ބީރައްޓެހި 145

"ތިބާ ބޭނުންނުވިޔަސް ދިރިއުޅުން ވަރަށް ގިނަ ހާލަތު ކުރިމަތިކުރުވައެވެ. ހިތް ހަލާކުވުމާއި، ލޯބިވާ މީހުން ވަކިވުން، މުސީބާތްތަކާއި ހިމޭންކަން އަދި ބަލިވުންވެސް ހިމެނެއެވެ. އެކަމަކު އެކަންތައް ދިމާވަނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ކޮންމެ މީހެއްގެ ހަޔާތުގެ ވާހަކައިގާވެސް އެމީހަކު ބޭނުންނުވާ ބާބުތަކެއް ހިމެނެއެވެ. އެކަންތައްތަކާއި ކުރިމަތިލެވޭނީ އީމާންކަން ވަރުގަދަކޮށް ދުނިޔެއަކީ ވަގުތީ ފާލަމެއްކަން ހަނދާންކޮށްދީގެންނެވެ. އާޚިރަތާއި މަރާއިމެދު ވިސްނަންވާނެއެވެ. ދިރިއުޅުމުގެ އުފާތައް ހާސިލުކުރިޔަސް މިއީ ވަގުތީ ތަނެއްކަމާއި އެންމެން ވަކިވާނެކަން ގަބޫލުކޮށް ﷲ ތައާލާއާއި އޮތް ގުޅުންވެސް ވަރުގަދަ ކުރާށެވެ." *** އޭނަ ކޮރިޑޯއިން ހިނގަމުންގޮސް މަންމަގެ ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްލިއެވެ. "މާޒިމް...ކިހިނެއްވީ؟"ބައްޕަގެ އަޑު އިވުމުން ސިހިފައި ބަލައިލިއެވެ. ".ހްމްމް..އެއީ....ޚުޝަލް ބުނި ބޭސްތައް ކައިގެން މަންމަ އަބަދު ނިދާފައޭ އެހެންވެ ހަމަ ޗެކްކޮށްލަންވެގެން..." "އާނ ނިދާފައި އޮތީ....އެކަމަކު ބަލާލަބަލަ...ބައްޕަވެސް މިދަނީ ނަމާދަށް.." މާޒިމް އެތެރެއަށް ވަންއިރު ކޮޓަރިތެރެއަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. ބޮޑު އެނދުގެ ބިއްދޮށުގައި އޭނަގެ މަންމަ ރަޖާތެރޭގައި ފޮރުވިގެން އޮތްވާ ގޮސް އެނދުގެ މަގަތުގައި އިށީދެލެވުނެވެ. މަންމަ ހޭލަންދެން އިންތިޒާރުގައި އެތައް އިރެއްވާންދެން އިންފަހުން ތެދުވުނުގޮތަށް ގޮސް ކުޑަދޮރުތައް ހުޅުވާލިއެވެ.ކުޑަދޮރުކައިރީގައި ހުންނަ ސީޓުގައި އިށީދެލިއެވެ. "މަންމާ..."އޭނަ ކުޑަކޮށް ޖެހިލުންވެފައި ގޮވައިލިއެވެ. "މުގޮށި މީދާ އެބަ ބުނޭ ކޮންމެވެސް އެއްޗެކޭ....." "މަންމަ ބުނަމެއްނު އެއެއްޗިއްސަށް ވާހަކަދައްކަން އެނގުނަސް މީހުންނަށް ބަހުރުވަ ނޭގެނީއޭ........"އޭނަ ގޮސް ނަބީލާ ގާތު ހުއްޓުނެވެ. ބޭރުން ފެންނަނީ މުޅިންހެން މަރުވާން ކައިރިވެފައިވާ ގަސްތަކެވެ. ބައެއް ދިމާލުގައިވާ ގަސްތަކުން އަދިވެސް ފަތްތައް ފައިބައެވެ. "މަންމަ ދެކެ ރުޅި އަންނަންތަ؟"އިރުކޮޅަކަށް އޭނަގެ މޫނަށް ބަލަން ހުރިއިރު މަންމަގެ ލޮލުން ފެނުނީ ރުޅިވެރިކަމެވެ. ކަޅި އަޅައިލިގޮތުން ލޮލުން އޭނަ އަނދާ އަޅިޔަށް ހަދާލާފާނެކަހަލައެވެ. މަންމަ ގެ އެ ސުވާލުން އޭނަގެ ލޮލަށް ކަރުނަ އަންނަގޮތްވިއެވެ. މަންމައެއްގެ ދުލުން އެފަދަ ލަފުޒެއް އިވުމަކީ ހިތް ފަޅައިގެންދާވަރުގެ ކަމެއްކަން އިހުސާސްވިއެވެ. "ނޫން...އެއީ ރުޅިއެއްނޫން. ބިރުގަތީ....މިރެލްއަށް ކަމެއްވެދާނެތީ.. ބިކޯޒް...މަންމަ ބަލިވީމަ. ނުވިސްނޭ ވަގުތުވެސް އަންނާތީ..." "މިއަދު ތިއައީ ކީއްވެ؟" "މަންމަދެކެ ލޯބިވާ ވާހަކަ ބުނަން..."އޭނަ ފުރަން އުޅޭ ވާހަކަ ބުނަން ޖެހިލުންވިއެވެ."ފޮގިވް މީ މަމް..." މާޒިމް އޭނަގެ މަންމަގެ އަތްތިލަ ގެނެސް މޫނުގައި ޖައްސައިލިއެވެ."ދަރިފުޅުގެ ލޯބީގެ އަވައިގާ ޖެހި މަންމަގެ ހިތަށް އަނިޔާވާނެވަރު ނުވިސްނުނީ...މާފުކުރޭ މަންމާ....މި ބަދުނަސީބު ދަރިފުޅަށް ހެޔޮ ދުޢާކޮށްދީ...." އޭނަ މަންމަގެ އުނގުގައި ބޯ އަޅައިލި ގޮތަށް ލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ. ނަބީލާ އޭނަގެ އިސްތަށިގަނޑުގައި އަތްތިލަ ހިންގަންފެށިއެވެ. އޭނަ ކުޑައިރެކޭ އެއްފަދައިންނެވެ. މަންމަގެ ލޯތްބާއި ކުލުނުން ހިތް ފުރޭވަރުވިއެވެ. މަންމައެއްގެ ލޯތްބަކީ ކިހާ މަތިވެރި އެއްޗެއްކަން އިހުސާސްވިއެވެ. ބުއްދިނެތަސް އެލޯތްބަށް ބަދަލެއްނާދެއެވެ. *** މާޒިމް ޚުޝަލްގެ ސްޓަޑީއަށް ވަނީ އޭނަގެ ކޮއްކޮ މަދީނާ ބުނި އެއްޗަކުންނެވެ. ޔަގީންކޮށްލުމަށެވެ. އެހާ ލޯބިން އުޅެފައި ޚުޝަލް މެހެކް އާއި ދިމާލަށް އެއްޗެހި ކިޔާ ރޮއްވާލާނެކަމަށް ގަބޫލުކުރަން ބޭނުންނުވީއެވެ. އެތަނުގެ ހަރުތަކުގައި ގިނައިން ހުރީ ދީނީ ފޮތްތަކެވެ. ތަފްސީރާއި ފިގުހު ހަދީސް އަދިވެސް އެކި އިލްމުވެރިން ލިޔުއްވާފައިވާ ފޮތްތަކއް ހަރުގަނޑު މުއްސަދިކޮށްދެއެވެ. ޚުޝަލް ދޮރު ހުޅުވާލައިގެން އިންއިރު ފިނިވައިރޯޅިތައް ހުރަހެއްނެތި އެތެރެއަށް ވަންނަމުން ދިޔައެވެ.އޭނަ ކުރިމަތީގައި ހުރި ވަށް މޭޒުމަތީގައި އެޕްލް ސައިޑާއާއި ޕަމްޕްކިން ޕައިއެވެ. "ހާދަ ފިންޏޭ ޚުޝަލް.. ހޫނުވީމަ ފިނިކޮށްލަން ތިއައީ؟" "ތިބުނީ ކީކޭތަ؟"ޚުޝަލް މައުސޫމްގޮތަކަށް ލޯ ބޮޑުކޮށްލިއެވެ. "މާ އަޑުގަދަވެގެން ބަލައިލިއިރ ޚުޝަލްއާއި މެހެކް މައްސަލަ ޖެހިގެން...." "ސަބަބަކީ މެހެކް ޓޫ ޓައިމްސް ބޭބީ ދިޔައީ...ދެން އަބަދު ޑިމާންޑްކުރަނީ..މާ ބޮޑަށް އެކަމާއި އޮބްސެސްވެފައި. ތަގުދީރަށް ރުހެން ޖެހޭނެ ދޯ...އަހަރެމެންގެ ބާރުގައިވާ ކަމެއްނޫން. އަބަދު އެހެން ކިޔާތީ ދެން ބޮލަށް އުދަގޫވެގެން ބުނެފިން އެހެން މީހަކު ހޯދަންވީ ނޫންހެއްޔޭ. ބުނިހާއިރުން ދެން އެވީ ވިކްޓިމްއަކަށް. ސޯ...ގާލްސްއިން ވަރަށް ވިކްޓިމް ހެދޭނެ...އެހެން މީހުން ޕްރޮވޯކް ކޮށްފައި.."ޚުޝަލް ސައިޑާއިން އެތިފޮދެއް ބޯލިއެވެ. "އަދި ރަގަޅުވާނެ....މަންމައާއި ވާހަކަދައްކާފައި މިއައީ. މަންމަ ހަމަ ވަރަށް ނޯމަލް ދޯ.....ކުރީގެ ވާހަކަތައްވެސް ދެއްކި...މާޒީ...މިރެލްއަކީ މާމަދަރިފުޅުކަންވެސް އެނގޭ. އަދި އަހަރެން މާމަދަރިއާއެކު ކުޅެން ނުދޭތީ މައްސަލަ ޖެއްސި...." ޚުޝަލް އުފާވިވަރުން ތެދުވެ އޭނަ ގައިގާ ބައްދައިލިއެވެ. ޚުޝަލް ގެ ނުތަނަވަސްކަމުގެ އެންމެ ބޮޑު އެއް ސިއްރަކީ އޭނަގެ މަންމައާއި ބޭބެގެ އޮތް ދުރު ހިލޭކަމެވެ. "ކެނާންވެސް ފުރަން އުޅެނީ......" "ކޮންތަނަކަށް؟" "ހީވަނީ ސައުދީއަށްހެން. ނޫނީ ޔަމަނަށް. ދީނީ އިލްމުކިޔަވަން ވަރަށް ބޭނުންވެފައި ހުންނަނީ.....އަހަރެންވެސް މިއުޅެނީ މީހުންނަށް ދީނަށް ގޮވަން ޗެނެލްއެއް ހަދަން...އަދި ހައިޑްޕާކަށްވެސް ދާން ފަށައިފިން. ވަރަށް އިންޓެރެސްޓިން...ކުޑަކޮށް ބިރުގަނޭ....މީހުންނާއި ފޭސްކުރަންވީމަ...." "ބީ ޔޯސެލްފް..ނުކުރެވޭންވީ އެއްވެސް ސަބަބެެއް ނެތް..ޚުޝަލް ބުނީމެއްނު ހިޔަނިއާއި އެއްޗެހި ފެނުނުކަމަށް....އެކަހަލަ ކަމެއް މިގޭގައި އުޅޭކަމަށް ގަބޫލުކުރަން؟ ބްލެކްމެޖިކް؟" ޚުޝަލް ހޭންފެށިއެވެ. "މާޒްއަށް އެނގޭނެ..ޖިންނިއާއި ހަގުރާމަކުރެވޭނީ ކިހިނެއްކަން އެނގޭތަ؟ ފަހު ޒަމާނުގެ އަލާމާތްތައް ފެންނަން ފަށައިފި. އިމާމް މަހުދީ ފޮނުއްވާނީ ހަމަ މިދުވަސްވަރުކަމަށް އެބަކިޔާ.... އެހެންވީމަ އަހަރެމެންވެސް ޖެހެނީ ﷲ ތައާލާއާއި އޮންނަ ގުޅުން ވަރުގަދަ ކުރަން...އެހެންވެ މިހާގިނަ ފޮތްތައް ކިޔަވަނީ..އެކަމަކު ދޭތެރެއަކުން އީމާންކަން ބަލިވޭ..އެއީ އެކަހަލަ އެއްޗެއްނު....ވަރަށް ތަގުވާވެރިވެގެން ޝައިތާނާއާއި ކުރިމަތިލެވޭނީ....އަހަރެމެންގެ ކޮނޑުގައި ހުންނަނީނު ގަރީން؟" "ނުދެނެހުރިން...." "ތިހާ ޖާހިލުވާކަށް ނުވާނެ ދޮންބެ..މިބުނީ ދީނީ އިލްމުން އިނގޭ. އައި ނޯ ދުނިޔެ ކިޔަވާ ބޮއިގެން ކަން ހުރި...ބަޓް....އެނީވޭސް ކޮންމެ އިންސާނަކާއި އެއްކޮށް ގަރީނެއްއުޅޭ....އީވިލް ކަންތައްތައް ކުރަން އޭތި ބާރު އަޅާނީ..ބައެއްފަހަރު އޭނަ ހުވަފެނުގައި ފެނޭ....ބައެއްފަހަރު............."ޚުޝަލް ނިތްކުރީގައި ފިރުމައިލިއެވެ. "ސްޓްރެސްވެފައި ދޯ..." "މިގޭގައި ހުންނަ މީހަކު ބޯ ނުގޮވާވަރުތަ؟މަންމަ ބަލިވީމަވެސް އެކަމައި ހަތަރުދަމު ވިސްނޭ..ކުޑައިރުއްސުރެ ހިތަށް އަރާ އެހެންމީހުންފަދައިން ވިސްނޭ މަންމައެއް ލިބޭނެނަމައޭ....އެންމެ ލޯބިވާ ޚާއްސަ މީހަކީ މަންމަ އެކަމަކު މަންމަ ނަފްސާނީ ބައްޔެއްހުރީމަ ހަމަ އެހެން ހިތަށް އަރާ..ކުޑައިރުވެސް އަހަރެން ބަލިވީމަ މަންމަ ވީ ގުރުބާނީތައް ބައްޕަ ކިޔާދެއްވާ. އެެހެންވެ މަންމައަށް ޝިފާ ދެއްވުމަށް އެދި އަބަދު ދުޢާކުރެވޭ. ބުނެބަލަ. މަންމަ ނޯމަލްވާނެތަ؟" ޚުޝަލް މޭޒުމަތީގައި އިނގިލިތަކުން މަޑުމަޑުން ތަޅަމުން ދިޔައެވެ. ކުޑައިރުވެސް އުޅެންޖެހޭ މާހައުލާއި ވާރުތަވުން ފަދަ ކަންތައްތަކުން މީހާގެ ސިކުނޑިއަށް އަސަރުކުރުވައެވެ. ދަރިންގެ ކުރިމަތީގައި މައިންބަފައިން ޒުވާބުކުރުމުންވެސް ކުދިންނަށް ނޭދެވޭ އަސަރުތައް ކުރުވައެވެ. "އޮފްކޯޒް....ފަންސާސް ޕަސެންޓް މީހުން ރިކަވާވެ ވަޒީފާއަށްގޮސް އާއްމު ހާލަތަށް ރުޖޫއަވޭ. ޕޮޒިޓިވްކޮށް ވިސްނަންވާނީ..." "މަންމަ ގެއްލިގެން ދާން ނޭދެން. އަލުން ކަމެއްވެއްޖެއްޔާ...އެކަމަކު ދޭ ވޯންޓް ކަމްބެކް އެގެއިން...." މާޒިމް އެކަމަށް ރައްދެއް ނުދިނެވެ. ޚުޝަލްމެން ގަބޫލުކުރަނީ މަންމަ ޖިންނި މޮޔަވީކަމުގައެވެ. އެ ވިސްނުން ބަދަލުކުރުން ފަސޭހައެއްނުވާނެއެވެ. އޭނައަށް ކޮންމެ އެއްޗެއް ކިރައިލެވެނީ ސައިންސްގެ ތަރާދުންނެވެ. *** މާޒިމްއާއި ކޮއްކޮމެެން އަދި މީކާއިލްއާއި މެހެކް ސިޓިންރޫމްގައި ވާހަކަަދައްކަން ތިބިއިރު ކަފަބުދު ކައިރީގައި ބައިންދައިގެން ކުރެހުމަށް ގެއްލިފައި މިރެލް އިނެވެ. އިރުކޮޅެއްފަހުން ދުވެފައި އައިގޮތަށް މާޒިމްގެ އުނގަށް އެރިއެވެ. "ޑޭޑް..އުވައިސް..." "ހަހް؟" މާޒިމް ބުމަ އަރުވައިލިއެވެ. "އުވައިސް..."މިރެލްގެ ތަކުރާރުކޮށް ކީ އެނަމެވެ. "ސުބުހާނަﷲ.."މަދީނާއަށް ލޯ ބޮޑުކޮށްލެވުނެވެ."އަަހަރެން ވާހަކަދައްކާއިރު މިރެލް އަޑުއަހައިގެން ހުރެފައި އެނަން ދަސްކުރީކަމަށްވާނީ. އެއީ މައި އިމޭޖިނަރީ ފްރެންޑް...." *** މީކާއިލްއާއި މަދީނާގެ ކައިވެނީގެ ތާރީޚު ބަދަލުކޮށްލުމަށްފަހު ކައިވެންޏަށްޓަކާ ތައްޔާރީތައް ވެވެމުން ދިޔައެވެ. މާޒިމްގެ އެދުމަށް މަދީނާވެސް ތެރަޕީނަގަން ފެށުމުން އޭނަވެސް ކުރިއަށްވުރެ ނަފްސާނީގޮތުން ވަރުގަދާވަކަން ފާހަގަވިއެވެ. މިރެލްގެ މިޒާޖު ހުންނަގޮތާއި "އުވައިސް" ގެ ނަން މަދު ހާލަތެއްގައިވެސް ބުނެލާގޮތުން ކަންބޮޑުވެގެން އުރުޖުވާންވެސް އެދިގެން ނަފްސާނީ މާހިރަކަށް ދައްކާ އެސެސްމެންޓް ހަދާފައި ތެރަޕީއަށް ގެންދާންފެށިއެވެ. މިރެލް އެންމެ ކުރާ ހިތްވާކަމަކަށް ވީ ކުރެހުމެވެ. އަބަދު އެކިވައްތަރުގެ ކުލަތައް އެއްކޮށްލައިގެން އިނދެ ކުރަހާ ނިންމާފައި ދޭ އެއްޗެހިން އުރުޖުވާންމެންނަށް އެއްޗެއް ދޭހައެއްނުވެއެވެ. ނަމަވެސް ދަރިފުޅުގެ ކޮންމެ ކަމަކަށް ހިތްވަރުދީ ތައުރީފުކުރެއެވެ. އެންމެންވެސް ވިނަގަނޑު މަތީގައި އިށީދެލައިގެން ތިބީ ޚަރީފު މޫސުމްގެ ޕިކްނިކެއް ހަދާލުމަށެވެ. ކުއިލްޓްމަތީގައި އެކި ބާވަތްބާވަތުގެ ކާ އެއްޗެއްސާއި ހޫނު ބުއިންތަކެވެ. ނަބީލާއާއި ނާޝިދު އަދި އެހެން އެންމެން އެއް ދިމާލެއްގައި ތިބިއިރު މެހެކްއާއި ޚުޝަލް ވަކި ކުނަލެއްގެ މަތީގައި ތިއްބާ މިކާއިލްވެސް އެތަނަށް އައެވެ. އޭރު އެދެމީހުންގެ މައުޟޫއަކީ މިރެލްއެވެ. "މިކާ..ތެދެއްތަ؟ މިރެލްއާއި މިގޭ އެންމެންނަށް ޖިންނިއެއްގެ އުދަގޫ ޖެހިފަތަ؟"ޚުޝަލްއެހިއެވެ."ކެނާންއާއި މާޒް ވާހަކަ ނުދެއްކުން. މަންމައާއި މާޒްވެސް ދުރުވުން މަދީނާގެ މައްސަލަގަނޑު. އެހެން ބުނީމަ.....ކެނާން ނެތީމަވެސް ހާދަ ފަޅުވެއްޖެއޭ...ކުރީގެ އުފާވެރިކަން ގެއްލި އެންމެން ބީރައްޓެހިންނަށް ވެއްޖެ....ތިމާގެ ގުޅުން ކެނޑިގެންނުވާނެ........." "މިރެލްގެ ގައި ތެރެއަށް ޖިންނިއެއް ވަދެފައި ހުންނަހެން ކުރިން އުޅުނީ. ބައެއްފަހަރު ބިރުވެސް ގަނޭ. އުރޫޖްއަށް އެކަން އެނގިއްޖެއްޔާ ދެރަވާނެ. އެކަމަކު އެއީ ހަމަ ނޯމަލް ކަމެއްނޫން...މިހާރު މިރެލް ނަފްސާނީ މައްސަލަ އެޖެހުނީވެސް އެކަމާއިހެދި..އެ ބުނާ އުވައިސް.........." މެހެކް މީކާއިލްގެ ތަށްޓަށް ޕަމްޕްކިން ޕައިކޮޅެއް ލިއެވެ." ވަރަށް މީރުވާނެ..ރަހަ ބަލައިލާ......" "ހޫމްމމް."މިކާއިލްއަށް ބަލައިލެވުނީ މަދީނާއަށެވެ. މަދީނާ އޭނަގެ ބައްޕަގެ ކޮނޑުގައި އަތް ބާއްވާލައިގެން އިނދެ ކޮންމެވެސް އެއްޗެކޭ ކިޔާފައި ހެނީއެވެ. މާޒިމް އިނީ މަންމަގެ ގާތުގައެވެ. މިރެލްއާއިއެކު ކުޅެން ނަބީލާ އިނީ ވަރަށް އުފާވެފައިކަން އެނގެނީ ދޭތެރެއިން ޖަހައިލާ ހިނިގަނޑުންނެވެ. މާޒިމްވެސް ފުރުމުގެ ކުރިން މަންމައަށް ކުރިން ނުދެވުނު ވަގުތު ދީ އެކަން ފޫބައްދަން މަސައްކަތްކުރާފަދައެވެ. "މާޒްވެސް މަންމައާއި މިހާރު ވާހަކަދައްކައެއްނު. ޖިންނިތައް ދިޔައީކަމަށްވާނީ.."މެހެކް ހީލިއެވެ."އަހަރެމެން ޖެހެނީ ހަމަ ގުރުއާން ކިޔަވާފައި ޖިންނިތައް އަވަނުލާނެ ގޮތަށް ދިރިއުޅުން ބައްޓަން ކުރަން. ސިހުރުހަދާ މީހުން ސިހުރުހެދިޔަސް އަހަރެމެންނަށްވީ ވަރެއްވެސް ކުރަންވާނެ......" "މިޒަމާނުގައި ދެން ދުނިޔެއަށް ހެއްލި ބާރު ހޯދަން ސިހުރު ޖުވާކުޅުން ކަހަލަ ހުރިހާ ނުބައި ކަންތައްތަކަށް އަރާނެ. ބިރެއްނެތި..އެންމެންވެސް ބޭނުންވަނީ މަޖާކޮށް އުފަލުގައި އުޅެން، އީޒީ މަނީ..އެ ހެޔޮ ހަލާލު ނޫނަސް."މީކާއިލް ބުނެލިއެވެ. "އެންޖޯއި ކުރަންވާނީ އަޅުކަން ދޫކޮށްނުލާ... އުފާކުރަންވާނީ އާޚިރަތްމަތިންވެސް ހަނދާން ނައްތާނުލާ.. ސަބަބަކީ ދުނިޔެ ފަހާ ދުވުނަސް މަރު އައިސް ބައްދަލުކުރާނެތީ. އަހަރެމެންގެ ނަފުސްގެ އެންމެ ރީތި އެއްޗަކީ ފުރާނަ. ހަށިގަނޑަށްވުރެވެސް އަޅާލަންވީ ފުރާނައާއިމެދު............" މިކާއިލް އެދެޒުވާނުން އެކަނިވެލާން ވަގުތު ދީފައި ދިޔުމުން ޚުޝަލް މެހެކްގެ މޫނަށް ބަލައިލިއިރު އެ ނަޒަރުގައިވަނީ އިންތިހާ ލޯތްބެވެ."މެހެކް...ވަރަށް ބޮޑަށް ސޮރީ..އަހަރެން.........." "އެވާހަކަ ބާއްވާ. ހިތުގައި އެއްވެސް އެއްޗެއްނެތް އެވަގުތުވެސް މާފުކޮށްފިން......... އެއްވެސް އިންސާނެއް ފުރިހަމައެއްނުވާނެ. ހުރިހާ އުނި ސިފައަކާއެކު ލޯބިވާނީ...ރުޅިއަކީވެސް ހަމަ އެންމެންގެ ހުންނަ ތަބީއީ ސިފައެއް. އެނގޭތަ؟ އަހަންނަށްވެސް ގަބޫލުކުރެވިއްޖެ.. ކިތަންމެ ބޭނުންވެގެން އުޅުނަސް ﷲ އިރާދަނުކުރައްވާކަމެއް ނުވާނެ. މަސައްކަތްކޮށްފައި ތަވައްކުލް ކުރަން ޖެހޭނީ. ދަރިއަކު ލިބެން ހުރިއްޔާ އަބަދު އެހެން ނުކިޔަސް ލިބޭނެ. ޝަކުވާނުކުރިޔަސް......" ޚުޝަލް އެއްޗެކޭ ނުބުނެ ކުޑަކޮށް ހިނިތުންވެލާފައި ބަލަން އިނީ މެހެކްގެ މޫނަށެވެ. ކުއްލިއަކަށް ކުދި ފިވަޔަޅުތަކެއްގެ އަޑު އިވުމުން އެނބުރުނުއިރު ފަހަތުގައި ހުއްޓިލައިގެން ހުރީ މިރެލްއެވެ. މިރެލް އޭނަ ގެންގުޅޭ ބޮޑު ބެއާގެ އަތުގައި ހިފަހައްޓައިގެން ހުރިއިރު މޫނުމަތީގައިވަނީ މައުސޫމްކަމުން ފުރިފައިވާފަދަ ގޮތެކެވެ. އެކަމަކު ކުރިން އެހުންނަ ގާތްކަމެއްނެތެވެ. ދުރު ހިލޭކަމެވެ. ބީރައްޓެހިކަމެވެ. ކުޑައިރުވެސް ހުރިހާ އުފާތައް ގެއްލިފައިވާ ކުއްޖެއްހެންނެވެ. "ސްވީޓްހާޓް....އާދޭ..ކޯނޗެއްކާނީ؟ ކޭކު ނޫނީ ޕައި؟" ޚުޝަލް ތެދުވެގެންގޮސް އުރައިލަން އުޅުނެވެ. މިރެލް ރަކިގޮތަކަށް ހީލަމުން އަނެއް އަތުގައި އޮތް ކުރެހުމެއް ދިނެވެ. ކުލަތަކުން ފަވާލާފައިވާއިރު ޚުޝަލްއާއި މެހެކްގެ ނަން ޖަހާފައި ލޯބިވާ ވާހަކަ ބުނެފައެވެ. "ލަވް ޔޫ ޓޫ...." ޚުޝަލް އެކުއްޖާ ގެނެސް އަތުތެރޭ ބޮނޑިކޮށްލިއެވެ. "ޕީނަޓް ކުރަހަން ހާދަ މޮޅޭ...މާޝާﷲ..ކާކު ދަސްކޮށްދިނީ؟" "އުވައިސް.." ރަކިގޮތަކަށް ހީލަމުން މިރެލް އަނެއްފަރާތަށް އެނބުރުނުވެ. "މާމައާއެކު ކުޅެން........" "އަހަންނަށް ހީވަނީ ބުދުގަނޑުވެސް އީވިލްހެން...މިރެލް ކޮޓަރިއަށް ވަނީމަ ފީލްވަނީ ޓޯއި ސްޓޯރަކަށްވަދެވޭހެން. ފަހަރެއްގައި ބުދުތަކުގެ ސަބަބުން ދިމާވާ ކަމަކަށްވެސް ވެދާނެ....މާލެއަށް ބަދަލުވީމަ ފަހަރެއްގައި ރަގަޅުވެދާނެ ދޯ. އެއްގޮތަކަށްވެސް އެހާ ގިނަ ބުދުތައް ގެންގުޅުން އޯކޭއެއް ނޫން......ދީނުގައި މިކަން އޮންނަނީ ކިހިނެއްތަ؟ ރަހުމަތުގެ މަލާއިކަތުން ވަދެވަޑައިގަންނަވާނެތަ؟."މެހެކް ސުވާލުކޮށްލިއެވެ. އެންމެންގެ ގުޅުން ރަގަޅުވެ އާ ފަތްތަރަކަށް ދިޔައިރު ދުރުވީ ހަމައެކަނި މިރެލްއެވެ. މިރެލްގެ މިޒާޖުގައި އެހެރަ ބީރައްޓެހިކަން ކަނޑުވާލެވިގެން ނޫނީ ހިތްހަމަޖެހުމެއްނެތެވެ. ނަފްސާނީ މާހިރުންވެސް ބުނަނީ އަދި މި މަރުހަލާވެސް ނިމޭނެކަމުގައެވެ. އަލުން އެންމެނާއި އެކުވެރިވެ އުފާވެރި މަޖާކުއްޖަކަށް ވާނެކަމުގައެވެ. އެފަދަ ދުވަހަކަށް ޖެހޭނީ އިންތިޒާރުކުރުމަށެވެ. ދިރިއުޅުމަކީ ކުރު އެއްޗެކެވެ. ވަގުތީ ފާލަމެކެވެ. މިތަނުގައި އުޅެން ލިބިފައިވާ މަދު ދުވަސްކޮޅު ކޫސަނި ކަންތައްތަކާއިހެދި އަރައިރުންވެ ގުޅުން ކެނޑުމުގެ ބަދަލުގައި ﷲ ތައާލާ އެންގެވި ގޮތަށް އުޅުމުން ދިރިއުޅުމުގައި ބަރަކާތް ލައްވާނެކަން ޔަގީނެވެ. ރަހިމުގެގުޅުން ނުކަނޑަން ދީނުގައި އޮތްއިރު މާޒިމްއާއި ކެނާން ބީރައްޓެހިންފަދައެވެ. އަންހެންކުއްޖެއްގެ މައްސަލައިގާ ދެބެން ވަކިވުމަކީ ވޭނެކެވެ. ޚުޝަލްގެ ދުޢާއަކީވެސް ކެނާންއާއި މާޒިމްގެ ގުޅުންވެސް ރަގަޅުވެ އެދޭތެރޭގައިވާ ބީރައްޓެހިކަން ކެނޑުމެވެ. ކެނާންއަށް ތަގުވާވެރި ބައިވެރިޔަކާއެކު ދުނިޔޭގެ ހުރިހާ އުފާތަކެއް ލިބުމެވެ. މާޒިމްއާއި އާއިލާގެ އެންމެނަށް ހިދާޔަތް ލިބުމެވެ. ސިހުރުގެ ނުބައިކަމުންނާއި ޝައިތާނުންގެ ގޯނާތަކުން ސަލާމަތްކުރެއްވުމެވެ. މައިންބަފައިންނަށް ރަހުމަތް ލެއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ