ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަބްދުﷲ ދީދީގެ ރައުޔަކީ ނަޝީދު ވަކިކުރުން އަވަސްކުރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ. 
ޑރ އަބްދުالله ދީދީ މިފަދައިން ވިދާޅުވެފައި ވަނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ދުސްތޫރީ ހުވާކުރުމަށާއި، އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީސް އެކުލަވާލުމުގެ ދުސްތޫރީ ބާރަށް ރައްޔިތުންގެ މަޖިލީސް ކޮންޓްރޯލު ކުރާ އެމްޑީޕީން ހުރަސްއަޅަން އަޅޭކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރުތަކާއި ގުޅޭގޮތުން އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލު އެކް ކޮމްގައި ހިއްސާކުރައްވާ ލިޔުއްވާފައިވާ ޕޯސްޓެއްގަ އެވެ. 
އެގޮތުން އެ މައްސަލައާއި ގުޅިގެން ފާހަގަކުރެވޭ މުހިންމު ފަސްކަމެއް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފަ އެވެ. 
Advertisement
ޑރ އަބްދުالله ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާޔަކީ އެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދާ އެއްގޮތަށް ޞައްޙަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާޔަކަށް ވާންވާނެ ކަމަށެވެ. އަދި، އެ ޖަލްސާޔަށާއި، ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. 
ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމުގައި ވާއިރު، އެކަމަށް ހުރަސްއެޅުމުގެ ޤާނޫނީ ޙައިޘިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން އެ ޕޯސްޓުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަބްދުالله ދީދީ ފާހަގަކުރެއްވި އެވެ.
އެއާއެކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމާބެހޭގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ނާއިބު ރައީސްގެ ރިޔާސަތުގައި، ނުވަތަ އެނޫންވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތަށް، ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ޤާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެ ކަމަށެވެ. 
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އަޢުލަބިއްޔަތު މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހަށް ހުށަހަޅައި، ކަނޑައެޅިފައިވާ އިޖްރާއާތުގެ ދަށުން އެ މައްސަލަ މަޖިލީހުގައި ތާވަލުކުރުމަށް ފަހު، މަޖިލީހުގެ އެއްވެސް ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބެލެހެއްޓުމަކީ ޕާރލަމެންޓަރީ ޕްރެކްޓިސްތަކާ ޚިލާފުކަމަކަށް ވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
ސަބަބެއްކަމުގައި އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ އަޢުލަބިއްޔަތު މެންބަރުންގެ އިތުބާރު ޢަމަލީގޮތުން ގެއްލިފައިވާ ފަރާތެއް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ އޮތޯރިޓީއާއި ނިންމުންތަކަށް އުނިކަން ލިބިގެންދާނެ ކަމަކަށް ވާތީއެވެ. 
ޑރ އަބްދުالله ދީދީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނުނިމި އޮތުމަކީ 17 ނޮވެމްބަރ 2023 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިޚާބުކުރެވިފައިވާ އިންތިޚާބީ ރައީސް މަޤާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ޤާނޫނުއަސާސީއާއި ޤާނޫނީ ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫން ކަމަށެވެ. 
އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ޤަރާރާ މެދު ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާގެ (ރ) ތަންދޭ ކަމަކަށް ނުވާއިރު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެން ވެސް މަޖިލީހަށް ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
އެހެންކަމުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ދެކިލައްވާކަމަށް ޑރ އަބްދުالله ދީދީ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ