ވިސާ ނެތި ނޫސްވެރިކަން ކުރި މީހުން ކޯޓުން ދޫކޮށްލައިފި

ވޯކް ވިސާ ނެތި ރާއްޖޭގައި ނޫސްވެރިކަން ކުރަން އުޅެނިކޮށް، ރޭ ހައްޔަރުކުރި ދެ ބިދޭސީން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އެ ދެ މީހުންނަކީ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް އުޅުނު ދެ މީހުންނެވެ. އެދެ މީހުން ވެސް ފުލުހުން ގެންގޮސްފައި ވަނީ އެމްޑީޕީ ހަރުގޭގައި ރޭ ކުރިއަށް ދިޔަ، އިއްތިހާދުގެ ޖަލްސާގެ ހާޒިރީންގެ ތެރޭގައި ތިއްބަ އެވެ.
އިޓަލީ އާއި ޕޮލެންޑަށް ނިސްބަތްވާ، މި ދެ މީހުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ މިއަދު އެ ދެ މީހުންގެ ބަންދަށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. ކޯޓުން ނިންމާފައިވަނީ އެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ ދެ މީހުންނަކީ ވެސް ނޫސްވެރިން ކަމަށް ބުނާ އިރު، ރާއްޖޭގެ ގާނޫނުތައް އޮންނަ ގޮތުން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ނޫސްވެރިކަން ވެސް އަދި އެހެން ވެސް މަސައްކަތެއް ނުކުރެވޭނެ އެވެ. އެ މީހުންނަކީ ނޫސްވެރިން ކަމަށް ބުނި ނަމަވެސް، އެ މީހުން ނިސްބަތްވާ ނޫސް އެޖެންސީއެއްގެ ރަސްމީ ލިޔެކިޔުމެއް ވެސް ނެތް ކަމަށްވެ އެވެ.
ފުލުހުން ބުނެފައިވަނީ، އެ މީހުންގެ އަތުގައި އޮތީ، އީޔޫގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ޖަމާއަތެއްގެ މެންބަރުކަން އަންގައިދޭ ކާޑެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 113 ވަނަ މާއްދާ އާއި އިމިގްރޭޝަން ގާނޫނުގެ ދަށުން ޓޫރިސްޓް ވިސާގައި އައިސް އެއްވެސް ޒާތެއްގެ ވަޒީފާއެއް ނޫނީ އާމްދަނީ ހޯދުމުގެ މަސައްކަތެއް ކުރުމަކީ ޖިނާއީ ކުށެކެވެ. މަސައްކަތެއް ކުރަން އަންނަ ނަމަ، ވޯކް ވިސާއެއް ނަގަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ