ރާއްޖެއަކީ ހަރުދަނާ، މިނިވަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާއެއް އެކުލެވިގެންވާ ގައުމެއް: އުރީދޫ

ކަނެކްޓިވިޓީއަކީ އިންވެސްޓްމަންޓަށް ބާރުދޭ ވަރަށް މުހިންމު ވަސީލަތެއް ކަމަށާއި ރާއްޖެއަކީ ހަރުދަނާ، މިނިވަން ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗާއެއް އެކުލެވިގެންވާ ގައުމެއް ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވެއްޖެ އެވެ. އޭނާ މިފަދައިން ވިދާޅުވީ، ސިންގަޕޫރުގެ ބިޒްނަސް ފޯރަމް 2025ގައި "ފްރޮމް ފައުންޑޭޝަން ޓު ފިއުޗާ: އެކްސްޕްލޯރިން އިންވެސްޓްމަންޓް ޕާޓްނާޝިޕް"ގެ ނަމުގައި ބޭއްވި ޕެނަލްއެއްގައި ވާހަކަ ދައްކަވަމުންނެވެ.މި ޕެނަލްގައި ދެމެހެއްޓެނިވި އިގްތިޞާދީ ކުރިއެރުމާއި، ފަތުރުވެރިކަމުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި އެކި ދާއިރާތަކުން އީޖާދީ ކަންކަމަށް ބާރުއެޅުމަށް ހަ ސަބްމެރިން ކޭބަލް ސިސްޓަމް ބޭނުންކުރާނެ ގޮތް ފަދަ ކަންކަމަށް ވާހަކަ ދެއްކިއެވެ.މި ޕެނަލްގައި ވާހަކަ ދައްކަވަމުން ޚާލިދު ވިދާޅުވީ، ކަނެކްޓިވިޓީއަކީ އިންވެސްޓްމަންޓަށް ބާރުދޭ ވަރަށް ބޮޑު ވަސީލަތެއް ކަމަށެވެ."ބައިނަލްއަޤްވާމީ ހަ ސަބްމެރިން ކޭބަލް މުޅި ދުނިޔެއާ ގުޅާލާފައިވާއިރު، އުރީދޫގެ އެންމެ ޒަމާނީ ޑޭޓާ ސެންޓަރާއި ޑިޒާސްޓާ ރިކަވަރީ ފެސިލިޓީތަކާއެކު ޒަމާނީ ވިޔަފާރިތަކުން ޑިމާންޑްކުރާ ރިލައިބިލިޓީ އާއި ސްކެލެބިލިޓީ އަޅުގަނޑުމެން ނަށް ފޯރުކޮށްދެވޭނެ،" ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.ހަމާދީ ވިދާޅުވި ގޮތުގައި އުރީދޫ ގްރޫޕްގެ އެންވީޑިއާ ފަދަ ގްލޯބަލް ޕާޓްނާޝިޕްތައް މެދުވެރިކޮށް ދުނިޔޭގެ ފެންވަރުގެ އޭއައި އާއި ޖީޕީޔޫއަށް ރާއްޖޭގައި އުރީދޫ އޮތީ ތައްޔާރަށެވެ."އޭގެ މާނައަކީ ހަމައެކަނި ޑިޖިޓަލް މުސްތަގުބަލަށް ތައްޔާރުވެގެން ނޫން. އަޅުގަނޑުމެން މިތިބީ ޑިޖިޓަލް މޯލްޑިވްސް ބިނާކުރުމަށް ބޭނުންވާ ބާރާއި ކަނެކްޓިވިޓީއިން އިންވެސްޓަރުންނަށް މިހާރުން މިހާރަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް،" ހަމާދީ ވިދާޅުވި އެވެ. މި ފެނަލްގައި ޚާލިދުގެ އިތުރުން، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ވިލާ ގްރޫޕުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް ފަދަ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.މި ޕެނަލް ބޭއްވީ ރާއްޖެއާ ސިންގަޕޫރާ ދެމެދު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ފާހަގަކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ފޯރަމެއްގެ ތެރެއިންނެވެ.މި ފޯރަމްގެ މަގުސަދަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިޞާދުގެ ތެރެއިން ގުޅުން ބަދަހިކުުރުމަށް އައު ފުރުސަތުތައް ހޯދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ