މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށް ދެއްކުމަށް އެގްރިމެންޓުތަކުގައި ސޮއިކުރުމާއި ތަންތަނުގައި ބިންގާ އަޅާ މަންޒަރަށްވުރެ ރައްޔިތުން ބަލަން ބޭނުންވަނީ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހިނގާ، އެކަންކަން ނިންމޭ މަންޒަރު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ސަފުތައް ރުކުރުވާލުމަށް އެމްޑީޕީގެ ބައެއް އިސްވެރިން މިހާރު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މީޑިއާތަކާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ކުރިއަށްދާ ތަން ފެނުން ކަމަށެވެ.
"ބިންގާ އެޅުން. އެއްބަސްވުމުގައި ސޮއިކުރުން. މިއެއް ނޫން ރައްޔިތުން ބޭނުންވާ ކަމަކީ. ރައްޔިތުން ބޭނުންވަނީ މަގު ތާރު އެޅިގެން ދިޔުން. ރައްޔިތުން ބޭނުންވަނީ ޝޯ ޕްރޮޓެކްޝަން މަސައްކަތް ނިމިގެންދިޔުން. ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް އެތައް ދުވަހެއް ވަންދެން އިންތިޒާރުގަ ތިބި ކަންތައްތައް ކުރިމަތިން ވެގެންދާ މަންޒަރު ފެނުން،" ފައިސަލް ވިދާޅުވި އެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގު ހެދުމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުވައްމުލަކުގައި ހިންގި އެންމެ ބޮޑު ދެ މަޝްރޫއެވެ. އެގޮތުން ރާއްޖޭގައި ވެސް މިހާތަނަށް ހިންގި އެންމެ ބޮޑު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގީ ފުވައްމުލަކުގަ އެވެ.
މީޑިއާތަކާއި ވާހަކަ ދައްކަވަމުން ފައިސަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި ފުވައްމުލަކުގެ ގާތްގަނޑަކަށް 32 ކިލޯމީޓަރުގެ މަގުތަކެއް ތަރައްގީކޮށް، ތާރުއަޅައި ނިންމުނެވެ. ނަމަވެސް، އެ މަޝްރޫއުގެ ދެވަނަ ފިޔަވަހި މި ސަރުކާރު އައި ފަހުން މިވީ ދެ އަހަރު ހުއްޓިފައި އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ކޮވިޑުގެ އެންމެ އުނދަގޫ ދުވަސްވަރު ވެސް އަޅުގަނޑު މަސައްކަތް ހުއްޓާނުލާ. އެވަގުތު ވެސް ސަރުކާރުން ދިޔައީ މުޅި ރާއްޖޭގައި ވެސް މަސައްކަތްތައް ކުރިއަށް ގެންދަމުން. ފުވައްމުލަކުގެ މި ބޮޑު މަސައްކަތް ވެސް އެ ދަތި އުނދަގޫ ދުވަސްވަރު ކުރެވިގެން ދިޔައީ،" ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލަކުގެ ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަން ފައިސަލް ފާހަގަކުރެއްވި އެވެ.
އޭގެތެރޭގައި ހިމެނެނީ ފުވައްމުލަކުން ދަތުގެ ފަރުވާ ފެށުމާއި ޑަޔަލަސިސްގެ ހިދުމަތް ފެށުމުގެ އިތުރުން މި ފަހުން ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގެން އިފްތިތާހުކުރެއްވި ސީޓީ ސްކޭނުގެ މަސައްކަތް ދޭން ބޭނުންވާ މެޝިނަށް އޯޑަރު ޖެހުމާއި އެކަމަށް ބޭނުންވާ ޖާގަ ހޮސްޕިޓަލުގައި ހަމަޖެއްސުމެވެ.
ބިންގާ އެޅުމާއި ސޮއިކުރުމުގެ ރަސްމިއްޔާތުތަކަށް ފައިސަލް ފާޑުވިދާޅުވިއިރު، މި މަހުގެ ކުރީކޮޅު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުގެ ތެރެއިން 11 މަޝްރޫއެއް ކުންފުނިތަކާ ހަވާލުކޮށް، ފަސް މަޝްރޫއެއްގެ ބިންގާ އެޅި އެވެ.
ފުވައްމުލައް ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ހަވާލުކުރި 11 މަޝްރޫއުގެ ތެރެއިން ތިން މަޝްރޫއެއް ފިޔަވައި އެހެން ހުރިހާ މަޝްރޫއެއް ހަވާލުކުރީ އަމިއްލަ ކުންފުނިތަކާ އެވެ. މީގެ ތެރެއިން ބިންގާ އެޅި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިހާތަނަށް ވެސް ފެށިފައެއް ނުވެ އެވެ.
ބިންގާ އެޅުމާއި ސޮއިކުރާތަން ބެލުމަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ އަމަލީ މަސައްކަތް ދެކެން: ފައިސަލް ބިންގާ އެޅުމާއި ސޮއިކުރާތަން ބެލުމަށްވުރެ ބޮޑަށް ރައްޔިތުން ބޭނުންވަނީ އަމަލީ މަސައްކަތް ދެކެން: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ