މެންޗެސްޓާ (ނޮވެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް އެވަޓަން އިން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.
ރޭގެ މެޗު ފަށައިގެން 13 ވަަނަ މިނިޓްގައި އެވަޓަންގެ އިދްރީސާ ގާނާ ގޭއި އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑެއް ދެއްކީ އެ ޓީމުގެ މައިކަލް ކީންގެ މޫނުމަތީގައި އަތުން ޖެހުމުންނެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް، އެވަޓަން އިން ވަނީ މެޗުގެ 29 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޭމްސް ގާނާ ތަނަަވަސްކޮށްދިން ފުުުރުސަތަކުން ކިއެރަން ޑިއުސްބަރީ ހޯލް އެވެ.
އެވަޓަންގެ ކީން (ކ) އާއި ގޭއި ދެމެދުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް
ޔުނައިޓެޑްގެ ދެ ފޯވާޑުން ކަމަށްވާ މަޓެއުސް ކޫންޏާ އާއި ބެންޖަމިން ސެސްކޯ އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުނުއިރު، ބަދަލުގައި އެރި ނެދަލެންޑްސްގެ ފޯވާޑް، ޖޯޝުއާ ޒާކްޒީ އަށް ލިބުނު ފުރުސަތުތަކުގައި ގޯލެއް ނުޖެހުނެވެ. އަނެއްކޮޅުން، މުޅި މެޗަށް ބަލާއިރު، ޔުނައިޓެޑްގެ ފަރާތުން ކުޅުމުގައި ވެސް ގިނަ ގޯސްތަކެއް ފެނުނުއިރު، ކުޅުންތެރިއަކު މަދުކޮށް ކުޅުނު އެވަޓަން ކައިރީގައި ފައިދާއެއް ނުނެގުނެވެ.
ކުރިން ޔުނައިޓެޑަށް ކޯޗުކޮށްދިން ޑޭވިޑް މޮއިސްގެ އިރުޝާދުގެ ދަށުން ކުޅޭ އެވަޓަން އިން މި ވަނީ 1992 ވަނަ އަހަރުގެ ފަހުން، ޔުނައިޓެޑް ދަނޑުގައި ދެ ވަނަ ފަހަރަށް މޮޅުވެފަ އެވެ.
މި މެޗުން މޮޅުވެގެން ހަތަރު ވަނަ އަށް އެރުމުގެ ފުރުސަތު އޮތް ޔުނައިޓެޑް ބަލިވުމުން އޮތީ 12 މެޗުން 18 ޕޮއިންޓާ އެކު، 10 ވަނައިގަ އެވެ. އަދި، އެވަޓަން އޮތީ 12 މެޗުން 18 ޕޮއިންޓާ އެކު، 11 ވަނައިގަ އެވެ. އަދި، ކުރިން އެ މަގާމުގައި އޮތް ލިވަޕޫލް، 12 ވަނައިގައި އޮތީ ވެސް 12 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.
އެވަޓަން އިން ޔުނައިޓެޑް ބަލިކޮށްލައިފި އެވަޓަން އިން ޔުނައިޓެޑް ބަލިކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ