އަބްދުﷲ ގާޒީ ބަންދު ކުރުމުގެ ޒިންމާ ނަގަންޖެހޭނީ އިބްރާހިމް ދީދީ: ހެއްކެއް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގެ ޒިންމާ ނަގަންޖެހޭނީ އޭރުގެ މާލޭ އޭރިއާގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީ ކަމަށް އޭރުގެ ޑެޕިއުޓީ ކޮމާންޑަރު މިއަދު ކޯޓުގައި ވިދާޅުވެއްޖެ އެވެ.
އޭރުގެ މާލޭ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރަކަށް ހުންނެވި ނަސްރުﷲ މަޖުދީ އިބްރާހިމް މިއަދު އެގޮތަށް ވިދާޅުވީ އެ މައްސަލައިގައި އޭރުގެ ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓާ މުހައްމަދު ޒިޔާދުގެ މައްޗަށް ހިންގާ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގަ އެވެ. އެ އަޑުއެހުމުގައި ފަނޑިޔާރުން ކުރި ސުވާލުތަކުގެ ޖަވާބުގައި ނަސްރުﷲ ވިދާޅުވީ އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ހުންނެވި އިބްރާހިމް ދީދީ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރަން ދިޔަ ސްނެޗް ޓީމަށް އަމުރު ޕާސް ކުރަމުން ދިޔަ ނަސްރުﷲ ވިދާޅުވީ އެ އޮޕަރޭޝަންގައި އޭނާއަށް ސީދާ އަމުރު ކުރަމުންދިޔައީ ޒިޔާދު ނަމަވެސް ޒިޔާދަކީ އިބްރާހިމް ދީދީ ކަނޑަަޅާފައިވާ މީހެއް ކަމަށާއި ޒިޔާދު ކުރާ އަމުރުތަކަކީ އިބްރާހިމް ދީދީގެ އަމުރުތައް ކަމަށް އިބްރާހިމް ދީދީ ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ޒިޔާދު ކުރި އަމުރުތަކަކީ އިބްރާހިމް ދީދީގެ އަމުރުތަކެއް ތޯ ބެލުމަށް ފަހުން އިބްރާހިމް ދީދީގެ ކިބައިން އެ އަމުރުތަކުގެ ސައްހަކަން ކަށަވަރުކޮށްފައިވާ ކަމަށާއި ޒިޔާދު ކުރި އެއްވެސް އަމުރަކީ އިބްރާހިމް ދީދީގެ އަމުރެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވާ ނުވާ ކަމަށެވެ. އެހެންވެ އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އިބްރާހިމް ދީދީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސްރުﷲ ވިދާޅުވި ގޮތުގައި އޭނާއަށް ފުރަތަމަ އެންގީ އަބްދުﷲ ގާޒީ ސިފައިންގެއަށް ހާޒިރު ކުރުމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ފާލަން ކައިރިއަށް ގެނައުމަށް އެންގި ކަމަށެވެ. އަދި އެކަމުގެ ހުރިހާ އަމުރެއް އޭނާއަށް ކުރަމުން ދިޔައީ ޒިޔާދު ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.
ނަސްރުﷲ ގެ އިތުރުން އިތުރުން އިތުރު ފަސް މީހެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. އޭގެ ތެރެއިން ދެ މީހުންނަކީ އެމްއެންޑީއެފްގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހުންނެވެ. އެ ދެ މީހުން ވެސް ބުނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި ފަހުން ފުލުހުން ލިޔުމެއް ގެންނާނެ ކަމަށާއި އެ ލިޔުން ގެނައުމުން އެއަށް ޖަވާބެއް ތައްޔާރު ކުރަން ޒިޔާދު އެ މީހުންނަށް އެންގި ކަމަށެވެ. ނަމަވެސް އެ ލިޔުން މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް އެ ދެ މީހުން ބުންޏެވެ.
މިއަދު ހެކިބަސް ދިން ހަ މީހުންގެ ތެރޭގައި އަބްދުﷲ ގާޒީ ގިރިފުށީގައި ހުރިއިރު އޭނާގެ ސިއްހީ ކަންކަން ބެލުމަށް ފޮނުވި ޑޮކްޓަރު އަލީ ޝާހިދާއި އަބްދުﷲ ގާޒީގެ ވެލްފެއާ ކަންކަން ބަލަހައްޓަން ފޮނުވާފައި ހުރި އައިޝަތު ޒީނާ ވެސް ހިމެނެ އެވެ.
ހެކިބަސްދެމުން ޝާހިދު ވިދާޅުވީ އޭނާ ގިރިފުށްޓަށް ދިޔައީ ޒިޔާދުގެ އަމުރަށް ކަމަށާއި އަބްދުﷲ ގާޒީ ބަންދުގައި ހުރިއިރު އޭނާއަށް ފޯނު ކުރެވޭނީ ޒިޔާދު ހުއްދަ ދިނުމުން ކަމަށެވެ. އަދި ގާޒީ ބަންދުގައި ހުންނާތީ އެކަމުގައި ހިތްހަމަނުޖެހުން ޒިޔާދަށް ފޮނުވި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މިއަދު ދެން ހެކިބަސް ދިނީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖަމްޝީދެވެ. އޭނާއަކީ އަބްދުﷲ ގާޒީ ބަންދުކުރަން ނިންމިކަން ސާބިތުކުރަން ހުށަހަޅާފައިވާ ހެއްކެއް ކަމަށް ވާތީ އޭނާގެ ހެކިބަހުގައި ޒިޔާދާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުބުނެ އެވެ. ހެކިބަސް ދެމުން އޭނާ ވިދާޅުވީ އަބްދުﷲ ގާޒީއަށް 100 ފޫޓާ ކޯޓާ ކައިރި ނުވެވޭނެ ކަމަށް އޭރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށޭވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ