ޖީއެސްޓީ ބޮޑު ކުރުމުން މުދަލުގެ އަގުން ތިން ޕަަސެންޓު އުފުލުނު

ޖީއެސްޓީ މަތި ކުރުމުން ދައުލަތުގެ އާމްދަނީއަށް އިތުރުވީ ދެ ބިލިއަން ރުފިޔާ އެވެ. ޖުމްލަ ކާބޯ ތަކެތީގެ އަގުތައް ވަނީ 5.8 ޕަސެންޓު އުފުލިފަ އެވެ.
ދައުލަތުގެ ހަރަދުތައް ފޫބައްދަން މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ބޮޑު ކުރުމާއެކު މުދަލުގެ އަގުތައް ބޮޑުތަނުން އުފުލިގެން ދިޔަ ކަމަށް ދައްކައިފި އެވެ. 
މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޖީއެސްޓީ ބޮޑު ކުރުމާއެކު 2022 ވަނަ އަހަރު 2.3 ޕަސެންޓުގައި ހުރި އިންފްލޭޝަން ރޭޓް 2.9 ޕަސެންޓަށް އުފުލިގެން ދިޔަ އެވެ. 
ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގު އުފުލެމުން ދިޔަ މި ވަގުތު ސަރުކާރުން ޖީއެސްޓީއަށް ގެނައި ބަދަލާއެކު ޖުމްލަ އިންފްލޭޝަން ވަނީ 3.1 ޕަސެންޓު އުފުލިގެން ގޮސްފަ އެވެ. ކާބޯތަކެތީގެ އަގުތައް 2022 ވަނަ އަހަރު ޖުމްލަ ގޮތެއްގައި 4.8 ޕަސެންޓުގައި ހުރިނަމަވެސް މިދިޔަ އަހަރު އަގުތަކަށް ވަނީ 5.8 ޕަސެންޓުގެ އުފުލުމެއް އައިސްފަ އެވެ. 
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓްތައް 12 ޕަސެންޓުން 16 ޕަސެންޓަށް އުފުލައިފި އެވެ. މި ބަދަލާއެކު ދައުލަތުގެ އާމްދަނީ އިތުރުވެގެން ދިޔަ އެވެ. އަދި މި ބަދަލާއެކު ޖީއެސްޓީގެ އާމްދަނީ 2.1 ބިލިއަން ރުފިޔާ އިތުރުވެ 8.7 ބިލިއަން ރުފިޔާއަށް އެރި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ