ކައުންސިލްތަކުން ރާއްޖޭން ބޭރަށް ކުރާ ތަޖުރިބާ ދަތުރުތަކަކީ ބޭކާރު ހަރަދެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވިއިރު، މާލޭ މޭޔަރުގެ ހައިސިއްޔަތުން އެމަނިކުފާނު ކުރެއްވި ދަތުރުތަކާއި ސިޓީ ކައުންސިލްގެ މެންބަރުން ކުރެއްވި ދަތުރުތަކަށް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ރައީސް އޮފީހުން މެއި މަހު ގެނައި "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގައި މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުން ތަޖުރިބާ ހޯދުމުގެ ނަމުގައި ރާއްޖޭން ބޭރަށް ކައުންސިލްތަކުން ކުރާ ދަތުރުތަކަކީ "އަމިއްލަ އުފަލަށް" ކުރާ ދަތުރުތަކެއް ކަމަށެވެ.
"މިހާރު ވާގޮތަކީ، ބްލޮކް ގްރާންޓް ނަގައިގެން ދަނީ ތަޖުރިބާ ދަތުރު ކިޔާފައި، ބެންކޮކަށާއި ތަންތަނަށް. މުޅި ކައުންސިލް އޮތްގޮތަށް އިނގޭތޯ. ރައްޔިތުންނަށް ކޮން ފައިދާއެއްތޯ އެއިން ކުރަނީ؟ އެއީއެއް ނޫނޭ ބްލޮކް ގްރާންޓް ބޭނުންކުރަން އޮންނަ ކަމަކީ،" ރައީސް އޭރު ވިދާޅުވި އެވެ.
ކައުންސިލްތަކުން ރާއްޖޭން ބޭރަށް ދަތުރުކުރާތީ މުއިއްޒު ކަންބޮޑުވެވަޑައިގެންނެވި އިރު، މޭޔަރުގެ ހައިސިއްޔަތުން އެ މަނިކުފާނު ފަސް ގައުމަކަށް ވަޑައިގެންވިކަން މާލޭ ސިޓީ ކައުންސިލުން ހާމަކުރީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދައުރު" ނޫހުން ހުށަހެޅި ސުވާލުތަކަށް ދިން ޖަވާބުގަ އެވެ.
މޭޔަރުކަމުގައި ވެސް މުއިއްޒު ފުރަތަމަ ވަޑައިގަތީ ތުރުކީ އަށެވެ. ދެހާސް އެކާވީހުގައި ކުރެއްވި އަށް ދުވަހުގެ އެ ދަތުރަށް ސިޓީ ކައުންސިލްގެ ބަޖެޓުން 81،124.62ރ ހޭދަކޮށްފައިވެ އެވެ.
ދެން ހުރި ދަތުރުތައް ކުރެއްވީ 2022 ގަ އެވެ. އެ އަހަރު ޕޯޗްގަލަށް ކުރެއްވި ހަ ދުވަހުގެ ދަތުރަށް 273،268.10ރ، ދެކުނު ކޮރެއާ ކުރެއްވި ހަތް ދުވަހުގެ ދަތުރަށް 35،897.76ރ، ސްރީލަންކާ އަށް ކުރެއްވި އެއް ދުވަހުގެ ދަތުރަށް 18،041ރ، އަދި ސިންގަޕޫރަށް ކުރެއްވި ހަ ދުވަހުގެ ދަތުރަށް 352،377.84ރ ހަރަދުކޮށްފައިވެ އެވެ.
މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ކުރެއްވި ދަތުރުތަކަށް 760،000 އަށް ވުރެ ގިނަ ރުފިޔާ އަދި ކައުންސިލްގެ ބައެއް މެންބަރުން ކުރެއްވި ހަތަރު ދަތުރަކާއެކު މުއިއްޒުގެ މޭޔަރު ކަމުގައި ރާއްޖޭން ބޭރަށް ކުރި ދަތުރުތަކަށް ކައުންސިލްގެ ބަޖެޓުން މިލިއަނެއްހާ ރުފިޔާ ހަރަދުކުރި އެވެ.
ކައުންސިލްތަކުން ކުރާ ތަޖުރިބާ ދަތުރުތަކަށް މުއިއްޒު ފާޑުވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ބ. ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު ވިދާޅުވެފައި ވަނީ ތަޖުރިބާ ދަތުރު ކުރަން ޖެހެނީ ހަމައެކަނި މާލޭގައި ތިބޭ ބައެެއް ނޫން ކަމަށާއި ތަޖުރިބާ ދަތުރުތައް ގޮސް ބޭކާރު ހަރަދުތައް ކުރާ ވާހަކަ ސަރުކާރާއި މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ކެނޑިނޭޅި ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ދައްކަމުން ދިޔުމަކީ ދެރަ ކަމެއް ކަމަށެވެ.
ތަޖުރިބާ ދަތުރުތަކާމެދު މުއިއްޒު ކަންބޮޑުވިއިރު އެ މަނިކުފާނުގެ މޭޔަރުކަމުގައި ބޭރު ދަތުރުތަކަށް މިލިއަނެއްހާ ރުފިޔާ ހަރަދުކުރި ތަޖުރިބާ ދަތުރުތަކާމެދު މުއިއްޒު ކަންބޮޑުވިއިރު އެ މަނިކުފާނުގެ މޭޔަރުކަމުގައި ބޭރު ދަތުރުތަކަށް މިލިއަނެއްހާ ރުފިޔާ ހަރަދުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ