ކައުނުގެ ތެރޭގައި އިރުގެ ނިޒާމު ދަތުރުކުރަމުން ދަނީ ކިހާ ބާރުމިނެއްގައި އަދި ކޮން މިސްރާބަކަށް ހެއްޔެވެ؟ ވަރަށް އާދައިގެ މި ސުވާލަކީ، ކައުނުގެ ހަގީގަތްތައް ދެނެގަތުމަށް ދިރާސާތައް ކުރަމުން އަންނަ ސައެންސްވެރިންނާއި ފަލަކީ އިލްމުވެރިންގެ ކުރިމަތީގައިވާ އެންމެ މުހިންމު ސުވާލެވެ.
ޖަރުމަން ވިލާތުގެ ބީލަފެލްޑް ޔުނިވަސިޓީގެ އެސްޓްރޯފިޒިސްޓެއް ކަމަށްވާ ލޫކަސް ބޯމް އާއި އޭނާގެ ޓީމުން ކުރި ދިރާސާތަކުގައި ބުނެފައިވާ ގޮތުން މި ބިން އެކުލެވޭ އިރުގެ ނިޒާމު، ކައުނުގެ ތެރޭގައި ދަތުރުކުރަމުން ދަނީ މިހާތަނަށް ސައެންސްވެރިން ގަބޫލުކޮށްގެން ތިބި ވަރަށް ވުރެ މާ ބާރަށެވެ.
"އަހަރެމެންގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، މި ދުނިޔެ އެކުލެވޭ އިރުގެ ނިޒާމު، ކައުނުގެ ތެރޭގައި ބުރުޖަހަމުން އެދަނީ، އެކަން ދެނެގަތުމަށް މިހާތަނަށް ބޭނުންކުރަމުން އައި މޮޑެލްތަކުން ލަފާކޮށްފައިވާ ދުވެއްޔަށް ވުރެ ތިން ގުނަ ބާރު ދުވެއްޔެއްގައި،" ފިޒިކަލް ރިވިއު ލެޓާސް ކިޔާ ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ލޫކަސް ބޯމް ވިދާޅުވިއެވެ.
އިރުގެ ނިޒާމުގެ ދުވެލި ހުރި ގޮތް ދެނެގަތުމަށް ސައެންސްވެރިންގެ ޓީމުން ތަހުލީލުކުރީ، ކައުނުގެ ތެރެއަށް ރޭޑިއޯ މަޑިކިލަނބު (ގެލެކްސީ)ތައް ފެތުރިފައިވާ ގޮތެވެ. ރޭޑިއޯ މަޑިކިލަނބުތަކަކީ، ވޯކީޓޯކީ (ރޭޑިއޯ) މުވާސަލާތުގައި ބޭނުންކުރާ ޒާތުގެ އިލެކްޓްރޯމެގްނެޓިކް ރޭޑިއޭޝަނާ އެއްގޮތް، ވަރަށް ބާރު ގަދަ ރޭޑިއޯ ވޭވްތަކެއް އުފައްދައި ބޭރުކުރާ މަޑިކިލަނބުތަކެކެވެ. މިއީ މި ބިމަށް ފެންނަ ފަށަށް ވުރެ މާ ދުރުގައިވާ މަޑިކިލަނބުތަކެކެވެ.
އައްޔަކީ ހިރަފުހާއި ގޭހުގެ ތެރެއިން ދަތުރުކުރެވޭ އެއްޗަކަށް ނުވާތީ، ލޮލުން ބެލުމަށް ހަދާފައި ހުންނަ ދުރުމިތަކަށް ރޭޑިއޯ މަޑިކިލަނބުތައް ފާހަގައެއް ނުކުރެވެއެވެ. މިއާ ހިލާފަށް ރޭޑިއޯ ވޭވްތަކަކީ ހިރަފުހާއި ގޭހުގެ ވިލާގަނޑުތަކުގެ ތެރެއިން ވެސް ދަތުރުކުރާ އެއްޗަކަށް ވާތީ، ރޭޑިއޯ މަޑިކިލަނބުތައް ހުންނަ މިސްރާބުތައް ދެނެގަތުމަށް ބޭނުންކުރަނީ ރޭޑިއޯ ދުރުމި (ޓެލެސްކޯޕް) އެވެ.
ކައުނުގެ ތެރޭގައި އިރުގެ ނިޒާމު ދަތުރުކުރަމުން ދާއިރު އެއަންނަ ހަރަކާތުން، ކައުނުގެ ތެރޭގައި ވަރަށް މަޑު އިދި (ދަތުރުކުރާ މިސްރާބާ އިދިކޮޅު) ވަޔެއް އުފައްދައެވެ. ނަތީޖާއަކަށްވަނީ، އިރުގެ ނިޒާމު ދަތުރުކުރަމުންދާ މިސްރާބުން، އިތުރު ރޭޑިއޯ މަޑިކިލަނބުތައް ފައުޅުވެ ފެންނަން ފެށުމެވެ.
ލޯފާރް (Low Frequency ARray)ގެ ނަންދީފައިވާ ޖައްވީ ދުރުމި އާއި އިތުރު ދެ ރޭޑިއޯ ދުރުމިން އެއްކުރި މައުލޫމާތުތައް އަޅައިކިޔައި ވަޒަން ކުރުމަށް ފަހު، ސައެންސްވެރިން ވަނީ، މިހާތަނަށް ފާހަގަކުރެވިފައި ނުވާހާ ގިނަ އަދަދެއްގެ ރޭޑިއޯ މަޑިކިލަނބުތައް ފާހަގަކޮށް ދެނެގަނެފައެވެ.
މަޑިކިލަނބުތަކުގެ އަދަދާއި މަޑިކިލަނބުތައް ކައުނުގެ ތެރެއަށް ބެހިފައިވާ ގޮތް އަޅައިކިޔުމަށް ފަހު ސައެންސްވެރިން ލަފާކުރަނީ، މިހާތަނަށް ލަފާކޮށްފައިވާ ބާރުމިނަށް ވުރެ މާ ހަލުވި ދުވެއްޔެއްގައި، އިރުގެ ނިޒާމު ކައުނުގެ ތެރޭގައި ދަތުރުކުރަމުންދާ ކަމަށެވެ. އިރުގެ ނިޒާމު ކައުނުގެ ތެރޭގައި ދަތުރުކުރަމުން ދަނީ އެހާ ހަލުވި ދުވެއްޔެއްގައި ކަމަށް ވާ ނަމަ، މި ކައުނުގެ ބޮޑުމިނާ މެދު އިތުރު ސުވާލުތައް އުފެދޭނެއެވެ.
އެހެން ނަމަވެސް، މިކަން މުޅިން ކަށަވަރު ކުރުމަށްޓަކައި އިތުރު ދިރާސާތައް ކުރަންޖެހެއެވެ. މި ދިރާސާއިން ވެސް އެނގިގެން ދިޔައީ، މި ކައުނުގެ ތަނަވަސްކަމާއި ކައުނުގެ ސިއްރުތައް ގިނަކަމާއި އެ ސިއްރުތަކުގެ ތެރެއިން އިންސާނުންނަށް އެނގެނީ ވަރަށް ކުޑަ މިންވަރެއް ކަމެވެ.
އިރުގެ ނިޒާމުގެ ދުވެލި ހީކުރި ވަރަށް ވުރެ މާ ބާރު އިރުގެ ނިޒާމުގެ ދުވެލި ހީކުރި ވަރަށް ވުރެ މާ ބާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ