ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ނަގައިފި

ހައިކޯޓުގެ ޝަރީއަތުގައި، ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނި ފުލުސް މީހާ، އޭނާގެ ބަންދު މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފަހު، އަމިއްލައަށް އެދިގެން މައްސަލަ އަނބުރާ ގެންގޮސްފިއެވެ. ފުލުހުންގެ ހުވައި ނުކުރާކަމަށް ބުނެ ޝަރީއަތުގައި ދޮގު ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމަށް ހައިކޯޓުން ކަނޑައެޅުމުން، އެ މައްސަލައިގައި އޭނާ އަލުން ހައްޔަރު ކުރިއެވެ. ވިހި ދުވަހަށް އޭނާ ހައްޔަރުކޮށްފައިވަނިކޮށް، އޭނާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން، އޭނާ އެދިގެން މިހާރުވަނީ މައްސަލަ ބާތިލުކޮށްފައެވެ. https://www.sun.mv/210876 ހުވާ ނުކުރާ ކަމަށް ބުނި ފުލުސް މީހާއަކީ ގދ. ތިނަދޫ މީހެކެވެ. އޭނާގެ ނަމަކީ، މުހައްމަދު ސާޖިދުއެވެ. އޭނާ ފުރަތަމަ ހައްޔަރު ކުރީ އީ-ސިނގިރޭޓު ގެންގުޅޭ ކަމަށް ޝައްކުކުރެވިގެން ބަލައި ފާސްކުރި ވަގުތު، މަސްތުވާތަކެތި ފެނުނު މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުންނެވެ. ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓެބަލެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު އެ މައްސަލައިގައި ސަސްޕެންޑްވެސް ކުރިއެވެ. އެ މައްސަލައިގައި ފުލުހުން އޭނާ ދިރިއުޅޭ ގެއާއި ސައިކަލު ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 191.92 ގުރާމްގެ ތަކެތި ފެނިފައިވެއެވެ. ނަމަވެސް، އެ މައްސަލައިގައި ސާޖިދު ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކޯޓު އަމުރު ސައްހަ ނޫން ކަމަށް ކަނޑައަޅައި ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ފުރަތަމަ ވަނީ އަމުރުކޮށްފައެވެ. ހުވާ ނުކުރާ ކަމަށް އޭނާ ބުނީ ހައިކޯޓުގެ ޝަރީއަތުގައެވެ. "ޝަރީޢަތުގެ އަޑުއެހުމުގައި، ހުވާނުކޮށް މުސާރަ ލިބުމުގައި ގޯހެއް އޮތްކަމަށް މީނާ ނުދެކޭކަމަށް ބެލެވޭ ބީދައިން މީނާ ވާހަކަދައްކާފައިވެއެވެ. މިއީ، މާތްﷲ ގަންދީ ހުވާކުރުމާގުޅޭގޮތުން ކަންވެގެންވާނެގޮތް ނުވަތަ ޝަރީއަތުގައި އެފަދަ ހުވަޔަކާމެދު އެއްވެސް މީހެއްގެ ބަސްމަގު ހުންނަންވާނެ ގޮތްކަމަށް ނުދެކެމެވެ. އެ ހުވާގެ އިގުރާރުގައި ސާޖިދު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވެއެވެ. އެހެންކަމުން، ދައުލަތުން ހުށަހަޅާފައިވާ ތުހުމަތުތަކަށް ވެސް މިހާލަތުގައި ބުރަދަން ލިބިފައިވާކަމަށް ދެކެމެވެ،" ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވެއެވެ. ހައިކޯޓުގެ ހުކުމުގައި އޭނައާމެދު ފިޔަވަޅުއަޅަން ޖެހޭކަން ފާހަގަކޮށްފައި ވާއިރު، ކުރީގެ ބަންޑާރަނައިބު އަދި ޤާނޫނީ ވަކީލާ ޢާއިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ އެ ފުލުސް މީހާއާ ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ