ދެން މަދުކުރަންވީ އޮފީސް ގަޑީގައި ކޮފީގައި އުޅޭ ވަގުތާއި، ތި ބުނާ ސަލާންތައް!

މިއަދަކީ އާދިއްތަ ދުވަހެވެ. ހުކުރު، ހޮނިހިރުގެ ހަފުތާ ބަންދަށްފަހު، އެއްބަޔަކު މިއަދު ބުނީ ސަލާމެވެ. އޮފީހަށް ނިކުތަސް ގިނަ ބަޔަކު އަދި ތިބޭނީ "ވީކެންޑު މޫޑު"ގައެވެ. މަސައްކަތް ކުރާ ހިތެއް ވެސް ނުވާނެއެވެ. ކޫސަނި ޗުސްތަކެއް ތެޅުވުމަށްފަހު ދެން ދާނީ ހެނދުނު ސައި ބޯން ކަންމަތީ ކެފޭއަށެވެ. މިއީ ހަފުތާ ބަންދަށްފަހު، ދިވެހި ސިވިލް ސާވަންޓެއްގެ ދުވަސް ފެށޭ ގޮތެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި ސަރުކާރުގެ ވަޒީފާއެއް ލިބުމަކީ އެ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ޝަރަފެވެ. ކިޔަވައިގެން ނިކުމެ، ގައުމަށް ޚިދުމަތް ކުރަން ލިބޭ ކަމަށް ގަބޫލުކުރާ އެންމެ ބޮޑު ފުރުސަތު ވެސް މެެއެވެ. އެކަމަކު ރާއްޖޭގައި ވަރަށް ތަފާތެވެ. ސަރުކާރުގެ ވަޒީފާތަކަށް ވަންނަ، ނުވަތަ ސިވިލް ސާވިސްއާ ގުޅޭ ވަރަށް ގިނަ ޒުވާނުން ސަރުކާރު ވަޒީފާއެއް ހޯދަނީ "އުޅެލަން ފަސޭހަ" ވީމައެވެ. ވަޒީފާގެ ބޭރުން، ބޭނުން އެތައް ކަމެއް ކުރަން ލިބޭ ފުރުސަތުތަކަށް ފާރަލައިގެންނެވެ. ހަ ގަޑިއިރު މަސައްކަތްކޮށްލައި އަދި އިތުރަށް "އޯޓީ ޖަހައިލައިގެން" ބޮޑު އާމްދަނީ އެއް ހޯދާނީއޭ ވިސްނައިގެންނެވެ. މިވެނި އޮފީހެއްގައި މާ ވަރުގަދަ ފުޓްސަލް ކްލަބެއް ނުވަތަ ހޭންޑްބޯޅަ ކްލަބެއް އޮތީތީ، އެ ކުލަބެއްގައި ކުޅެން ފުރުސަތެއް ހޯދާށެވެ. ސަރުކާރުގެ ވަޒީފާއެއްގައި ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ކޮށްދޭން މި ޚިދުމަތުގެ ތެރެއަށް ވަންނަނީ ކާކުތޯ މިއަދު ސުވާލުކުރަން ޖެހެއެވެ. މި ސުވާލު އުފެދެނީ ރައްޔިތުންނަށް ޚިދުމަތްކުރަންޖެހޭ ސަރުކާރެއްގެ އިދާރާތައް ހިންގާ މައި އިންޖީނުކަމަށްވާ ސިވިލްސާވިސް މުވައްޒަފުންގެ ވިސްނުމާއި، އަމަލުތައް ހުރި ގޮތުންނެވެ. އެކަށީގެންވާ ދުވެއްޔެއްގައި ޚިދުމަތް ނުލިބޭ ކަމަށް ބުނާ ރައްޔިތުންގެ އަޑު ގަދަވާތީއެވެ. އެހެންކަމަށްވާނަަމަ ދިވެހި ސިވިލް ސާވަންޓުންނަށް ރާއްޖޭގައި ބޮޑު ހޭދައެއް ކުރަނީ ކޮން ނަތީޖާއެއް ހޯދަން ހެއްޔެވެ؟ ފާއިތުވި ފަސް އަހަރަށް ބަލާނަމަ، ސިވިލް ސާވިސް މުވައްޒަފުންނަށް ކުރާ ޚަރަދުތައް އަންނަނީ އަހަރަކަށްވުރެ ބޮޑުވަމުންނެވެ. މުސާރަތައް އެއްހަމަކުރެވި، ވަކި އުސޫލަކުން ބޮޑުކުރެވިފައިވާއިރު، މިހާރު ބޮޑުނުވާ ހުރިހާ މުވައްޒަފުންގެ މުސާރަތައް ވެސް މި މަހުން ފެށިގެން ވަނީ ބޮޑުވެފައެވެ. މިއީ 600 އެއްހައި އިދާރާގެ 35،000 އެއްހައި މުވައްޒަފުންގެ ވާހަކައެވެ. މި މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން އަންނަ އަހަރު 1.7 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ސިވިލް ސާވިސް މެންބަރުން -- ފޮޓޯ: މަޖިލިސް ކުރަނީ މަސައްކަތް ނޫން ހުރިހާ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް އިއްޔެ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި ވެސް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ފާހަގަކުރެއްވި އެއް މައްސަލައަކީ މިއީއެވެ. ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު އަޚްލާގު ކިހާ މިންވަރަކަށް ބެލޭތޯއާއި އެއަށް ތަބާވޭތޯއެވެ. އޭނާ ވިދާޅުވި ގޮތުގައި އޮފީސް މަސައްކަތު ގަޑީ ވެސް، ސިނގިރޭޓު ބުއިމަށާއި، ކޮފީ ބުއިމާއި، ވަޒީފާއިން ބޭރު މިފަދަ ކަންކަމުގައި ވަގުތު ހޭދަކުރާ ގިނަ ބަޔަކު ފެންނަކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. "... އަޅުގަނޑުމެންނަށް ވެސް ވަރަށް ގިނައިން ފެނޭ ކޮފީތަކުން ވެސް ސިވިލް ސާވިސް ސާވަންޓުން އޮފީސް ގަޑީގައި ވެސް، ސިނގިރޭޓު ބޯން ނިކުމެ ތިއްބާ ވެސް ފެނޭ..." ސިވިލް ސާވަންޓުންގެ މަސައްކަތު އަޚްލާގާ މެދު ސުވާލު އުފައްދަވަމުން ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އާއިލީ އެކިއެކި ކަންކަމުގައި ވަޒީފާ ވަގުތުގެ ބޮޑުބައި އޮފީހުން ބޭރުގައި ހޭދަކުރުމުގެ މައްސަލައަކީ، މި ކަމުގެ ވާހަކަ ދެކެވޭތާ އެތައް ދުވަހެއް ވެފައިވާ މައްސަލައެކެވެ. މިހެން މި ދިމާވީ ކީއްވެ؟ ކޮމިޓީގައި ވާހަކަދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުޙައްމަދު މުޖުތާޒު ވިދާޅުވީ، އޭނާއަށް ފާހަގަވި ގޮތުގައި މަސައްކަތު ވަގުތުގައި ކޮފީތަކާއި، މަސައްކަތުން ބޭރު އެހެނިހެން ކަންކަމުގައި ވަގުތު ހޭދަކުރުމަކީ މި ފަހުން ފެންނަން ފެށި ކަމެއް ކަމަށެވެ. މިއީ ކުރީގެ ސަރުކާރު މުވައްޒަފުންގެ ކިބައިން ފެންނަ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރު މުޖުތަަމައުއަށް އައިސްފައި މި އޮންނަ ބަދަލަކާ ގުޅިގެން އައިސް އޮންނަ ނޭދެވޭ ބަދަލެއްކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ. ކޮފީތަކުގައި..،" މުޖުތާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މަންޒަރު ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކިބައިން ވެސް ފެންނަ ކަމަށެވެ. "ކުންފުނިތަކުގެ މުވައްޒަފުން ވެސް ހަމަ [އޮފީސް] ޓީޝާޓުގައި އެބަ ތިއްބަވާ ކޮފީތަކުގައި،" ކޮފީގެ މައްސަލަ ދިމާވަނީ ހަމައެކަނި ސިވިލް ސާވިސްގެ މުވައްޒަފުން ފަރާތުން ނޫންކަން ފާހަގަކުރައްވައި ވިދާޅުވިއެވެ. މަސައްކަތު ވަގުތު ހޭދަކުރަންވާނީ މަސައްކަތުގައެވެ. ނަމަވެސް މިހެން މިކަން ބައްޓަން ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ބަޔަކު ކޮފީ ޝޮޕެއްގެ ތެރޭގައި -- ސަން ފޮޓޯ ހައްލަކީ ކޮބާ؟ ސިވިލް ސާވަންޓުންނަށާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް މުސާރަ ދެނީ ރައްޔިތުންގެ ފައިސާއިންނެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ދެނީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭށެވެ. ޚިދުމަތް ހޯދަން އަންނަ މީހާއަށް، ފެންވަރު ދަށް ޚިދުމަތެއްގެ ތަކުލީފު އުފުލަން ޖެހޭ ހިސާބަކީ ޚިދުމަތްދޭ މުވައްޒަފާއި، އިދާރާ ނުވަތަ ކުންފުންޏާމެދު ސުވާލު އުފައްދާނެ ހިސާބެވެ. އެހެންކަމުން މުވައްޒަފުންގެ އަޚުލާގާއި ސުލޫކު ދަމަހައްޓާކަން ޔަގީންކުރުމަށް ޓަކައި ކުރަންވީ އެންމެ މުހިންމު އެއް ކަމަކީ އެ މުވައްޒަފުންގެ އަމަލުތައް މޮނީޓަރު ކުރެވޭނެ ނިޒާމެއް ކަނޑައެޅުމެވެ. އޮފީހުގައި ހޭދަކުރާ ވަގުތު މޮނީޓަރު ކުރެވޭނެ އިންތިޒާމުތަކެއް ގާއިމްކޮށް ހަރުދަނާ ފިޔަވަޅު އެޅުން ވަރަށް މުހިންމެވެ. ހޮންގްކޮންގައި މިފަދަ ކަންކަން ހުއްޓުވުމަށް އޮންނަ އެއް ނިޒާމަކީ، އެކުގައި މަސައްކަތް ކުރާ މީހުންގެ ފަރާތުން ފެންނަ މިފަދަ ނޭދެވޭ ކަންކަން ރިޕޯޓުކުރެވޭނެ ހޮޓްލައިނެއް ގާއިމްކޮށްފައި އޮތުމެވެ. އެ ގައުމުގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެންސްޓް ކޮރަޕްޝަން (އައިސީއޭސީ)އިން 24 ގަޑިއިރު އޮޕަރޭޓުކުރާ އެ ހޮޓްލައިނަކީ ޝައްކުކުރެވޭ ކޮރަޕްޝަން ނުވަތަ ނޭދެވޭ ޢަމަލުތައް ރިޕޯޓުކުރުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ. މި ހޮޓްލައިނަކީ މައިގަނޑު ގޮތެއްގައި ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރަން ފަރުމާކުރެވިފައިވާ ނިޒާމެއް ނަމަވެސް، މީގެ ތެރޭގައި ތެރޭގައި ސިވިލް ސާވަންޓުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުން، ވާާޖިބު އަދާނުކުރުން ނުވަތަ ގަސްތުގައި އިހުމާލުވުމާ ގުޅޭ ކަންކަން ރިޕޯޓުކުރުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ގަވާއިދުން ވަޒީފާއަށް ހާޒިރުނުވުން ނުވަތަ "ކެފޭތަކުގައި ވަގުތު ހޭދަކުރުން" ފަދަ ރަސްމީ ވަގުތު އަމިއްލަ ކަންކަމަށް ބޭނުންކުރުން ފަދަ ކަންކަން ހިމެނެއެވެ. މި ނިޒާމުގެ ސަބަބުން އެއް މުވައްޒަފަކު އަނެއް މުވައްޒަފެއްގެ ނޭދެވޭ ޢަމަލުތައް ރިޕޯޓުކުރުމަށް މަގުފަހިވެގެންދެއެވެ. އެކުގައި މަސައްކަތްކުރާ މުވައްޒަފުން، ދަށުގައި މަސައްކަތްކުރާ މުވައްޒަފުން، ނުވަތަ އެހެނިހެން ފަރާތްތަކަށް ވެސް މިފަދަ ކަންކަން ރިޕޯޓުކުރެވިދާނެއެވެ. މިއީ ހޮންކޮންގްގެ މުޖުތަމަޢުގައި ޤާއިމުވެފައިވާ އިތުބާރު ހިފޭ ނިޒާމެކެވެ. 1974 ގާއިމްކުރި މި ނިޒާމުގެ ސަބަބުން މިއަދު މަސައްކަތާ ގުޅޭ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. 1970 ގެ އަހަރުތަކުގައި 80 ޕަސެންޓުގައި ހުރި ޝަކުވާގެ އަދަދުތައް މިހާރު ވަނީ އިން މިހާރު ވަނީ 28 ޕަސެންޓަށް ދަށްކުރެވިފައެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއީ އަހަރަކު 3,300 އެއްހައި ޝަކުވާއެެވެ. މީގެ އިތުރުން ދެން ކުރަންވީ ކަމަކީ، ދައުލަތުން މުސާރައާއި އިނާޔަތްތައް ދޭ މިފަދަ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި ސިޔާސީ ފިކުރާއި، އެ ނޫން ވެސް ވަގުތީ މަންފާތަކަށް ނުބެލުމެވެ. އޮފީހުގެ ކުޅިވަރު ކްލަބުގެ މަގާމަކަށް ކުޅެން ޝަރުތު ހަމަވާ މީހެއް ހޯދުމުގެ ބަދަލުގައި އިސްކަންދޭންވީ މަސައްކަތަށް ގާބިލް ފަންނީ މީހާއަށެވެ. "މިސާލަކަށް ސަރުކާރުގެ ބޮޑެތި ކުންފުނިތަކުން ވަޒީފާއަށް މީހުން އެބަ ނަގާ، މުސާރަ ދޭ ގޮތަށް، ހަމައެކަނި އެ ކުންފުނީގައި އޮންނަ ކްލަބުގައި ކުޅެލަން، ވަކިވަކި މުބާރާތްތަކާ ދިމާކޮށް. އެއީ އޮފީހަށް އަންނަންޖެހޭ ގޮތަށް ނަގާ ބައެއް ވެސް ނޫން ގިނަ ފަހަރު. ހަމައެކަނި ފިންގާ ޖަހައިލައިގެން ތިބެން ޖެހެނީ،" ސަރުކާރު ކުންފުންޏެއްގައި މަސައްކަތްކުރާ އިސް ވެރިއަކު ބުންޏެވެ. އިސްކަންދޭންވީ މަސައްކަތަށް އިސްކަންދޭނެ. ތެދުވެރި ނިޔަތަކާއެކު އަންނަ އިލްމީ ގޮތުން އެކަމަށް ގާބިލް މީހާއަށެވެ. ހަމައެއާއެކު އިދާރާގެ މަސައްކަތުގެ ދުވެއްޔާއި، މަސައްކަތްކުރާ މިންވަރު ފާހަގަކޮށް، އެއް އިދާރާ އަނެއް އިދާރާއާމެދު މަސައްކަތްތައް ނިންމާ މިންވަރު ފާހަގަވާހެން ވާދަވެރި މާހައުލެއް ގާއިމްކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތާއި، އަޚްލާގު ރަނގަޅުކުރުމަށް ބާރު އެޅުމަށް ޓަަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ނަގައިދިނުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. މަޖިލީހުގެ ކޮމިޓީގައި އިއްޔެ އެ ދެއްކީ ކޮންމެހެން ވެސް އެކަމާމެދު ވިސްނަންޖެހޭ މުހިންމު ކަމެކެވެ. ސިވިލްސާވިސްގައި މަސައްކަތްކުރާ 35،000 އެއްހައި މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު އެ މީހުންގެ ޒިންމާ ރަނގަޅަށް އަދައިނުކުރުމަކީ ކަންބޮޑުވުމެކެވެ. ކޮފީތަކާއި، އަމިއްލަ ކަންކަމުގައި މަސައްކަތު ވަގުތުގެ ހުސްކޮށްލުމުގެ ސަގާފަތް ބަދަލުކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ