯޓު ނަގަނީ ރަށު ކައުންސިލް ހެދުމަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ހުށަހެޅުއްވި ރަށްރަށުގަ އެވެ.ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ނަގާ ވޯޓަކީ އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ