ތިބާއަށް ސުވަރުގެ ޙައްޤުވާކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައި އެކަމަށް އެދި އާދޭސްދެންނެވޭނެ ވަކީލަކު ތިމާއާއިއެކު ގެންދެވުނު މީހަކަށް ސުވަރުގެ ޔަޤީން! އިން ޝާ ﷲ

ދުނިޔޭގައި މިލިއަނުން ހޭދަކޮށްގެން ކޯޓުތަކަށް ގެންދާ އެންމެ އަގުބޮޑު ވަކީލުންނަށްވެސް މައްސަލަ ކާމިޔާބުނުކުރެވި ދެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު އެކަން މެދުވެރިވާނީ އެގޮތަކަށް ނޫނެވެ. ތިމާއާއިއެކު ވަކީލަކު ގެންދެވިއްޖެނަމަ ސުވަރުގެ ކާމިޔާބުކުރެވޭނެއެވެ. މައްސަލައަކަށްވާނީ ހަމައެކަނި ވަކީލަކު ގެންދެވުމެވެ. 
ވީމާ އަޑުއަހާށެވެ! އަހަރެމެންނަށް މައްސަލައެއް ކުރިމަތިވެއްޖެނަމަ އެންމެ ފުރަތަމަ ވެސް ބަލާނީ އެންމެ މޮޅު ޤާނޫނީ ވަކީލެއް ހޯދުމަށެވެ. އެމީހާއަށް ކިތަންމެ ބޮޑު އަގެއް ދީގެން ނަމަވެސް ތިމާގެ ކޮޅަށް މައްސަލަ ނިންމުވުމަށެވެ. މައްސަލަ ކާމިޔާބު ކުރުމަށެވެ. މިއީ އަދި ފުއްދައިލެވެން އޮތް ގޮތެއް ނޫނެވެ. 
ކޮންމެ މީހަކަށްވެސް އެމީހާގެ ޙައްޤުގައި ވަކީލަކު އެންމެ ބޮޑަށް ބޭނުންވާނީ ޤިޔާމަތް ދުވަހުއެވެ. އެދުވަހު އެ ފުރުޞަތު ހޯދޭނީ ޤާނޫނީ ވަކީލުންނަށް ކުރާ ހޭދައަކުންނޫނެވެ. ޤުރްއާން ކިޔަވައި އަމަލުކުރިވަރަކުންނެވެ. ރޯދަ ހިފުމުންނެވެ. ނަމާދުކުރުމުންނެވެ.
އަހަރެމެން އެންމެންނަށް މިވަނީ ދުނިޔެއަށް އާދެވިފައެވެ. އެހިސާބުން އެއޮތީ މައްސަލަ ކުރިމަތިވެފައެވެ. މައްސަލަތައް ބަލައި ފައިޞަލާ ކުރެވޭ ދުވަހާއި ކުރިމަތިލާން ޖެހޭނެއެވެ. އެކަމުން ސަލާމަތްވެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. 
މީސްތަކުންނޭވެ! ވަކީލުން ތައްޔާރުކުރަން ޖެހެނީ ޤިޔާމަތް ދުވަހަށެވެ. އެދުވަހު ތިމާއަށްޓަކައި ވަކާލާތުކުރާނެ ވަކީލަކު ހޯދުމަކީ އެންމެ މުހިންމު މަސްއޫލިއްޔަތެކެވެ. އެކަން ކުރުން ﷲ ތަޢާލާ ވަނީ ވަރަށް ބޮޑަށް ފަސޭހަކޮށް ދެއްވަވައިފައެވެ. ކޮންމެ މީހަކާއި ހަމައަށްވެސް ވަނީ އެ ފުރުޞަތު ފޮނުއްވަވައި ދެއްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. 
އެ ފުރުޞަތު އެންމެ ފަސޭހައިން ހޯދޭނީ ކީރިތި ޤްރުއާން ކިޔަވައިގެންނެވެ. ޤުރްއާނާއި ގުޅުން ބަދަހިކޮށްގެންނެވެ. ކީރިތި ޤްރުއާން އެމީހަކަށްޓަކައި ވަކާލާތުކޮށްދޭނެ މީހަކު ކަމުގައި ވެވިއްޖެ ނަމަ ހުރިހާ ނިޢްމަތްތަކެއް އެއޮތީ ލިބި ނިފައެވެ. އެނގޭ ހެއްޔެވެ؟ އެދުވަހު ކީރިތި ޤްރުއާން އެމީހަކަށްޓަކައި ވަކާލާތުކުރާ އަޑުން މުޅި މަޙްޝަރު ބިން އެކުގައި ގުގުމައިލާނެއެވެ. އެބިމުގައި ތިބި އެންމެންނަށް އެ އަޑު އިވޭނެއެވެ. އެކަމަކު ހަނދާންކުރާށެވެ! ނަމާދުގެ ސުވާލަށް ޖަވާބުދެވިއްޖެނަމައެވެ. ނަމާދުގެ ސުވާލުން ފާސްވެއްޖެނަމައެވެ. 
އެހެންވެ ރަސޫލް (ﷺ) ވަނީ ކީރިތި ޤްރުއާން ކިޔެވުން ގިނަ ކުރުމަށް ޙަދީޘްފުޅު ކުރައްވަވައިފައެވެ. ކީރިތި ޤްރުއާން ކިޔެވުމުގެ މާނައިގައި އެފޮތަށް ޢަމަލުކުރުން ހިމެނެއެވެ. ވީމާ ކީރިތި ޤްރުއާން ކިޔެވިކަމަށްވާނީ ކީރިތި ޤްރުއާނަށް އަމަލުކުރުމުންނެވެ. 
ޤިޔާމަތް ދުވަހު ކީރިތި ޤްރުއާނުން ޝަފާޢަތް ލިބިގެންނަން ބޭނުން މީހާ އެންމެ ގިނައިން ކިޔަވަންވީ ސޫރަތްވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ބަޤަރާ ސޫރަތާއި އާލްއިމްރާން ސޫރަތެވެ. 
މި ދެއްކި ވާހަކަތަކަށް މި ހަދީޘްފުޅުން ދަލީލު ލިބޭނެއެވެ. 
Abu Umamah reported: The Messenger of Allah, peace and blessings be upon him, said, “Recite the Quran, for on the Day of Resurrection it will come as an intercessor for its reciters. Recite the two illuminated chapters, Surat al-Baqarah and Ali Imran, for on the Day of Resurrection they will come as two clouds, or two shades, or two flocks of birds pleading for their companions. Recite Surat al-Baqarah as there is blessing in it, there is sorrow in leaving it, and the sorcerers cannot defeat it.”
Source: Ṣaḥīḥ Muslim 804
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ