މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ރިޔާސަތު އީވާ ނޫން ބޭފުޅަކަށް ބެލެހެއްޓެވޭނެ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅޭ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ނޫން މެންބަރަކު ބެލެހެއްޓެވުމަށް ހުރަހެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ނިންމައި މިއަދު ސުޕްރީމް ކޯޓުންވަނީ އެ މައްސަލާގައި ހުކުމްކޮށްފައެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ނޫން ބޭފުޅަކަށް ބެލެހެއްޓެވުމަށް ހުރަހެއް ނެތް ކަމަށެވެ.
މި މައްސަލައަށް ތަދައްޚުލުވެ ދަ ޑިމޮކްރެޓްސްގެ ފަރާތުންވަނީ މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބެލުމުގެ އިޚުތިޞާޞް ލިބިފައިވާ މައްސަލައެއް ނޫންކަމަށް ބުނެފައެވެ. އެ ރައުޔައަށް އިޝާރާތްކުރައްވައި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ އެ މައްސަލަ ހުށަހެޅި ފަރާތާއި ދައުލަތާއި މަޖިލީހާއި ތަދައްޚުލުވި ޕީޕީއެމް/ޕީއެންސީގެ ވާހަކަތަކަށް ބަލާއިރުވެސް މަޖިލީހުގެ މަސައްކަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ.
މަހާޒު އިތުރަށް ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ކުރިއަށްގެންދާއިރު މަޖިލީހުގެ ނައިބުރައީސަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި އަމަލުކުރާނެ ގޮތެއް ނެތުމުން، އެފަދަ ހާލަތުގައި އަމަލުކުރާނެ ގޮތެއް ހޯދަންޖެހޭނެ ކަމަށެވެ.
ފަނޑިޔާރު މަހާޒު ވިދާޅުވެފައިވަނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހިންގާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނީ މަޖިލީހުގެ ނައިބުރައީސަށް އެކަނިކަމަށް މަޖިލީހުގެ އިދާރާއިން ނިންމީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އޭގެ އިތުރަށް އިތުބާރުނެތްކަމުގެ ނޯޓިސް ދިނުމަށްފަހު 14 ދުވަސް ހަމަވުމަށްފަހު ބާއްވާ ޖަލްސާއަށް އިތުބާރުނެތްކަމުގެ މައްސަލައިގެ ޤަރާރު ހުށަހަޅަންޖެހޭނެ ކަމަށާއި، އެއަށްފަހު އެވަގުތު ހުށަހަޅާފައިވާ އެއްވެސް މައްސަލައެއް ކުރިއަށް ގެންގޮސްގެންނުވާނެ ކަމުގައި ޤަވާއިދު ބުނެފައިވާތީ އެ މައްސަލައަށް ގޮތެއް ނުނިންމައި އެހެން މައްސަލަތައް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމަން ފެނިވަޑައިގަންނަވާކަމަށް މަހާޒު ވިދާޅުވިއެވެ.
މަހާޒުގެ ދެ ރައުޔައިގެ ތެރެއިން މަޖިލީހުގެ ނައިބުރައީސް ނޫން މެންބަރުންނަށް މަޖިލިސް ރައީސްގެ އިތުބާރުނެތްކަމުގެ ޤަރާރު ހުށަހަޅާ ޖަލްސާ ކުރިއަށް ގެންދެވޭނެކަމަށް ދެކެވަޑައިގަންނަވާ ރައުޔައަށް ފަނޑިޔާރު ހުސްނުއްސުއޫދު އޭނާގެ ރައުޔުގައި ތާއީދުކުރެއްވިއެވެ.
ނަމަވެސް ސުއޫދު ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެހެން މައްސަލައެއް މަޖިލީހުގައި ކުރިއަށްނުގެންދެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމަކީ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރަިގަތުންކަމަށް ވެދާނެތީއާއި އެގޮތަށް މަޖިލީހުގެ ކަންކަމަށް ކޯޓުންވަނުމަކީ ކޯޓުގެ ހުކުމްތައް ސިޔާސީވެ އިތުބާރު ގެއްލިދާނެކަމެއް ކަމެކެވެ.
ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމާއި، ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ތާއީދުކުރެއްވީ ސުއޫދުގެ ރައުޔައަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ