އައު އުއްތަމަ ފަނޑިޔާރުގެ ފުރަތަމަ ޝަރީއަތް މިއަދު

އައު އުއްތަމަ ފަނޑިޔާރު، ޢަބްދުލްޣަނީ މުޙައްމަދުގެ ފުރަތަމަ ޝަރިއަތް މިއަދަށް ތާވަލުކޮށްފިއެވެ. އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ޢަބްދުލްޣަނީ މުޙައްމަދު މިއަދު ފުރަތަމަ ފަހަރަށް ޝަރިއަތެއްގައި ބައިވެރިވެވަޑައިގަންނަވާއިރު، އެ މައްސަލައަކީ، މަދަނީ މައްސަލައެކެވެ. ދޭދޭ ދެ ކުންފުންޏެއްގެ މި މައްސަލައިގައި އުއްތަމަ ފަނޑިޔާރާއެކު، ބެންޗުގައި ދެން ހިމެނިވަޑައިގަންވަނީ އަލީ ރަޝީދު އަދި ޑރ. މުހައްމަދު އިބްރާހީމްއެވެ. މި ކޭސް އޮންނާނީ މިއަދު 10:30 ގައެވެ. އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް މިއަދު، ޢަބްދުލްޣަނީ މުޙައްމަދު ބެންޗަށް އެރުއްވިނަމަވެސް، އެ މަނިކުފާނަކީ މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ބެންޗުގައި އަދި ހައިކޯޓާއި ދަށު ކޯޓުގެ އިތުރުން ޓްރައިބިއުނަލްގައިވެސް މައްސަލަ ބައްލަވައިފައިވާ ތަޖުރިބާކާރު ފަނޑިޔާރެކެވެ. ޢަބްދުލްޣަނީ މުޙައްމަދު އުއްތަމަ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނީ، މިދިޔަ މަހުގެ ކުރީކޮޅުއެވެ. އޭރު އެ މަނިކުފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގައެވެ. ޖުޑިޝަރީގައި ޢަބްދުލްޣަނީ މުޙައްމަދު މަސައްކަތް ފެއްޓެވީ، މީގެ 25 އަހަރު ކުރިންނެވެ. ދެހާސް ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 2004 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް މަދަނީ ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު ޢަބްދުލްޣަނީ މުޙައްމަދު ދެން މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ. ހައިކޯޓުގައި ޣަނީވަނީ އިސްފަނޑިޔާރުކަންވެސް ކުރައްވާފައެވެ. އަދި ހައިކޯޓުގެ ދެކުނު ގޮފީގެ އިސްފަނޑިޔާރުކަން ވެސް ކުރެއްވުމަށް ފަހު، 2018 ވަނަ އަހަރު ސުޕްރީމް ކޯޓަށް އައްޔަން ކުރެވުނެވެ. މިދިޔަ މަހު، އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެވުނު ޣަނީވަނީ، އާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ފުރަތަމަ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމާއި އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ