ނިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ހަވާލުކޮށްފި، މަގޫދޫ އެއާޕޯޓް ހުއްޓާލާފައިވާ ކަމުގެ ތުހުމަތު!

ފ. ނިލަންދޫގައި މި ސަރުކާރުން އަޅަން ވައުދުވި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ނިލަންދޫ އެއާޕޯޓް އަޅަން ބޭނުންވާ ސޭވޭތަކާއި އީއައިއޭ ހެދުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ހަވާލުކުރީ އެމްޓީސީސީއާ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި އެމްޓީސީސީއާ ހަވާލުކުރީ 42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށެވެ.
މި މަސައްކަތް ނިންމަން އެމްޓީސީސީއަށް ދިނީ 390 ދުވަހެވެ. އެކަމަކު މިނިސްޓްރީގެ ނޫސް ބަޔާނުން މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރި އަގެއް ނުބުނެ އެވެ.
ނިލަންދޫ އެއާޕޯޓަށް އަޅަން މި ސަރުކާރުން ނިންމީ އެ ރަށާ އެންމެ އަށް ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ މަގޫދޫގައި މިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ނިމެނިކޮށެވެ.
ނަމަވެސް މަގޫދޫ އެއާޕޯޓުގެ މަޝްރޫއު މިހާރު ކުރިއަށް ނުދާތީ އާއި އެކަމުގެ އެއްވެސް މައުލޫމާތެއް ސަރުކާރު ބަދަލުކުރި ފަހުން ހިއްސާކޮށްފައި ނުވާތީ، އެ މަޝްރޫއު ހުއްޓާލާފައިވާ ކަމަށް އެ ދާއިރާގެ ރައްޔިތުން ތުހުމަތުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ