އިސްރާއީލް ޓީމު ބައިސްކަލް މުބާރާތުން ވަކިކުރަން ގޮވާލައްވައި، މުޒާހަރާތަކަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ތާއީދުކުރައްވައިފި

ސްޕެއިންގެ ބައިސިކަލް ރޭސް "ލާ ވުއެލްޓާ" ގައި ބައިވެރިވާ އިސްރާއީލްގެ ބައިސްކަލް ޓީމު އެ މުބާރާތުން ވަކިކުރަންޖެހޭ ކަމަށް ސްޕެއިންގެ ޚާރިޖީ ވަޒީރު ޚޯސޭ މެނުއެލް އަލްބަރެސް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، މުބާރާތާ ގުޅިގެން އިސްރާއީލާ ދެކޮޅަށް ސްޕެއިންގައި ކުރިއަށްދާ މުޒާހަރާތަކަށް ފުރިހަމައަށް ތާއީދުކުރަށްވާ ކަމަށްވެސް ހާމަކުރައްވަމުންނެވެ.
މިކަމާ ގުޅިގެން، އިސްރާއީލް-ޕްރެމިއަރ ޓެކް ޓީމުން ހޮނިހިރު ދުވަހު އިޢުލާނުކުރި ގޮތުގައި، ސްޕެއިންގެ ބައިސިކަލް ރޭސް ލާ ވުއެލްޓާގެ ބާކީ އޮތް ބައިގައި އެ ޓީމުގެ ޖާޒީތަކުން "އިސްރާއީލް" މި ލަފުޒު ވަނީ އުނިކޮށްފައެވެ. މިއީ ފަލަސްޠީނަށް ތާއީދުކޮށް ތަކުރާރުކޮށް ހިނގަމުންދާ އިހުތިޖާޖުތަކުން މުބާރާތަށް ދަތިވަމުންދާތީ، ސަލާމަތީ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް ނިންމި ނިންމުމެއްކަމަށް ވެސް އެ ޓީމުން ބުނެފަވެއެވެ.
"މި ނިންމުން ނިންމީ ބައެއް އިހުތިޖާޖުތަކުގެ ނުރައްކާތެރި ސިފައަށް ރިޢާޔަތްކޮށް، އަހަރެމެންގެ ކުޅުންތެރިންނާއި މުޅި ޕެލޮޓޮންގެ ސަލާމަތްތެރިކަމަށް އިސްކަންދިނުމުގެ ގޮތުން" ސޯޝަލް މީޑިއާގައި، އެ ޓީމުން ބުނެފައިވެއެބެ. މި ނިންމުން ނިންމާފައިވަނީ ސްޕެއިންގެ ސައިކްލިންގ މުބާރާތުގައި ދުވަސްތަކެއް ވަންދެން ހަމަނުޖެހުން އުފެދެމުން ދިޔުމަށްފަހުގައެވެ.
އެ ޓީމުގެ ބައިވެރިވުމާ ދެކޮޅަށް ހިންގި މުޒާހަރާތަކުގެ ސަބަބުން ބުދަ ދުވަހު ބިލްބާއޯގައި ބޭއްވި މަރުހަލާ ނިންމާލަން ޖެހުނީ 3 ކިލޯމީޓަރު (1.8 މޭލު) ކުރިންނެވެ. ހުކުރު ދުވަހު އަސްތޫރިއާސްގައި ސްޕެއިންގެ ފުލުހުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާކުރާ މީހުން މަގުމަތިން ފޮނުވާލުމުގެ ސަބަބުން ކުރީ ސަފުގައި ތިބި ކުޅުންތެރިންނަށް 30 ސިކުންތު ލަސްވިއެވެ. އެ ޓީމުން އިތުރަށް ބުނެފައިވަނީ މިހާރު ޖާޒީތައް ހުންނާނީ އެ ޓީމުގެ އުޅަނދުތަކާއި އާންމު ހެދުންތަކާ އެއްގޮތަށް ކަމަށާއި، އެ ތަކެތީގައިވެސް "އިސްރާއީލް" މި ލަފުޒު ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.
އިސްރާއީލުގެ ނޫސް "ސްޕޮޓް 5" އަށް ހުކުރު ދުވަހު ދިން އިންޓަވިއުއެއްގައި، އެ ޓީމުގެ ކެނެޑިއަން-އިޒްރޭލީ ބިލިއަނަރު އެކުވެރި ވެރިޔާ އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ގާތް އެކުވެރިޔާ ސިލްވަން އެޑަމްސް ބުނެފައިވަނީ ސްޕެއިންގެ ބާސްކް ސަރަހައްދުގައި މުޒާހަރާކުރި މީހުންނަކީ ޓެރަރިސްޓުން ކަމަށެވެ. "ލާ ވުއެލްޓާ" ހިންގާ އަމޯރީ ސްޕޯޓް އޯގަނައިޒޭޝަނުން އިޒްރޭލް-ޕްރެމިއަރ ޓެކް އަށް މުބާރާތުން ތަނާޒުލުވުމަށް އެދުނު ކަމަށް ރިޕޯޓުކުރެވުނު ނަމަވެސް، އެޑަމްސް ބުނެފައި ވަނީ އެކަމަށް އިންކާރުކުރެއްވި ކަމަށެވެ.
"އަހަރެމެން ދޫކޮށްލައިފިއްޔާ، އެއީ ހަމައެކަނި އަހަރެމެންގެ ޓީމުގެ ނިމުމެއް ނޫން، އެހެން ހުރިހާ ޓީމުތަކުގެވެސް ނިމުމެއް،" އޭނާ ބުނެފަވެއެވެ.
އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫވެސް ހުކުރު ދުވަހު މިކަމާ މެދު ޚިޔާލު ފާޅުކޮށްފަވެއެވެ.
"ނަފުރަތާއި ބިރުދެއްކުމަށް ބޯނުލަނބައި ސިލްވަންއާއި އިޒްރޭލުގެ ސައިކްލިންގ ޓީމުން ކުރި މަސައްކަތަށް މަރުޙަބާ! ތިޔަބައިމީހުން އިޒްރޭލަށް ފަޚުރުވެރިކަން ގެނެސްދީފި!" އޭނާ ބުނެފަވެއެވެ.
އެހެންނަމަވެސް، ސްޕެއިންގެ ޚާރިޖީ ވަޒީރު ޚޯސޭ މެނުއެލް އަލްބަރެސް ވިދާޅުވެފައިވަނީ އިޒްރޭލުގެ ޓީމު މުބާރާތުން ވަކިކުރަންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށާއި، މުޒާހަރާތަކަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ.
ހޮނިހިރު ދުވަހު، މުބާރާތް ކުރިއަށްދިޔައީ އުތުރު-ހުޅަނގު ސަރަހައްދު އަސްތޫރިއާސް ތެރެއިންނެވެ. މަގުމަތީގައި ފަލަސްޠީނުގެ ދިދަތަކާއި ހަނގުރާމައާ ދެކޮޅު ބޯޑުތައް ފެންނަމުންދިޔަ ނަމަވެސް، މުބާރާތަށް ދައްޗެއް ނުކުރެއެވެ. ސްޕެއިންގައި ކުރިއަށް ދާ "ލާ ވުއެލްޓާ" މުބާރާތް ސެޕްޓެންބަރު 14 ގައި މެޑްރިޑްގައި ނިމުމަކަށް އަންނާނެއެވެ. މެޑްރިޑްގައި މިހާރުވެސް ފަލަސްޠީނަށް ތާއީދުކުރާ ބޮޑެތި މުޒާހަރާތައް ވަނީކޮށްފައެވެ.
 
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ