ތޯރިގު، އެފްއޭއެމް ރައީސް ކަމަށް އިންތިހާބުކޮށްފި ތޯރިގު، އެފްއޭއެމް ރައީސް ކަމަށް އިންތިހާބުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް، ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، އަހުމަދު ތޯރިގު (ޓޮމް) ވަނީ އިންތިހާބުކޮށްފި އެވެ.
މި ފަހަރުގެ އިންތިހާބުގައި، ތޯރިގާ ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން، އޭނާގެ ކެންޑިޑޭސީ ހުށަހެޅިއިރު، އެފްއޭއެމްގެ މެމްބަރު ހުރިހާ ކްލަބެއްގެ ތާއީދާ އެއްގޮތަށް އޭނާ އަށް ވަނީ މިއަދު އެފްއޭއެމްގެ ރައީސްކަން ދެ ވަނަ ފަހަރަށް ލިބިވަޑައިގެންފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ތޯރިގު، މީގެ ކުރިން، އެފްއޭއެމްގެ ރައީސްކަން ކުރެއްވީ 2016 ވަނަ އަހަރު އެވެ. މީގެ ކުރިން، 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސްކަން ކުރެއްވި ތޯރިގު، ވަނީ މިދިޔަ އަހަރު އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރި ދެ އިންތިހާބުގައި ވެސް ވާދަކުރައްވަން ކެންޑިޑެސީ ހުށަހަޅައިފަ އެވެ.
ތޯރިގު އަތުން ކުރިން ފަަހަރު އެފްއޭއެމްގެ ރައީސްކަން ގެއްލުނީ، 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައި ތޯރިގާ އެކު، އިންތިހާބުވި އެގްޒެކްޓިވް ކޮމިޓީ (އެކްސްކޯ)ގެ ފަސް މެމްބަރުން އިސްތިއުފާ ދިނުމާ އެކު، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބުނާ ގޮތަށް އިންތިހާބެއް ބާއްވަން ޖެހުމުންނެވެ. އެ އިންތިހާބުގައި ތޯރިގާ ވާދަކުރައްވައި، ކާމިޔާބުކުރެއްވީ މިދިޔަ ދެ ދައުރު އެފްއޭއެމް ރައީސަކަށް ހުންނެވި، ބައްސާމް އަދީލް ޖަލީލް އެވެ.
މިއަދު ހެންވޭރު މީރުމާ އިވެންޓްސްގައި ބޭއްވި އެފްއޭއެމް އިންތިހާބީ ކޮންގްރެސްގައި އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަށް ދެން އިންތިހާބުވީ، ސީނިއާ ވައިސް ޕްރެޒިޑެންޓެއްގެ ގޮތުގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވެސް ވައިސް ޗެއާމަން އަލީ އިބްރާހީމް (ކައްޕި)، އަދި ނައިބު ރައީސުންގެ ގޮތުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ)، ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، އަދި ނިއު ރޭޑިއަންޓްގެ ބޯޑު މެމްބަރު، ވެމްކޯގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ.
ދެން، އެކްސްކޯ މެމްބަރުންގެ ގޮތުގައި ގައުމީ ޓީމަށް ތޯރިގާ އެކު ކުޅުނު، ގޯލްކީޕަރު، އިމްރާން މުހައްމަދު އާއި މުހައްމަދު އުމެއިރު، ޓީސީގެ އަހުމަދު އައްބާސް، އޮޑި ސްޕޯޓްސް ކްލަބްގެ އަބްދުﷲ ނާސިހު އަދި، ބީޖީ ސްޕޯޓްސްގެ އަލީ ރިޒްވާން (އައްޔަ) ހިމަނައިފައިވެ އެވެ. އަންހެން މެމްބަރުންގެ ގޮތުގައި ހިމެނެނީ، ހައްވާ ނަސްރާ ސައީދު އަދި ހައްވާ ރަޝީދާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ