ފުލުހުން ފެށި އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

މިފަހުން ފެށި "އޮޕަރޭޝަން އަލިމަގު" ގައި 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު އޮޕަރޭޝަނާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މިހިނގާ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމަޔަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 500 އޮފިސަރުން ބައިވެރިވެފައިވާކަމަށެވެ. އޮޕަރޭޝަން އަލިމަގު ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންގޮސްފައިވާއިރު، 105 ތަނެއް ބަލައި 110 މީހަކު ފުލުހުްނގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި 1 ކަނޑު އުޅަނދު ބަލާފާސްކޮށްފައިވާއިރު، 9 އެއްގަމު އުޅަނދު ބަލާފާސްކުރިއެވެ.
ފުލުހުން ބުނީ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެމީހުންގެ ތެރެއިން 38 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ބަންދުގައި ތިބި މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތުމުން ބަންދުކުރި މީހުންކަމަށާއި، އޮޕަރޭޝަނުގެ ތެރެއިން މަސްތުވާތަކެއްޗާއެކު ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުނު ކަމަށެވެ. އެގޮތުން ބަލާ ފާސްކުރި ތަންތަނުން 188،959.84 ރުފިޔާ ފެނުނުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ބޭތިއްބުމަށް ކޯޓުން ނިންމި މީހުންގެ ވަނަވަރުވެސް އާއްމުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ