ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކުގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރު އެކުލަވައިލުމަށް ނިންމައި ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރި އިއުލާނުގައި ބުނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ޖަމްއިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން މިހާރު ހަރަކާތްތެރިވާ ޖަމްއިއްޔާތަކާ ޖަމާއަތްތައް، ޓްރޭޑް ޔޫނިއަންގެ ގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގެ ދަށުން ހަރަކާތްތެރިވުމަށް ފުރުސަތުދިނުމަށްޓަކައި ވަގުތީ ދަފުތަރެއް އެކުލަވާލަން ޖެހޭކަމަށެވެ.
އެހެންކަމުން ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ އެފަދަ ޖަމްއިއްޔާ ޖަމާއަތްތައް، ވަގުތީ ދަފްތަރުގައި ހިމެނުމަށް ގޫގުލް ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކޮށްދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މިއަހަރުގެ ޖެނުއަރީ މަހު ތަސްދީގުކުރި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނުގައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީ ކުރާނީ އަދި ރަޖިސްޓްރޭޝަނާ ގުޅޭ ގޮތުން އަމަލުކުރާނީ އެ ގާނޫނުގައިވާ ގޮތުގެމަތިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ